މައުލޫމާތު ނުދޭތީ އައިކޮމްއިން ރައީސް އޮފީހާ ދެކޮޅަށް ޕީޖީއަށް މައްސަލަ ހުށަހަޅައިފި

ރައީސް އޮފީސް: އައިކޮމްއިން ވަނީ ޕީޖީގައި ރައީސް އޮފީހުން މައުލޫމާތު ނުދޭ މައްސަލަ ޖައްސާފައި --- ފޮޓޯ/ ރައީސް އޮފީސް

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ހުށަހަޅާ ހުށަހެޅުންތަކަށް ރައީސް އޮފީހުން ޖަވާބުދާރީ ނުވާތީ ރައީސް އޮފީހާ ދެކޮޅަށް އިންފިމޭޝާން ކޮމިޝަނަރުގެ އޮފީސް (އައިކޮމް)އިން މައްސަލަ ހުށައަޅާފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނެފިއެވެ.

"ސަން"އަށް މައުލޫމާތު ދެމުން ޕީޖީ އޮފީހުން ބުނީ، ރައީސް އޮފީހާ ދެކޮޅަށް އައިކޮމްއިން މައްސަލައެއް ހުށައަޅާފައިވާ ކަމަށެވެ. އަދި، އެ މައްސަލައިގައި ޕީޖީން އަމަލުކުރާނެ ގޮތެއް ފަހުން ހާމަކުރާނެ ކަމަށް ވެސް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.

މި މައްސަލައިގައި އިންފޮމޭޝަން ކޮމިޝަނާ އަހުމަދު އާހިދު ރަޝީދު "ސަން"އަށް ވިދާޅުވީ، ޕީޖީ އޮފީހަށް ފޮނުވާފައިވާނީ ރައީސް އޮފީހުން އަމުރަށް ނުކިޔަމަންތެރިވިކަމުގެ ދައުވާ ކަމުގައެވެ.

އޭނާ ވިދާޅުވީ، ދައުވާ ކޮށްފައިވާނީ ކޮވިޑް ވެކްސިން ތަކަކާ ގުޅޭ މައުލޫމާތު ހޯދުމަށް އެދި އެ މައުލޫމާތު ދިނުމަށް ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ނުދިނުމުން ކަމުގައެވެ.

އާހިދު ވިދާޅުވީ، މީގެ އިތުރުން ވެސް މައުލޫމާތު ނުދިނުމުން ބައެއް މައްސަލަތައް ޖެއްސުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. އަދި، ސީދާ އަދަދު ދަންނަވާލަން ދަތި ކަމަށާއި ނަމަވެސް މައުލޫމާތު ނުދީގެން ޖައްސަން ޖެހޭ މައްސަލަތަކެއް އަދިވެސް އެބަހުރި ކަމަށް އޭނާ ވިދާޅުވިއެވެ.

މައްސަލަތަކާ ގުޅިގެން އައިކޮމްގެ ފަރާތުން އެކި ފަހަރުމަތިން މައުލޫމާތު ހާމަކުރުމަށް ރައީސް އޮފީހަށް އަންގާފައިވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް