އައިކޮމްއިން ރައީސް އޮފީހާ ދެކޮޅަށް ހުށަހެޅި މައްސަލަ ތަހުގީގުކުރަން ފުލުހުންނަށް ފޮނުވައިފި

ޕްރޮސިކިއުޓާ ޖެނެރަލް ހުސެން ޝަމީމް ނޫސްވެރިންނަށް މައުލޫމާތު ދެއްވުމުގެ ތެރެއިން: ޕިޖީން މިއަދު ވަނީ އައިކޮމްއިން ރައީސް އޮފީހާ ދެކޮޅަށް ހުށަހެޅި މައްސަލަ ތަހުގީގުކުރަން ފުލުހުންނަށް ފޮނުވައިފަ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރައީސް އޮފީހާ ދެކޮޅަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް)އިން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ހުށަހެޅި މައްސަލަ ތަހުގީގުކުރުމަށް އެ އޮފީހުން ފުލުހުންނަށް މިއަދު ފޮނުވައިފިއެވެ.

އައިކޮމްއިން ރައީސް އޮފީހާ ދެކޮޅަށް އިއްޔެ މައްސަލަ ހުށަހަޅާފައި ވަނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ހުށަހަޅާ ހުށަހެޅުންތަކަށް ރައީސް އޮފީހުން ޖަވާބުދާރީ ނުވާތީ ކަމަށް ބުނެއެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެގައި އޮންނަ ގޮތުން ނަމަ އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުމަކާމެދު އިސްތިއުނާފުނުކޮށް، އަދި އެ ނިންމުމަށް އަމަލުނުކޮށް 45 ދުވަސް ފާއިތުވެއްޖެނަމަ، އެ މައްސަލަ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް އިންފޮމޭޝަން ކޮމިޝަނަރަށް ހުށަހެޅޭނެއެވެ.

އެގޮތުން އައިކޮމްއިން މައުލޫމާތު ހޯދުމަށް ރައީސް އޮފީހަށް ހުށަހެޅިތާ 45 ދުވަސް ފާއިތުވެފައިވާތީ، އެ އޮފީހުން ވަނީ މައްސަލައިގެ ލިޔުންތަކާއެކު ޕީޖީއަށް އެ މައްސަލަ ހުށަހަޅާފައެވެ.

މިކަމާ ގުޅިގެން ޕީޖީން ނެރުނު ބަޔާނެއްގައި މިއަދު ބުނީ، ދައުލަތުން ކުރާ ކޮންމެ ޖިނާއީ ދައުވާއެއްގައި އެކުލެވިގެންވާ ކުށުގެ މައްސަލަ، އެކަށީގެންވާ މިންވަރަކަށް ތަހުގީގުކުރެވިފައި އޮންނަން ވާނެ ކަމަށެވެ.

އެހެންކަމުން އެ މައްސަލައިގައި ޖިނާއީ ކުށުގެ އަމަލެއް ހިމެނޭތޯ ނުވަތަ ނޫންތޯ ބަލައި ގާނޫނުގައިވާ ގޮތުގެ މަތިން ތަހުގީގުގެ ހޯދުންތަކާއެކު އަނބުރާ ޕީޖީއަށް ފޮނުވަން ފުލުހުންގެ އޮފީހަށް ފޮނުވާފައިވާ ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

އަދި މިއީ ގާނޫނުގެ ދަށުން އިންފޮމޭޝަން ކޮމިޝަނަރަށް ލިބިވަޑައިގަންނަވާ ބާރެއްގެ ބޭނުން ކުރައްވައިގެން ފޮނުއްވާފައިވާ މައްސަލައަކަށްވާތީ، އާންމު މައްސަލަތަކާ ޚިލާފަށް، މި މައްސަލަ ކުރިއަށްދާ ގޮތް ބަލަމުން ދިއުމަކީ މިއޮފީހުން ކުރަންޖެހޭނެ ކަމެއްކަމަށް ފެންނާތީ، މި ތަހުގީގު ހިނގާގޮތް މި އޮފީހުން ދާނީ ގާތުން ބަލަމުން، ޕީޖީގެ ބަޔާން

ޕީޖީން ބުނީ މި މައްސަލައިގައި ދައުވާކުރުމާމެދު ގޮތެއް ނިންމާނީ ތަހުގީގުގެ ހޯދުންތަކަށް ބަލައި، އެކަމުގައި އަމަލުކުރަންޖެހޭ ގާނޫނީ އިޖުރާއަތުތަކުގެ ތެރެއިން ކަމަށެވެ.

މި މައްސަލައިގައި އިންފޮމޭޝަން ކޮމިޝަނާ އަހުމަދު އާހިދު ރަޝީދު "ސަން"އަށް އިއްޔެ ވިދާޅުވީ، ޕީޖީ އޮފީހަށް ފޮނުވާފައިވާނީ ރައީސް އޮފީހުން އަމުރަށް ނުކިޔަމަންތެރިވިކަމުގެ ދައުވާ ކުރުމަށް އެދި ކަމަށެވެ.

އޭނާ ވިދާޅުވީ، ދައުވާ ކުރަން އެދިފައިވާނީ ކޮވިޑް ވެކްސިން ތަކަކާ ގުޅޭ މައުލޫމާތު ހޯދުމަށް އެދުމުން ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި އެ މައުލޫމާތު ނުދިނުމުން ކަމަށެވެ.

އާހިދު ވިދާޅުވީ، މީގެ އިތުރުން ވެސް މައުލޫމާތު ނުދިނުމުން ބައެއް މައްސަލަތައް ޖެއްސުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. އަދި، ސީދާ އަދަދު ދަންނަވާލަން ދަތި ކަމަށާއި ނަމަވެސް މައުލޫމާތު ނުދީގެން ޖައްސަން ޖެހޭ މައްސަލަތަކެއް އަދިވެސް އެބަހުރި ކަމަށް އޭނާ ވިދާޅުވިއެވެ.

މައްސަލަތަކާ ގުޅިގެން އައިކޮމްގެ ފަރާތުން އެކި ފަހަރުމަތިން މައުލޫމާތު ހާމަކުރުމަށް ރައީސް އޮފީހަށް އަންގާފައިވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް