މިރޭގެ މެޗުގައިވެސް ޕޯޗުގަލްގެ ފުރަތަމަ 11ގައި ރޮނާލްޑޯ ނުހިމެނޭ

ކްރިސްޓިއާނޯ ރޮނާލްޑޯ --ފޮޓޯ/ގެޓީ އިމޭޖަސް

ފީފާ ވޯލްޑް ކަޕް 2022 ގެ ކުއާޓާ ފައިނަލުގައި މިރޭ ޕޯޗުގަލްއިން މޮރޮކޯއާ ދެކޮޅަށް ނުކުންނަ މެޗުގައި، ޕޯޗުގަލްގެ ފުރަތަމަ 11 އިން އެޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއަށް ޖާގަ ނުދީ ޓީމުގެ ފުރަތަމަ 11 އިއުލާންކޮށްފިއެވެ.

ޕޯޗުގަލްއިން މުބާރާތުގެ ރައުންޑް އޮފް 16 ގައި ސްވިޒަލެންޑާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ 11 އިންވެސް ރޮނާލްޑޯއަށް ފުރުސަތު ދީފައެއް ނުވެއެވެ. އެ މެޗުގައި ރޮނާލްޑޯ ކުޅެންއެރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި 73 ވަނަ މިނެޓުގައެވެ.

ގްރޫޕް ސްޓޭޖުގައި ޕޯޗުގަލްއިން ކުޅުނު ތިން މެޗުގައިވެސް ރޮނާލްޑޯއަށް ފުރަތަމަ 11 އިން ޖާގަ ދީފައިވާއިރު، އޭނާއަށް އެންމެ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ. އެ ތިން މެޗުގެ ތެރެއިން ރޮނާލްޑޯއަށް ކާމިޔާބު ކުރެވުނީ އެންމެ ލަނޑެކެވެ. އެއީ ގާނާއާ ދެކޮޅަށް ކުޅުނު މެޗުގައި ޕެނަލްޓީއަކުން ރޮނާލްޑޯ ކާމިޔާބުކުރި ލަނޑެކެވެ.

ރައުންޑް އޮފް 16 ގައި ސްވިޒަލެންޑާއި ދެކޮޅަށް ކުޅުނު މެޗުގައި ރޮނާލްޑޯއަށް ފުރަތަމަ 11 އިން ޖާގަ ނުދިންއިރު، މިއީ 2008 ވަނަ އަހަރުގެ ފަހުން، ޕޯޗުގަލްއިން ވާދަވެރި މުބާރާތެއްގައި ކުޅުނު މެޗަކުން ރޮނާލްޑޯއަށް ފުރަތަމަ 11 އިން ފުރުސަތު ގެއްލުނު ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

ސްވިޒަލެންޑާ ދެކޮޅަށް ކުޅުނު މެޗުގައި ރޮނާލްޑޯއަށް ފުރަތަމަ 11 އިން ފުރުސަތު ނުދިނުމާ ގުޅޭގޮތުން ވާހަކަދައްކަމުން ޓީމުގެ ކޯޗު ފެނާންޑޯ ސަންޓޯސް ބުނީ، އެ މެޗުގައި ރޮނާލްޑޯއަށް ފުރަތަމަ 11 އިން ފުރުސަތު ނުދިނީ ރޮނާލްޑޯގެ އަހުލާގީ އެއްވެސް މައްސަލައެއް ނުވަތަ އެ ނޫންވެސް އިތުރު އެއްވެސް މައްސަލައެއް އޮވެގެން ނޫން ކަމަށާއި، މިއީ ރޮނާލްޑޯއާ ވާހަކަދެކެވި، މަޝްވަރާގެ މަތިން ނިންމި ނިންމުމެއް ކަމަށެވެ.

އަދި ޓީމުގެ ކެޕްޓަންގެ ހައިސިއްޔަތުން ރޮނާލްޑޯ އަދާކުރަންޖެހުނު ކޮންމެ ޒިންމާއެއް އޭނާ ފުރިހަމަައަށް އަދާކުރާނެ ކަމަށާއި. އެއީ ލާމަސީލު ލީޑަރެއް ކަމަށް ސަންޓޯސް ބުނެފައިވެއެވެ.

ރޮނާލްޑޯގެ ކެރިއަރުގައި މިއީ ފަހު ވޯލްޑް ކަޕަށް ވުމުގެ ފުރުސަތު ބޮޑުއިރު، އޭނާ އަކީ ޕޯޗުގަލްގެ ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދީފައިވާ ކުޅުންތެރިޔާއެވެ. އަދި އޭނާއަކީ ފުޓުބޯޅައިގެ ތާރީޚުގައިވެސް، ގައުމީ ޓީމަކަށް އެންމެ ގިނަ ލަނޑުޖަހައިދީ ރެކޯޑު ހަދާފައިވާ ކުޅުންތެރިޔާވެސް މެއެވެ.

ރޮނާލްޑޯ ވަނީ ޕޯޗުގަލްގެ ގައުމީ ޓީމަށް ޖުމްލަ 118 ލަނޑު ކާމިޔާބު ކޮށްދީފައެވެ.

މޮރޮކޯއާ ޕޯޗުގަލްގެ ކުރިމަތިލުން ފެންނަ ކުއާޓާ ފައިނަލް މެޗު ފަށާނީ މިރޭ އަށެއް ޖަހާއިރުއެވެ.

comment ކޮމެންޓް