މިއަހަރަކީ ސަރުކާރުގެ މަސް ކުންފުނި މިފްކޯއިން، ދިވެހި މަސްވެރިންނަށް އެންމެ ގިނަ ފައިސާ ދޭނެ އަހަރަށް ވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.
ސާޅީސް ދެވަނަ މަސްވެރިންގެ ދުވަހުގެ ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިހް ވިދާޅުވީ މިއަހަރަކީ ދިވެހި މަސްވެރިކަމުގެ ތާރީޚުގައި ވަރަށް ފާހަގަކޮށްލެވޭ އަހަރަކަށް ވާނެ ކަމަށާއި، މިއަހަރު މި ނިމެނީ 2006 ވަނަ އަހަރުގެ ފަހުން ސަރުކާރުގެ މަސްކުންފުންޏަކުން އެންމެ ގިނައިން މަސް ގަތް އަހަރުގެ ގޮތުގައި ކަމަށެވެ.
އެގޮތުން، މިދިޔަ ހަފުތާގެ ނިޔަލަށް 59،000 މެޓްރިކް ޓަނުގެ މަސް ގަނެފައި ވާކަމަށާއި، މިފްކޯއަށް ގަތް މަހަށް ބަލާއިރު މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް 965 މިލިއަން ރުފިޔާ ދިވެހި މަސްވެރިންނަށް ދީފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިއަހަރު ނިމޭއިރު އެ އަދަދު އެއް ބިލިއަން ފަހަނަ އަޅައި ދާނެ ކަން އެމަނިކުފާނު ވިދާޅުވިއެވެ.
ރާއްޖޭގެ މަސްވެރިންނަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ، މަސްވެރިންގެ ޝަކުވާއަކަށްވި ބޭންކް ޓްރާންސްފާ ލިމިޓްވެފައިވާ މައްސަލަ އާއި ޑިސްކައުންޓް ރޭޓްގައި ތެޔޮ ނުލިބޭ މައްސަލަ ހިމެނޭހެން މަސްވެރިންނަށް ދިމާވެފައިވާ އޮތް ދަތިތައް ވަރަށް އަވަހަށް ހައްލު ކޮށްދެއްވާނެ ކަމަށެވެ.

42 ވަނަ މަސްވެރިންގެ ދުވަހުގެ ޖަލްސާގެ ތެރެއިން / ފޮޓޯ: ރައީސް އޮފީސް
ހަމައެހެންމެ، މަސްވެރިންނަށް ޑިސްކައުންޓް އަގެއްގައި ބޭނުންވާ ވަރަށް ތެޔޮ ނުލިބޭ ކަމުގެ ޝަކުވާ ލިބޭއިރު، އެކަމަށް ހައްލު ހޯއްދަވައި ދެއްވާ، ކްރެޑިޓަށް މަސްވެރިންނަށް ތެޔޮ ލިބޭނެ ގޮތް ހަމަޖައްސައިދެއްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ހުރިހާ ވިޔަފާޜިވެރިންނަށް ބޭންކުތަކުން ގެންގުޅެން ޖެހޭނީ އެއް އުސޫލެއް. އެހެން ވިޔަފާރިތަކަށް މިއަށް ވުރެ ގިނައިން ޓްރާންސްފާ ކުރެވޭ ކަމަށް ވަންޏާ މަސްވެރިންނަށްވެސް އެކަން އެގޮތަށް ކުރެވޭނެ އުސޫލެއް އެމްއެމްއޭއިން ކަށަވަރު ކޮށްދެން ޖެހޭ. ތިޔަބޭފުޅުން އެދިވަޑައިގެންނެވި ގޮތަށް، ތިޔަބޭފުޅުން ބޭނުންވާ ވަރަށް ޑިސްކައުންޓް ރޭޓްގައި ތެޔޮ ލިބޭނެ ގޮތް އެސްޓީއޯއިން ހަމަޖައްސަވައިދެއްވުން، އިރާކުރެއްވިއްޔާ ފިއުލް ސަޕްލައި މޯލްޑިވްސް މެދުވެރިކޮށް ޑިސްކައުންޓް ރޭޓްގައި، ކްރެޑިޓާއި އެކީ މަސްވެރިންނަށް ތެޔޮ ލިބޭނެ ގޮތް ލަސްތަކެއް ނުވެ ހަމަޖައްސައިދޭނަންރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް

42 ވަނަ މަސްވެރިންގެ ދުވަހުގެ ޖަލްސާގެ ތެރެއިން / ފޮޓޯ: ރައީސް އޮފީސް
މީގެއިތުރުން، މަސްވެރިކަމުގެ ސިނާއަތް ކުރިއަރައި ދާނީ ޕްރައިވެޓް ސެކްޓާ އަށް ހަރަކާތްތެރިވާނެ މިނިވަން ޖާގަ ދީގެން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން، މަސްވެރިކަމުގައި ޕްރައިވެޓް ސެކްޓާގެ ދައުރު ފުޅާ ކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ، ރޯ މަސް އެކްސްޕޯޓު ކުރުމުގެ ބަދަލުގައި ވެލިއު އިތުރުކޮށް، ޕްރޮސެސްކޮށް މަހުގެ އަގު އުފުލޭނެ ގޮތްތައް ހޯދަން ޖެހޭ ކަމަށެވެ.
އަދި، ރާއްޖޭގެ މަސް އެކްސްޕޯޓް ކުރާ ބޭރުގެ ބާޒާރުތަކުން މިހާރަށް ވުރެ ރަނގަޅު އަގެއް ހޯދަން މަސައްކަތް ކުރަން ޖެހޭ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.