އެއީ ދިވެހި ބަހާއި އަދަބަށް ޚިދުމަތުގެ އިލްމުވެރިއެކެވެ. ދިވެހި ފޯކްލޯރާއި ތާރީޚުގެ މުއައްރިހެކެވެ. ނޫސްވެރިކަމުގައި ވެސް އެހައިމެ ފުންނާބު އުސް ނޫސްވެރިކަމުގެ ރަން ގަލަން ހާސިލްކުރައްވައިފައިވާ، ނޫސްވެރިއެކެވެ.
ދިވެހި ދައުލަތުގެ އިއްޒަތް ކަމަށްވާ، ނިޝާން ދިޔަމިގިލީ ޝަރަފުގެ އިއްޒަތްތެރިޔާ މަރްހޫމާ އަންނަބީލާ ޙަބީބާ ހުސައިން ހަބީބެވެ.
ޙަބީބާއަކީ ދިވެހި ސަރުކާރަށް ބައި ގަރުނު ޚިދުމަތްކުރެއްވި ޚިދުމަތްތެރިއެކެވެ.
ޙަބީބާ ވަނީ އިންޑިއާގެ ހައިދަރުއާބާދުގެ އުސްމާނިއްޔާ ހައި ސްކޫލުން އުރުދޫ މީޑިއަމަށް އަދި ސްރީލަންކާއިން އިނގިރޭސި މީޑިއަމަށް ތަޢުލީމު ހާސިލުކުރައްވާފައެވެ. އޭގެ ފަހުން މާލެ ވަޑައިގެން ސަރުކާރުގެ ޚިދުމަތާ ގުޅިވަޑައިގަތެވެ.
ޙަބީބާ، ފުރަތަމަ އަދާކުރެއްވީ މަދްރަސަތުއް ސަނިއްޔާގެ މުއާވިނާކަމެވެ. އޭގެފަހުން، ދެ ނަންބަރު މުދައްރިސާ ކަމާއި، ޚާއްސަ މުދައްރިސްކަމާއި، މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒްގެ ސެކްރެޓަރީ ކަމާއި، ވޯލްޑް ހެލްތު އޯގަނައިޒޭޝަނާބެހޭ ބައިގެ ސެކްރެޓަރީކަން ކުރައްވާފައިވެއެވެ.
ސަރުކާރުގެ ޚިދުމަތުގައި އެންމެ ގިނަދުވަހު ޙަބީބާ މަސައްކަތްޕުޅު ކުރައްވާފައިވަނީ ގައުމީ ކުތުބުޚާނާގައެވެ. އެގޮތުން 29 އަހަރު ދުވަހަށްވުރެ ދިގު މުއްދަތެއްގައި ގައުމީ ކުތުބުޚާނާގައި ޚިދުމަތް ކުރެއްވިއިރު، ތަފާތު މަގާމުތައް ފުރުއްވިއެވެ.
އެ ކަމަނާއަކީ ގައުމީ ކުތުބުޚާނާގެ އެންމެ ފުރަތަމަ ލައިބްރޭރިއަންއެވެ.
އެގޮތުން 1970ވަނަ އަހަރު އިނގިރޭސި ސެކްރެޓެރީއެއްގެ ވަޒީފާގައި އުޅުއްވުމަށްފަހު، 1978ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭ ކުތުބުޚާނާއަށް ލައިބްރޭރިއަންއެއްގެ ވަޒީފާއަަށް ގުޅިވަޑައިގަތެވެ.
އޭގެ ފަހުން 1987އަހަރު ޑެޕިޔުޓީ ޑިރެކްޓަރުގެ މަގާމާއި، 1990 ޑިރެކްޓަރުގެ މަގާމު ފުރުއްވިއެވެ. ޚިދުމަތްކުރެއްވުމުގައި ފަހަރަކު ހަރުފަތަކުން އެ ކަމަނާ ދިޔައީ ކުރިއެރުން ހޯއްދަވަމުންނެވެ.
ފަސް އަހަރު ފަހުން 1995ވަނަ އަހަރު ޑިރެކްޓަ ޖެނަރަލްގެ މަގާމު އެ ކަމަނާ ފުރުއްވިއެވެ. އޭގެ ފަހުން 2003 އެސިސްޓަންޓް އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމާއި 2007ވަނަ އަހަރު އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމު ފުރުއްވިއެވެ.
ޝަރަފުވެރިކަމާއެކު 2008ވަނަ އަހަރު ރިޓަޔާ ކުރެއްވިއިރު އެ ކަމަނާ ހުންނެވީ އެ މަގާމުގައެވެ.
މީގެ އިތުރުން ޙަބީބާ އަކީ، ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރެއްވި މެންބަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ.
އެ ކަމަނާއަކީ، ދިވެހިބަހާއި ތާރީޚަށް ޚިދްމަތްކުރާ ގައުމީ މަރުކަޒަށް ލަފާދޭ މަޖިލީހުގެ މެންބަރުކަމާއި، ތާރީޚު ކޮމިޓީގެ މެންބަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ.
