ފްރާންސް ފައިނަލަށް، މުޅި އިސްލާމީ އުންމަތް ފަހުރުވެރިވާ މޮރޮކޯއަށް އެންމެންގެ ތައުރީފު

ފްރާންސާއި މޮރޮކޯ ބައްދަލުކުރި މެޗުގެ ތެރެއިން --ފޮޓޯ/ގެޓީ އިމޭޖަސް

ފީފާ ވޯލްޑް ކަޕް 2022 ގައި އެންމެން ހައިރާންކުރުވަނިވި ނަތީޖާތަކެއް ނެރެ، މުޅި އިސްލާމީ އުންމަތް ފަހުރުވެރިވާފަދަ ކުޅުމެއް ދެއްކި މޮރޮކޯ ބަލިކޮށް، 2018 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ޗެމްޕިއަން ފްރާންސް، މި މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.

މުބާރާތުގެ ސެމީ ފައިނަލާ ހަމައަށް މޮރޮކޯ ދަތުރުކުރީ ދުނިޔޭގެ ފުޓުބޯޅައިގެ ގަދަބާރުތައް ފަހަތަށް ޖައްސާލުމަށްފަހުއެވެ. އެގޮތުން ގްރޫޕް ސްޓޭޖުގައި ގްރޫޕް އެފްގެ އެއްވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރަށް މޮރޮކޯ ދަތުރުކުރީ ދުނިޔޭގެ ފުޓުބޯޅަ ރޭންކިންގެ ދެވަނައިގައި އޮތް ބެލްޖިއަމްއާއި އެންމެފަހުގެ ރަނަރަޕް ކްރޮއޭޝިއާ އަދި ކްރޮއޭޝިއާ ބަލިކުރުމަށްފަހުއެވެ.

ރައުންޑް އޮފް 16 ގައި މޮރޮކޯއިން ވަނީ ގަދަފަދަ ސްޕެއިން ބަލިކޮށްފައެވެ. އަދި ކުއާޓާ ފައިނަލުގައި މޮރޮކޯއިން ވަނީ 2016 ވަނަ އަހަރުގެ ޔޫރޯ މުބާރާތުގެ ޗެމްޕިއަން، ޕޯޗުގަލް ވެސް ބަލިކޮށްފައެވެ. ސެމީ ފައިނަލާ ހަމައަށް މޮރޮކޯ ދަތުރުކުރިއިރު ބައިކޮޅަށް ވަދެފައި ވަނީ އެންމެ ލަނޑެކެވެ. އެއީވެސް އެ ޓީމުގެ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އެހެންކަމުން މިހާ ހިސާބަށް އައިއިރު މޮރޮކޯ ކޮޅަށް އިދިކޮޅު ޓީމުގެ ކުޅުންތެރިއަކަށް ލަނޑެއް ޖެހިފައި ނުވާކަން ފާހަގަކޮށްލެވެއެވެ.

ފްރާންސާއި ދެކޮޅަށް މޮރޮކޯއިން ނެރުނު ފުރަތަމަ 11 --ފޮޓޯ/ގެޓީ އިމޭޖަސް

އެހެންކަމުން ފްރާންސްއިން މި މެޗާ ކުރިމަތިލުމުގެ ކުރިން، އެ ޓީމުގެ ކޯޗު ވަނީ މޮރޮކޯގެ ގޯލުގެ ތަޅު ހުޅުވާނެ ޓީމަކީ ފްރާންސް ކަމަށް ބުނެ، ވަރުގަދަ އިންޒާރެއް ދީފައެވެ.

ކޯޗު ބުނިގޮތަށް، މި މެޗުގެ ވަރަށް ކުރީކޮޅު ފްރާންސުން ވަނީ ލަނޑެއް ޖަހައި ލީޑު ނަގާފައެވެ. އޭރިއާ ތެރެއިން ފްރާންސްގެ ގިނަ ކުޅުންތެރިންތަކެއް ހަމަލާއެއް އުފައްދަން މަސައްކަތް ކުރަމުން ދަނިކޮށް، އެމްބާޕޭ ފޮނުވާލި ހަމަލާއެއް މޮރޮކޯގެ ކުޅުންތެރިއެއްގެ ގައިގައި ޖެހިފައި ގޮސް، ފްރާންސްގެ ތިއޯ ހެނާންޑޭޒްއަށް ލިބުމުން އޭނާ ވަނީ ހަމަޖެހިލާފައި ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައި، ފަސްވަނަ މިނެޓުގައި ފްރާންސަށް ލީޑު ނަގާދީފައެވެ.

ލަނޑު ޖެހުމަށްފަހު ތިއޯ ހެނާންޑޭޒް އުފާ ފާޅުކުރަނީ --ފޮޓޯ/ގެޓީ އިމޭޖަސް

އެހެންނަމަވެސް އެ ލަނޑަށްފަހު މޮޅު ކުޅުމެއް ދައްކައި، އެޓޭކިންގް ވަރުގަދަ ގޭމެއް ކުޅުނީ މޮރޮކޯއިންނެވެ. އެޓީމުގެ ކުޅުންތެރިން ވަނީ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށް، ނުރައްކާތެރި އެތައް ހަމަލާތަކެއް އުފައްދާފައެވެ.

