މުޅިން އަލަށް ދިވެހި ޕްރިމިއާ ލީގު ނުވަތަ ދިވެހި ފުޓުބޯޅައިގެ އެންމެ މަތީ ޑިވިޝަން، ފުރަތަމަ ޑިވިޝަނަށް ކޮލިފައިވެފައިވާ ބުރު ސްޕޯޓްސް ކުލަބުން އެ ކުލަބުގެ ކޯޗަކަށް މުހައްމަދު ނިޒާމް (ނިޒާމްބެ) ހަމަޖައްސައިފިއެވެ.
ބުރު ސްޕޯޓްސް ކުލަބުން ކުރިއަށް އޮތް ދިވެހި ލީގުގެ ޖާގަ ކަށަވަރު ކުރީ، އެންމެފަހުގެ ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދައި، ދިވެހި ޕްރިމިއާ ލީގުގެ ކޮލިފިކޭޝަން ބުރުގައިވެސް ކުރިހޯދައިގެންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޒާމްބެ ބުރު ޓީމާއެކު ހަދާފައިވަނީ އެއް އަހަރު ދުވަހުގެ އެއްބަސްވުމެކެވެ.
"ސަން"އާ ވާހަކަދައްކަމުން ނިޒާމްބެ ބުނީ، މިއީ އުންމީދީ ފެށުމެއް ކަމަށާއި، ޓީމަށް ގެންނާނެ ބަދަލުތަކާއި އަދި ކުޅުންތެރިންގެ އަދާހަމައާ ގުޅޭގޮތުން ވަކި އެއްޗެއް ބުނަން އަދި ތަންކޮޅެއް އަވަސް ކަމަށެވެ. އަދި މިއީ އައު ޖެލެންޖެއް ނެގުމުގެ ގޮތުންނާއި ބުރުގެ ހުށަހެޅުން ރަނގަޅުވުމުގެ ސަބަބުން ނިންމި ނިންމުމެއް ކަމަށް ނިޒާމްބެ ބުންޏެވެ.
އުމުރުން 48 އަހަރުގެ ނިޒާމްބެ އަކީ ރާއްޖޭގައި މިވަގުތު ހުރި އެންމެ ތަޖުރިބާކާރު، އެންމެ ކާމިޔާބު އެއް ކޯޗެވެ.
ނިޒާމްބެ އަކީ މޯލްޑިވްސް ފުޓްބޯލް އެވޯޑްސްއިން ހޮވި ރާއްޖޭގެ އެންމެ މޮޅު ކޯޗުގެ މަގާމު މީގެކުރިން ދެފަހަރެއްގެ މަތިން ހޯދާފައިވާ ކޯޗެކެވެ.
ނިޒާމްބެގެ ކެރިއަރުގައި އެންމެ ފާހަގަކޮށްލެވޭ އެއް ކާމިޔާބީ އަކީ، 2017 ވަނަ އަހަރު ބަންގްލަދޭޝްގައި ބޭއްވި ބައިނަލްއަގުވާމީ މުބާރާތް، ޝެއިހް ކަމާލް ކަޕުގެ ޗެމްޕިއަންކަން، ނިޒާމްބެގެ އިރުޝާދުގެ ދަށުން ޓީސީ ސްޕޯޓްސް ކުލަބުން ހޯދުމެވެ.
އަދި ޓީސީން 2014 ވަނަ އަހަރު ދެވަަނަ ޑިިވިޝަން ފުޓުބޯޅަ މުބާރާތް ކާމިޔާބުކޮށް، ކޮލިފިކޭޝަން ބުރު ކުޅެގެން ފުރަތަމަ ޑިވިޝަނަށް ކޮލިފައިވީވެސް ނިޒާމްބެގެ އިރުޝާދުގެ ދަށުންނެވެ. އެ ޓީމު އޭއެފްސީ ކަޕާ ހަމައަށް ގެންދިއުމުގައި ނިޒާމްބެގެ ދައުރު ފާހަގަކޮށްލެވެއެވެ.
ޓީސީގެ އިތުރުން ނިޒާމްބެ ވަނީ، ރާއްޖޭގެ ފުޓުބޯޅައިގެ ގަަދަބާރު، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށާއި، ފުރަތަމަ ޑިވިޝަނުގައި ކްލަބް ވިޔަންސާއަށްވެސް އިރުޝާދު ދީފައެވެ.
ރާއްޖޭގެ 19 އަހަރުން ދަށުގެ ގައުމީ ޓީމާއި 16 އަހަރުން ދަށުގެ ޓީމުގެވެސް ހެޑް ކޯޗުގެ ޒިންމާ ނިޒާމްބެ އުފުލާފައިވެއެވެ. އަދި އިންޓާ ސްކޫލް މުބާރާތްތަކުގައިވެސް ނިޒާމްބެ މީގެކުރިން ބައެއް ސްކޫލްތަކަށް އިރުޝާދު ދީފައިވެއެވެ. ނިޒާމްބެ ފާހަގަކުރެވެނީ ޒުވާން ކުޅުންތެރިން ބިނާކޮށް، އެ ކުޅުންތެރިން ކުރިއެރުވުމަށް ހާއްސަ އިސްކަމެއްދޭ ކޯޗެއްގެ ގޮތުގައެވެ.
މީގެއިތުރުން ބަންގްލަދޭޝް ޕްރިމިއާ ލީގުގެ ސައިފް ސްޕޯޓިން ކުލަބަށްވެސް އޭނާ ވަނީ ކޯޗުކަން ކޮށްދީފައެވެ. އެއީ ސަރަަހައްދީ ވަރުގަަދަ ލީގެއް އޮންނަ ގައުމެއްގައި ދިވެހި ކޯޗަކަށް ލިބުނު ފުރަތަމަ ފުރުސަތެވެ.