ސަރުކާރު މީޑިއާ ތަމްސީލް ކުރާ ފަރާތަކުން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ރިޔާސަތު ބަލަހައްޓާތީ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އެމްއެމްސީގެ ރައީސް ކަމަށް ޕަބްލިކް ސާވިސް މީޑިއާގެ ޓެކްނިކަލް އޮޕަރޭޝަން މެނޭޖަރު އަޙްމަދު މުސްތަފާ، އަދި ނައިބު ރައީސް ކަމަށް ވަގުތު އޮންލައިންގެ ޑެޕިއުޓީ އެޑިޓަރު ޙުސައިން ޝަރީފް މިއަދު ވަނީ އިންތިޚާބު ކޮށްފައެވެ.
ޕީއެސްއެމް ތަމްސީލުކުރާ ފަރާތެއް، އެމްއެމްސީގެ ރައީސްކަމަށް އިންތިޚާބުކުރުގެ ކަންބޮޑުވުން ފައުޅުކޮށް އެމްޖޭއޭ އިން މިއަދު ނެރުނު ނޫސްބަޔާނުގައި ވަނީ މީޑިއާތަކުން ސެލްފް ރެގިއުލޭޓް ކުރުމަށް އުފައްދާފައިވާ، އެމްއެމްސީގެ ކުރިއަށް އޮތް ދައުރުގެ ރައީސް ކަމަށް ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ތަމްސީލް ކުރާ ބޭފުޅަކު އިންތިޚާބުވެފައި ވާތީ، ނޫސްވެރިންގެ ޔޫނިއަންއެއްގެ ހައިިސިއްޔަތުން ނިހާޔަތަށް ކަންބޮޑުވާ ކަމަށެވެ.
"މިވަގުތު ގާނޫނު އޮތް ގޮތުން ޕީއެސްއެމަކީ ސަރުކާރުގެ އާއްމު ކުންފުންޏެކޭ އެއްގޮތަށް ސީދާ އެއިރަކު ހުންނަވާ ރައީސުލްޖުމްހޫރިއްޔާ އެތަނުގެ ބޯޑާއި ހިންގުމަށް ބޭފުޅުން އައްޔަން ކުރާ ތަނެއް. އެހެންކަމުން ސަރުކާރު މީޑިއާ ތަމްސީލް ކުރާ ފަރާތަކުން މީޑިއާތައް ސެލްފް ރެގިއުލޭޓް ކުރާ މުއައްސަސާއެއްގެ އެންމެ މަތީ މަގާމަށް އައުމަކީ ދައުލަތުގެ ނުފޫޒެއް ނެތި މީޑިއާތަކުން ސެލްފް ރެގިއުލޭޓް ކުރުމަށް މިހާރު އޮތް ނިޒާމު މުޅިން ގަޑުބަޑުވެ، އެކަމުގެ ތެރެއަށް ނުރަނގަޅު ނުފޫޒުތައް ވަނުމަށް ހުޅުވިގެންދާ ދޮރެއް،" ބަޔާނުގައިވެއެވެ.
އެމްޖޭއޭއިން ބުނީ ސަރުކާރު މީޑިއާއިން، މީޑިއާ ސެލްފް ރެގިއުލޭޓް ކުރާ މުއައްސަސާއެއްގެ ރިޔާސަތު ބެލެހެއްޓުމަކީ، އެ ނިޒާމު ބަލައިގެންފައިވާ ދުނިޔޭގެ ގައުމުތަކާއި އެ އުސޫލުގެ އާންމު ހަމަޔާ މުޅިން އިދިކީލަ ގޮތެއް ކަމަށެވެ.
އޭގެ އިތުރުން އެކަމުގެ ސަބަބުން ރާއްޖޭގެ ގިނަ އަދަދެއްގެ ނޫސްވެރިން މަސައްކަތް ކުރަމުން އަންނަ އަމިއްލަ މީޑިއާތަކަށް ދައްޗާއި ތުރާ ކުރިމަތިވެދާނެ ފަދަ ސިޔާސަތުތަކެއް އެކަށައެޅިގެން ދިޔުމުގެ ފުރުސަތު އޮތަތީ އެ ޔޫނިއަންއިން ކަންބޮޑުވާ ކަމަށް ބަޔާނުގައިވެއެވެ. އަދި އާޚިރުގައި އޭގެ ގެއްލުން ކުރިމަތި ވާނީ ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ހާލަތަށާއި ބުރަކޮށް މަސައްކަތް ކުރާ އާންމު ނޫސްވެރިންނަށް ކަމުގައި އެ ޔޫނިއަންއިން ދެކޭކަން ފާހަގަ ކޮށްފައިވެއެވެ.
އެމްޖޭއޭގެ ބަޔާން ނިންމާލަމުން ލިޔެފައިވަނީ އެ ޔޫނިއަނުން އަބަދު ވެސް ގަބޫލުކުރަނީ އަދި ވަކާލާތު ކުރާ ހަމައަކީ މީޑިއާ ރެގިއުލޭޓް ކުރަން ވާނީ ދައުލަތުގެ ނުފޫޒެއް ނެތި އޮންނަ ސެލްފް ރެގިއުލޭޓަރީ ނިޒާމެއްގެ ތެރެއިންކަމަށެވެ. އަދި އެ ނިޒާމު ގަޑުބަޑުވެގެން ދާ ފަދަ ގޮތަކަށް ކަންވެގެން ދިޔުމަކީ ރާއްޖޭގައި ޕްރޮފެޝަނަލް މިނިވަން މީޑިއާގެ ވެއްޓެއް ގާއިމްކުރަން ކުރަމުން އަންނަ އުނދަގޫ ދަތި މަސައްކަތުގައި ފަހަތަށް އެޅުނު ފިޔަވަޅެއްކަމުގައި ވެސް އެ ޔޫނިއަންއިން ދެކޭ ކަމަށް އެމްޖޭއޭއިން ބުންޏެވެ.