މާލޭގެ ގެއެއްގައި ރޯވެ އާއިލާއަކަށް ވަގުތީ ހިޔާވަހިކަން ދެނީ

ހ. ހިރިޔާގޭގައި އަލިފާން ރޯވެ އަނދާފައި -- ފޮޓޯ/ އެމްއެންޑީއެފް

މާލޭގެ ގެއެއްގައި އަލިފާން ރޯވެ ގެއްލުން ވެފައިވާތީ އެގޭގައި ދިރިއުޅޭ މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދޭން ފަށައިފިއެވެ.

ހ. ހިރިޔާގޭގެ ތިންވަނަ ފަންގިފިލާގައި ރޭ އަލިފާނުގެ ހާދިސާއެއް ވަނީ ހިނގައިފައެވެ. އެ ހާދިސާގެ މައުލޫމާތު އެމްއެންޑީއެފަށް ލިބިފައި ވަނީ ރޭ މެންދަމު 3:57 ހާއިރުއެވެ. އެމްއެމްޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސް އިން ކުރި މަސައްކަތުން އަލިފާން ނިއްވާލެވުނީ، ރޭ ފަތިހު 4:23 ހާއިރުއެވެ.

އަލިފާން ރޯވީ، ތިން ކޮޓަރީގެ އެޕާޓްމަންޓެއްގައެވެ. އެގޭގައި މަރާމާތަށްފަހު ނޫނީ ދިރިނޫޅެވޭ ވަރަށް ވަނީ އަނދައިފައެވެ.

ހ. ހިރިޔާގޭގައި އަލިފާން ރޯވެ އަނދާފައި -- ފޮޓޯ/ އެމްއެންޑީއެފް

"އަލިފާން ރޯވި ރޫމް ފިޔަވާ ޖެހިގެން ހުރި ދެ ރޫމްއަށް ވެސް ކޮންމެވެސް ވަރަކަށް އަސަރުކޮށްފަ ހުރީ،" އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ވިދާޅުވިއެވެ.

އަލިފާން ރޯވާން މެދުވެރިވި ސަބަބު އަދި ދެނެގަނެވިފައިނުވާކަމަށް އޭނާ ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)ގެ މީޑިއާ އޮފިޝަލް "ސަން"އަށް ވިދާޅުވީ، މިވަގުތު ބޯހިޔާވަހިކަން ފޯރުކޮށްދެނީ ހަ މީހުންގެ އާއިލާއަކަށް ކަމަށެވެ. އެއީ، ދެ އަންހެނުންނާއި ފިރިހެނަކާއި ތިން ކުޑަކުދިން ކަމަށް އޭނާ ވިދާޅުވިއެވެ.

އެމީހުނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދޭންޖެހޭނީ ކިތައް ދުވަހަށްކަން އަދި ނޭނގޭކަމަށް އެންޑީއެމްއޭއިން ބުންޏެވެ.

"މިވަގުތު އަދި އަޅުގަނޑުމެން އެތާގެ އެސެސްމަންޓު ނަހަދާތީ އެބޭފުޅުންނަށް އެތަނަށް ވަދެވެން ކިހާ މުއްދަތެއް ނަގާނެކަން ދަންނަވަން ދަތި މި ވަގުތަށް،" އެންޑީއެމްއޭގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

އަލިފާނުގެ ސަބަބުން ލިބުނު ގެއްލުން ދެނެގަތުމަށް ވެސް އެސެސްމަންޓެއް ހަދަން ޖެހޭނެކަމަށް އޭނާ ވިދާޅުވިއެވެ.

އެމްއެންޑީއެފްއިން ހާމަކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި އެޕާޓްމަންޓުގެ އެއް ކޮޓަރި ވަނީ ބޭނުން ނުކުރެވޭވަރަަށް އަނދައިފައެވެ.

comment ކޮމެންޓް