ޖޫރިމަނާ ނުދައްކާ މީހުން ގޮވައިގެން ކޯޓަށް ދަނީ

އޮގަސްޓް 3، 2021: އ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހުކުމުގައިވާ ގޮތަށް ޖޫރިމަނާ ފައިސާ ނުދައްކާ މީހުންގެ މައުލޫމާތު ކޯޓަށް ހުށަހެޅުމުގެ މަސައްކަތް, ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ފަށައިފިއެވެ.

ޕީޖީ އޮފީހުން މިއަދު ބުނީ އެ ކަން ކުރަނީ ސުޕްރީމް ކޯޓުން ނެރެފައިވާ ޝަރީއަތުން އަދަބު ކަނޑައެޅުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުގެ 30ވަނަ މާއްދާގެ (ހ)ގެ ދަށުންކަމަށެވެ.

އެ އުސޫލުގައިވާ ގޮތުން ޙުކުމުގައި ކަނޑައެޅިފައިވާ މުއްދަތުގައި ޖޫރިމަނާގެ ފައިސާ ނުދައްކައިފިނަމަ، އެ މުއްދަތު ފާއިތުވާތާ 30 ދުވަހުގެ ތެރޭގައި ޕީޖީ އޮފީހުން އެ ކަން ކޯޓަށް އަންގަން ޖެހޭނެއެވެ.

އެގޮތުން މިހާރު، މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށް ޖޫރިމަނާ ފައިސާ ނުދައްކާ މީހުންގެ މައުލޫމާތު ކޯޓަށް ހުށަހެޅުމުގެ މަސައްކަތް އެ އޮފީހުން ކުރާ ކަމަށް ޕީޖީއިން ބުންޏެވެ.

"އަޅުގަނޑުމެންނަށް އަދި ފައިނަލް އަދަދެއް ނޭނގޭ. ނަމަވެސް އަޅުގަނޑުމެން މިހާރު ޔަގީން ކުރަމުން މި އަންނަނީ އެ ފަދަ ކިތައް މީހުންތޯ ތިބީ،" ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާ އަދި މީޑިއާ އޮފިޝަލް އަހްމަދު ޝަފީއު ވިދާޅުވިއެވެ.

ޕީޖީ އޮފީހުން ބުނީ މިހާތަނަށް އެ އޮފީހުން ހޯދި މައުލޫމާތަށް ބަލާއިރު، ބައެއް މީހުންގެ މައްޗަށް ކުށުގެ އަދަބުގެ ގޮތުގައި ކަނޑައަޅާފައިވާ ޖޫރިމަނާ ފައިސާ, ހުކުމާ އެއްގޮތަށް ދައްކަމުން ނުދާކަން ފާހަގަވެފައިވާ ކަމަށެވެ.

"އަސްލު މީގައި އެއްވެސް މީހަކަށް ނޭނގޭ ޖޫރިމަނާ ނުދައްކައިގެން އެއްވެސް ކޮންސިކުއެންސެއް އޮންނަ ކަމެއް. އެހެންވެ މިފަދަ ކަންކަން އެހާ ގިނައީ. އަޅުގަނޑުމެން ބޭނުން މިފަދައިން ކަން ކުރުމަކީ އަދަބު ލިބޭނެ ކަމެއްކަން އަންގަން،" ޝަފީއު އިތުރަށް ވިދާޅުވިއެވެ.

ޕީޖީ އޮފީހުން ބުނީ އެފަދަ މީހުންގެ މައްޗަށް އެއަށްވުރެ ބުރަ އަދަބެއް ދިނުމުގެ އިޚްތިޔާރު، ފަނޑިޔާރަަށް އޮންނާނެ ކަމަށެވެ. އޭގެ ތެރޭގައި ޖޫރިމަނާ އަދަބަށްވުރެ ބުރަ އަދަބެއް ދިނުން، ނުވަތަ އިތުރު ޖަލު އަދަބެއް ދިނުން ހިމެނޭކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

ޖޫރިމަނާކުރުމުން އެ ޖޫރިމަނާ ނުދެއްކުމުގެ މައްސަލަތައް އާއްމެވެ. އެ ފަދަ މައްސަަލަތަކުގައި މީރާއިން ވެސް ކޯޓަށް ދެއެވެ.

comment ކޮމެންޓް