އިންޑިއާއިން ރަސްމީކޮށް ޖީ20ގެ ރިޔާސަތާ ހަވާލުވެއްޖެ

ޖީ20 ސަމިޓުގައި އިންޑޮނޭޝިއާގެ ރައީސް ޖޯކޯ ވިޑޯޑޯ އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ -- ފޮޓޯ/ ގެޓީ

އިންޑިއާއިން އިއްޔެ ރަސްމީކޮށް ޖީ20ގެ ރިޔާސަތާ ހަވާލުވެއްޖެއެވެ.

ދުނިޔޭގައި އިގްތިސާދީ ގޮތުންނާއި ވިޔަފާރީގެ ގޮތުން އެންމެ ކުރިއަރާފައިވާ 19 ގައުމާއި ޔޫރަޕްގެ އިއްތިހާދު ހިމެނޭ ޖީ20 ސަމިޓުގެ ރިޔާސަތަކީ މެންބަރު ގައުމުތަކުގެ މެދުގައި ދައުރުވާ މަގާމެކެވެ.

ޖީ20ގެ އާ ދައުރެއް އިއްޔެ ފެށިފައިވާ އިރު، މިދިޔަ ދައުރުގައި ރިޔާސަތު ބެލެހެއްޓީ އިންޑޮނޭޝިއާއިންނެވެ. އަދި މިދިޔަ މަހުގެ 15 އާއި 16ގައި ބާލީގައި ބޭއްވި ޖީ20 ސަމިޓުގައި އެގައުމުގެ ރައީސް ޖޯކޯ ވިޑޯޑޯ ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ރިޔާސަތު ހަވާލުކުރައްވާފައެވެ.

އިއްޔެ އިންޑިއާއިން ރަސްމީކޮށް އެ މަގާމާ ހަވާލުވުމާ ގުޅިގެން މޯދީގެ ވެބްސައިޓުގައި ޝާއިއު ކުރައްވާފައިވާ ލިޔުމެއްގައިވާ ގޮތުން، އެގައުމުގެ ރިޔާސަތުގައި މަސައްކަތް ކުރާނީ ދުނިޔޭގެ އެންމެން ވެސް އެކަތިގަނޑަކަށް ހެދުމަށެވެ. އެގޮތުން މި ދައުރަށް ކަނޑައަޅާފައިވާ ޝިއާރަކީ "އެއް ދުނިޔެއެއް، އެއް އާއިލާއެއް، އެއް މުސްތަގުބަލެއް" ކަމަށް މޯދީ ވިދާޅުވިއެވެ.

މޯދީ އިތުރަށް ވިދާޅުވީ ފާއިތުވި އަހަރުތަކުގެ ދިރިއުޅުމުގެ ހާލަތަށް ރަނގަޅު ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ. އެގޮތުން ދުނިޔޭގެ އެންމެންނަށް އަސާސީ ބޭނުންތައް ފުއްދައިދެވޭ ވަރަށް ތަކެތި އުފެއްދުމުގެ ގާބިލުކަން ލިބިފައިވާ ކަމަށާއި ހަނގުރާމައަކާ ނުލައި ދިރިއުޅުމުގެ ފުރުސަތު އޮތް ކަމަށް މޯދީ ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުންތައް ކަމަށްވާ މޫސުމަށް އަންނަ ބަދަލުތަކާއި ޓެރަރިޒަމްއާއި ބަލިމަޑުކަން، އެއް ބަޔަކު އަނެއް ބަޔަކާ ހަނގުރާ ކުރުމުގެ ބަދަލުގައި އެއްކޮށް މަސައްކަތްކޮށްގެން މިއަދު ހައްލުކުރެވެން އެބަ އޮތް،" މޯދީ ވިދާޅުވިއެވެ.

މީގެ އިތުރުން އިންޑިއާގެ ކުރިއެރުންތަކަަށް އަލިއަޅުއްވާލައްވަމުން މޯދީ ވަނީ އެގައުމަކީ އެންމެ ބާރަށް ކުރިއަރަމުންދާ، ބޮޑު އިގުތިސާދުކަން ފާހަގަކުރައްވާފައެވެ. އަދި އެގައުމުން ވެރިކަން ކުރުމުގައި އެންމެ ބޮޑު އިސްކަމެއް ދެނީ ރައްޔިތުންނަށް ކަމަށާއި އެގޮތުން މުޖުތަމައުގައި އެންމެ އެކަހެރިވެފައިވާ މީހުންނަށް ވެސް އަޅާލާ، ޒުވާނުންގެ ހުނަރުވެރިކަން ދިރުވަން މަސައްކަތް ކުރާ ކަމަށް މޯދީ ވިދާޅުވިއެވެ.

ހަމައެއާއެކު އިންޑިއާއިން ވަނީ އިޖުތިމާއީ ރައްކާތެރިކަމުން ފެށިގެން މާލީ ބައިވެރިކަން އިތުރު ކުރުމަށް ޓެކްނޮލޮޖީގެ އެހީގައި އިންގިލާބީ ބަދަލުތަކެއް ގެނެސްފައި ކަމަށް މޯދީ ވިދާޅުވިއެވެ.

"މި ހުރިހާ ސަބަބުތަކާ ހެދި، ދުނިޔޭގެ ފެންވަރުގެ މައްސަލަތައް ހައްލު ކުރުމަށް އިންޑިއާގެ ތަޖުރިބާތައް ބޭނުން ކުރެވޭނެ،" މޯދީ ވިދާޅުވިއެވެ.

ޖީ20ގައި އިންޑިއާގެ ރިޔާސަތުން ހިތްވަރު ދޭނެ ކަންތައްތަކުގެ ތެރޭގައި ތިމާވެއްޓާ ރައްޓެހި، ދެމެހެއްޓެނެވި އާދަތައް އަށަގެންނެވުމާއި ކާބޯތަކެއްޗާއި ބޭހާއި ގަސްކާނާ މުޅި ދުނިޔެއަށް ފޯރުކޮށްދިނުން ސިޔާސީ ވެފައި އޮތް އޮތުން ނައްތާލަން މަސައްކަތް ކުރުން ހިމެނޭ ކަމަށް މޯދީ އިއުލާން ކުރެެއްވިއެވެ.

comment ކޮމެންޓް