ރާއްޖެއަށް ކުނި އެތެރެކުރުމާ މިނިސްޓްރީން ދެކޮޅު، ބިލު އަނބުރާ މަޖިލީހަށް ހުށަހަޅާނެ

ތިލަފުށީގައި ހެދިފައިވާ ކުނި ފަރުބަދަ -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ކުނި މެނޭޖު ކުރުމުގެ ބިލުގައި ހިމަނާފައިވާ، ކުނި ނައްތާލުމަށް ބޭރު ގައުމުތަކުން ރާއްޖެއަށް ކުނި އެތެރެކުރުމުގެ ހުއްދަ ލިބިދޭ އިސްލާހަށް އެންވަޔަރަމަންޓް މިނިސްޓްރީން ތާއީދު ނުކުރާ ކަމަށް އެމިނިސްޓްރީއިން ބުނެފިއެވެ.

މިދިޔަ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކުރި ކުނި މެނޭޖު ކުރުމުގެ ގާނޫނުގެ 44 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގައި، އެންވަޔަރަމަންޓް މިނިސްޓްރީއިން އެކުލަވާލައި އާންމުކުރާ ގަވާއިދެއްގެ ދަށުން ރާއްޖެއަށް ކުނި އެތެރެ ކުރެވިދާނެއެވެ.

ސަރުކާރުގެ ފަރާތުން މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިއިރު އެއްވެސް ގައުމަކުން ރާއްޖެއަށް ކުނި އެތެރެކުރުމަކީ މަނާ ކަމެކެވެ. ނަމަވެސް، ދުނިޔޭގައި ގިނަ ގައުމުތަކަށް ކުންޏަކީ ބޭނުންތެރި އެއްޗަކަށް ވެފައި، އޭގެއިން ހަކަތަ އުފެއްދޭނެކަން ސާބިތުވާތީ ބިލަށް މި ބަދަލު ގެނެސްފައިވަނީ މަޖިލީހުގެ ކޮމިޓީ މަރުހަލާގައެވެ.

ތިލަފުށީގައި ހެދިފައިވާ ކުނި ފަރުބަދަ -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

މިއިސްލާހާ ގުޅިގެން ތިމާވެއްޓާ ގުޅޭ ގިނަ ޖަމިއްޔާތަކަކުން ކަންބޮޑުވުން ފާޅުކުރަމުން އަންނައިރު، އެކަމާ ގުޅިގެން އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޢަލީ ޞާލިޙް "ސަން"އަށް ވިދާޅުވީ، ބިލުގައި ހިމަނާފައިވާ އެ މާއްދާއަކީ މިނިސްޓްރީއިން ތަރުހީބު ދީގެން ހިމަނާފައިވާ މާއްދާއެއް ނޫން ކަމަށާއި، އެ އިސްލާހާ އެކު ބިލު ފާސްވުމުން އެކަމާ ކަންބޮޑުވާ ކަމަށެވެ.

އަދި، ރައްޔިތުންގެ މަޖިލީސް އަލުން ހުޅުވުމާއެކު އުސޫލުގެ ދަށުން މިނިސްޓްރީގެ ފަރާތުން އެ ބިލް އިސްލާހު ކުރުމަށް އަލުން ހުށަހަޅާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކުނި މެނޭޖްކުރުމާ ގުޅޭ ޖުމްލަ ކަންތައްތަކަށް ހައްލު ހޯދޭނެ މައިގަނޑު ގާނޫނެއް މި އަންނަނީ. މި ގާނޫނަކީ ވަރަށް މުހިންމު އެއްޗެއް. ރައީސް މި ބިލް ރެޓިފައި [ތަސްދީގު] ކުރުމާއެކު ބިލުގައި އިސްލާހުކުރަން ހުރި ބައިތަކަށް ސަމާލުކަން ދީގެން އެކަން ކުރިއަށް ދާނެ. އެ މާއްދާ އިސްލާހު ކުރުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ދާނެ ކަމަށް މިނިސްޓަރު ވިދާޅުވި. އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޢަލީ ޞާލިޙް

