އެޕަލްގެ މިކްސްޑް ރިއަލިޓީ ހެޑްސެޓް ތައާރަފު ކުރުން އަނެއްކާވެސް ފަސްކޮށްފި

އެޕަލްއިން އޮގްމެންޓެޑް ރިއަލިޓީ އާއި ވާޗުއަލް ރިއަލިޓީ ހިމަނައިގެން އުފައްދާ މިކްސްޑް ރިއަލިޓީ ހެޑްސެޓު ނެރޭނީ އަންނަ އަހަރުގެ ފަހުކޮޅު ކަމަށް ކަމާ ބެހޭ މާހިރުން ވިދާޅުވޭ --

އެޕަލްއިން އޮގްމެންޓެޑް ރިއަލިޓީ އާއި ވާޗުއަލް ރިއަލިޓީ ހިމަނައިގެން އުފައްދާ މިކްސްޑް ރިއަލިޓީ ހެޑްސެޓް ތައާރަފު ކުރުން އަނެއްކާ ވެސް ފަސްކޮށްފިއެވެ.

އެޕަލްގެ އުފެއްދުންތަކުގެ އެނެލިސްޓެއްގެ ގޮތުގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތްކޮށްފައިވާ މިންގް-ޗީ ކުއޯ ބުނި ގޮތުގައި އެ ކުންފުނީގެ އޭއާރް/ވީއާރު ހެޑްސެޓް އުފެއްދުމުގައި ސޮފްޓްވެއާ މައްސަލަތަކަކާ ވަނީ ދިމާވެފައެވެ. އެހެންކަމުން، އަންނަ އަހަރުގެ ދެވަނަ ކުއާޓަރުގައި ނެރޭނެ ކަމަށް މީގެ ކުރިން ބެލެވުނު އެ ހެޑްސެޓް ދެން ނެރޭނީ އަންނަ އަހަރުގެ ފަހުކޮޅު ކަމަށް ކުއޯ ވަނީ ލަފާކޮށްފައެވެ.

މީގެ އިތުރުން، އެ ހެޑްސެޓަށް އާރް/ވީއާރު އެޕްތައް ހެދުމުގެ ހުއްދަ އަންނަ އަހަރުގެ ދެވަނަ ކުއާޓަރުގައި އެޕަލްއިން ޑިވެލޮޕަރުންނަށް ދިނުން އެކަށީގެންވާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

އެޕަލްއިން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ އެކުންފުނީގެ ސޮފްޓްވެއާ އިވެންޓެއް ކަމަށްވާ ވޯލްޑްވައިޑް ޑިވެލޮޕާސް ކޮންފަރެންސް (ޑަބްލިޔުޑަބްލިޔުޑީސީ) އާންމުކޮށް ބާއްވަނީ ކޮންމެ އަހަރެއްގެވެސް ޖޫން މަސް ތެރޭ ކަމަށްވާތީ އޭގެ މާނައަކީ ހެޑްސެޓް ތައާރަފުކުރާނީ އެންމެ އަވަހަށް ވެސް ދެވަނަ ކުއާޓަރުގައި ބާއްވާ އިވެންޓުގައި ކަމަށް ބައެއް ރިޕޯޓުތަކުގައިވެއެވެ.

އެޕަލް އިން ހެޑްސެޓާއި އޭގެ ސޮފްޓްވެއާއާ ބެހޭ އެއްވެސް ތަފްސީލެއް ރަސްމީކޮށް ހާމަކޮށްފައިނުވެއެވެ. ނަމަވެސް ކުއޯ ލަފާކުރާ ގޮތުގައި އެ ހެޑްސެޓްގެ އަގުބޮޑުވާނެއެވެ. އަދި އަންނަ އަހަރު އެޕަލްއިން އެ ހެޑްސެޓް ނެރުނު ނަމަވެސް އެ ކުންފުނިން ވިއްކާނީ އޭގެ 500،000އަށް ވުރެ ވެސް މަދު އަދަދެއް ކަމަށް ކުއޯ ވަނީ ބުނެފައެވެ.

comment ކޮމެންޓް