ހަމައެހެންމެ، ގަރުނު ފޮތް ލިޔުމުގައި ވެސް ބައިވެރިވެވަޑައިގެންފައި ވެއެވެ. މީގެ އިތުރުން، ސްކޫލް ކުދިންނަށް ތާރީޚާ ބެހޭ މައުލޫމާތު ދެއްވައި، ރޭޑިއޯ މެދުވެރިކުރައްވައި ތާރީޚާއި ސަގަފަތާބެހޭ މައުލޫމާތު އިނގިރޭސި ބަހުން ދެއްވިއެވެ.
ލިޔުންތެރިކަމުގެ މަސައްކަތް ޙަބީބާ ފެއްޓެވީ 1954 ވަނަ އަހަރުއެވެ. އެ މަސައްކަތް ފެށިގެން އައީ އެ އަހަރު ނުކުތް "މުންނާރު" ނޫހުންނެވެ. އޭގެފަހުން 1958 ވަނަ އަހަރު "ވިޔަފާރި މިއަދު"ންނެވެ.
އިލްމީ މަޒުމޫނުތަކާއި ތާރީޚީ ލިޔުންތަކުގެ އިތުރުން ހަބީބާ ވަނީ ވަރަށް ގިނަ ވާހަކަ ލިޔުއްވައި، އުރުދޫ ވާހަކަތަކާއި އިނގިރޭސި ވާހަކަތައް ދިވެހި ބަހަށް ވެސް ތަރުޖަމާކުރައްވައިފައެވެ. އޭގެ ތެރޭގައި "ތަގްދީރުގެ ނިޔާ" އާއި "މައާފަށް ވުރެ" ހިމެނެއެވެ.
ހަމައެއާއެކު ޕޯޗުގީޒުންގެ އަތްދަށުން ރާއްޖެ މިނިވަންކުރެއްވި ބަތަލު މުހައްމަދު ތަކުރުފާނުގެ ހަޔާތްޕުޅާ ބެހޭގޮތުން އިނގިރޭސި ބަހުން "މުހައްމަދު ތަކުރުފާނު ދަ ގްރޭޓް" ނަމުގައި ބައޯގްރަފިކަލް ފޮތެއް ވެސް ހަބީބާ ލިޔުއްވިއެވެ.
މިނޫނަސް އެ ދުވަސްވަރު ނުކުތް ވަރަށް ގިނަ ނޫސް މަޖައްލާތަކުގައި ޙަބީބާގެ ލިޔުއްވުންތައް ޝާއިއު ކޮށްފައިވެއެވެ. އެކަމަނާ ވަނީ ވަރަށް ގިނަ ވާހަކަތައް ލިޔުއްވައި ވަރަށް ގިނަ ވާހަކަތައް ތަރުޖަމާ ވެސް ކުރައްވާފައެވެ.
ހަބީބާ ލިޔުއްވި ބައެއް ވަހަކަތަކުގެ ތެރޭގައި "ޚިޔާލުގެ ބާނިތައް"، "ވާހަކަ އަނާ"، "ވާހަކަ ފަތްމިނި"، "ވާހަކަ ނައުޝީން" ހިމެނެއެވެ.
ޙަބީބާއަށް ވަނީ ދިވެހި އަދަބިއްޔާތަށް ޚިދުމަތް ކުރުމުގެ ދާއިރާއިން، ދިވެހިބަހުގެ ލިޔުންތެރިކަމުގެ ރޮނގުން އާންމު ޚިދުމަތުގެ ޝަރަފުވެރިކަމުގެ އިނާމު، 2007 ވަނަ އަހަރު ލިބިވަޑައިގެންފައެވެ. އަދި ދިވެހިބަހަށް ތަރުޖަމާ ކުރެއްވުމުގެ ރޮނގުން ހިތްވަރު ދިނުމުގެ އިނާމު، 1981 ވަނަ އަހަރު ވަނީ ލިބިވަޑައިގެންފައެވެ.
އެކަމަނާއަށް "މިނިވަން 25"ގެ އިނާމު ވެސް ވަނީ ލިބިވަޑައިގެންފައެވެ. މީގެއިތުރުން، "ނޫސްވެރިކަމުގެ ރަން ގަލަން" ވެސް އެ ކަމަނާއަށް ވަނީ ލިބިވަޑައިގެންފައެވެ. ޙަބީބާއަށް "ނިޝާން ދިޔަމިގިލީގެ ޝަރަފްގެ އިއްޒަތް" އެރުވީ، 2011 ވަނަ އަހަރުގެ މިނިވަން ދުވަހުއެވެ.
ޙަބީބާ އަވަހާރަވީ މިދިޔަ މަހުގެ 21ވަނަ ދުވަހެވެ. އަވަހާރަވީ އެޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާތާ ދުވަސްތަކެއްވީ ފަހުން, މުސްކުޅި ބަލީގައެވެ. އަވަހާރަވި އިރު އެކަމަނާގެ އުމުރަކީ 92 އަހަރެވެ.
އެ ކަމަނާ ދިވެހި ބަހާއި އަދަބުގެ ޚިދުމަތުގެ މައިދާނުން ވަކިވުމަކީ، ރާއްޖެއަށް ލިބުނު ފޫނުބެއްދޭ ގެއްލުމެކެވެ. ނަމަވެސް އެ ކަމަނާގެ ޚިދުމަތަކީ އަބަދުވެސް ދިވެހި ގައުމު އަގުވަޒަންކޮށް، ހަނދާން ކުރާނެ ކަންކަމެވެ.