މޮރޮކޯގެ ޖާވިދް އަލް ޔަމީގް، އޯވާހެޑަކުން ބޯޅަ ފޮނުވާލަނީ، މި ބޯޅަ ގޯލުގެ ކަނަށް ވަންނަން ދަނިކޮށް ހުއްޓުވީ ފްރާންސްގެ ކީޕަރު ލޮރިސް --ފޮޓޯ/ގެޓީ އިމޭޖަސް

މެޗުގައި އެންމެ މޮޅު ކުޅުމެއް ދެއްކި މޮރޮކޯއަށް ކާމިޔާބު ކަމާއެކު ނުކުރެވުނު ހަމައެކަނި ކަމަކީ ފްރާންސްގެ ގޯލުގެ ތެރެއަށް ބޯޅަ ވައްދާލުމެވެ.

އެޓޭކިންގް ވަރުގަދަ ކުޅުމެއް ކުޅެމުންދިޔަ މޮރޮކޯ މާޔޫސްކޮށްލާ، މި މެޗުގެ މޮޅު އެޓީމަށް ކަށަވަރުކޮށްދިން ލަނޑު ކާމިޔާބުކޮށްދިނީ، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި ރަންޑާލް ކޮލޯ މުއާނީއެވެ. 79 ވަަނަ މިނެޓުގައި އޭނާ މި ލަނޑު ކާމިޔާބު ކޮށްދިނީ ކުޅެން އެރިތާ 44 ސިކުންތުގެ ތެރޭގައެވެ.

ފްރާންސާއި މޮރޮކޯ ބައްދަލުކުރި މެޗުގެ ތެރެއިން --ފޮޓޯ/ގެޓީ އިމޭޖަސް

މި މޮޅާއެކު ފްރާންސްއިން މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ ކަށަވަރުކުރިއިރު، ފައިނަލުގައި އެޓީމު ނުކުންނާނީ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ކްރޮއޭޝިއާގެ މައްޗަށް ކުރިހޯދި އާޖެންޓީނާއާ ދެކޮޅަށެވެ. ފައިނަލް މެޗު ކުޅޭނީ އަންނަ އާދިއްތަ ދުވަހުގެ ރެއެވެ.

ސެމީ ފައިނަލުގައި ފްރާންސް އަތުން ބަލިވެ ފައިނަލުގެ ޖާގަ ގެއްލުނު ނަމަވެސް، މުބާރާތުގެ ތިންވަނަ ހޮވާ މެޗު އެޓީމަށް ބާކީ އެބައޮތެވެ. އެ މެޗު ކުޅޭނީ ހޮނިހިރު ދުވަހުގެރޭ 8 ޖަހާއިރުއެވެ.

ފްރާންސާއި މޮރޮކޯ ބައްދަލުކުރި މެޗު ބަލަން ފަލަސްޠީނުގެ ކެފޭއެއްގައި އެ ގައުމުގެ ރައްޔިތުންތަކެއް -ފޮޓޯ/ގެޓީ އިމޭޖަސް

މުބާރާތުގެ ސެމީ ފައިނަލުން ބަލިވެ، ފައިނަލްގެ ޖާގައެއް މޮރޮކޯއަށް ގެއްލުނަސް، މުޅި އިސްލާމީ އުންމަތުގެ ލޯބި މޮރޮކޯއިން ހޯދީ މެޗުތަކުގެ ތެރެއިންވެސް އަދި މެޗަށްފަހުވެސް އެމީހުންގެ ފަރާތުން ފެނިގެންދިޔަ އިސްލާމީ ރީތި ސިފަތަކުގެ ސަބަބުންނެވެ. ކޮންމެ މެޗަކަށްފަހު ފަލަސްޠީނުގެ ދިދަ ދަނޑު މަތީގައި ވިހުރުވާލައި، ލިބޭ ކާމިޔާބީތައް ކުޅުންތެރިންގެ މައިންނާއެކު ފާހަގަކުރުމުގެ އިތުރުން ކުޅުންތެރިންގެ ފަރާތުން ފެނުނު ސާދާ، ރިވެތި އަހްލާގުވީ، އިސްލާމީ އުންމަތުގެ އިތުރުން މުޅި ދުނިޔޭގެ ތައުރީފު އެ ޓީމަށް ލިބުނު ކަމަކަށެވެ.

މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށް މޮރޮކޯއިން ވަނީ ގިނަ ޝަރަފުތަކެއް ހޯދާފައެވެ. އެގޮތުން އެފްރިކާ ބައްރުގެ ގައުމަކުން ވޯލްޑް ކަޕުގެ ސެމީ ފައިނަލުގައި ކުޅުނު މިއީ ފުރަތަމަ ފަހަރެވެ. އަދި މިއީ އަރަބި އިސްލާމީ ގައުމަކުން ސެމީ ފައިނަލުގައި ކުޅުނު ފުރަތަމަ ފަހަރެވެ.

comment ކޮމެންޓް