ކޮމިޓީން އެ އިސްލާހު ބިލުގައި ހިމަނާފައި ވަނީ ރާއްޖެއިން ކުނި އެތެރެ ކުރުމަށް ޕްލޭންތަކެއް ގެންގުޅޭތީ އާއި، ރާއްޖެއިން އެފަދަ ބޭނުމަކަށް ބޭނުންވާ ކުނި ލިބުން ދަތިވެއްޖެ ހާލަތެއްގައި އެ ހުއްދަ އޮތުމަކީ މުހިންމު ކަމެއް ކަމަށް ދެކޭ ކަމަށް ބުނެއެވެ.

ތިލަފުށީގައި ހެދިފައިވާ ކުނި ފަރުބަދަ -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

މިކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ޒީރޯ ވޭސްޓް މޯލްޑިވްސް އާއި ސޭވް މޯލްޑިވްސް ކެމްޕެއިނުގެ އިތުރުން ޓްރާންސްޕޭރެންސީ މޯލްޑިވްސް ހިމެނޭހެން 17 ޖަމިއްޔާއަކުން ގުޅިގެން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެއީ ސީރިއަސް ގައުމީ މައްސަލަތަކެއް ހިމެނޭ ބިލެއް ނަމަވެސް، ބިލު ފާސްކުރުމުގެ ކުރިން ތިމާވެއްޓާ ގުޅޭ އެއްވެސް ޖަމިއްޔާއެއްގެ ހިޔާލާއި މަޝްވަރާ ހޯދާފައި ނުވާ ކަމަށެވެ.

ހަމައެއާއެކު، ސަރުކާރުން ފަށާފައިވާ "ވޭސްޓް ޓު އެނާޖީ" ޕްރޮގްރާމަކީ ޓެކްނިކަލް ގޮތުން ވެސް އަދި މާލީ ގޮތުން ވެސް ރާއްޖެއަށް ބޮޑު ބުރައެއް އުފުލަން ޖެހޭނެ މަޝްރޫއެއް ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

އެ ޖަމިއްޔާތަކުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ތިން ކަމަކަށް ގޮވާލާފައިވެއެވެ.

އެއީ:

  1. ކުނި މެނޭޖުކުރުމުގެ ބިލު ތަސްދީގުނުކޮށް އަނބުރާ ފޮނުވާލުން.
  2. ޖަމިއްޔާތަކުން ފާޅުކޮށްފައިވާ ކަންބޮޑުވުންތަކަށް ފުޅާ ދާއިރާއެއްގައި އާންމުންގެ މެދުގައި މަޝްވަރާކޮށް ހައްލެއް ހޯދުން.
  3. ބޭރުގެ ކޮންޓްރެކްޓަރުންނާއި ކުންފުނިތަކުން ކުނި އުކާލަން ގެންގުޅޭ ތަނަކަށް ރާއްޖެ ނުހެދުމަށް ހަދަން ޖެހޭ ހުރިހާ ގަވާއިދެއް ހެދުން.

މިކަމާ ގުޅޭގޮތުން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުޙައްމަދު މިއަދު ވިދާޅުވީ ރާއްޖޭގެ ތިމާވެށި މިވަގުތު އޮތް ހާލަތަށް ރިއާޔަތްކޮށް، ސަރުކާރުން އެކަމަށް ތާއީދު ނުކުރާ ކަމަށެވެ. އެހެންނަމަވެސް މިވަގުތަށް ބެނުންވާ ގިނަ މުހިންމު ކަންތައްތަކެއް އެބިލުގައި ހިމެނޭ ކަމަށާއި، އެހެންކަމުން އިސްލާހު ގެނައުމަށް މަޖިލީހަށް ހުށަހަޅާނީ އެބިލް ތަސްދީގުކުރުމަށް ފަހު ކަމަށް މިއުވާން ވިދާޅުވިއެވެ.

comment ކޮމެންޓް