ދެ ގައުމަކުން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރުން އެ ބޭފުޅުންގެ ސަފީރުކަމުގެ ލިޔުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް އަރުވައިފިއެވެ.
ސަފީރުކަމުގެ ފަތްކޮޅު ރައީސަށް އަރުވައިފައިވަނީ ސިންގަޕޫރުން ރާއްޖެއަށް ކަނޑައެޅި އާ ސަފީރު، ސޫ ކޮކް ލެންގް އާއި ޕާކިސްތާނުން ރާއްޖެއަށް ކަނޑައެޅި އާ ސަފީރު އެޑްމިރަލް (ރިޓަޔާޑް) މުޙައްމަދު ފައްޔާޒް ގިލާނީއެވެ.
ސަފީރުކަމުގެ ފަތްކޮޅު އެރުވުމަށްފަހު ދެ ބޭފުޅުން ވެސް ވަނީ ރައީސާ ބައްދަލުކުރައްވައިފައެެވެ.
އެގޮތުން ސިންގަޕޫރުގެ ސަފީރާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ރައީސް ޞާލިޙު ވަނީ ދެ ގައުމުގެ ދެމެދުގައި އޮތް ބަދަހި ގުޅުން ބިނާވެފައި ވަނީ ދެ ގައުމުގެ ރައްޔިތުންގެ ދެމެދުގައިވާ ދޭދޭ ގުޅުމާއި، ދެ ގައުމުން ގަބޫލުކުރާ އުސޫލުތަކުގެ މައްޗަށްކަމުގައި ވިދާޅުވެފައެވެ. އަދި ސިންގަޕޫރަކީ ރާއްޖޭގެ ތަރައްގީގެ މުހިންމު ބައިވެރިއެއްކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ދެ ގައުމުން އިސްކަންދޭ މުހިންމު އެކިއެކި ދާއިރާތަކާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. އެގޮތުން، ދެ ބޭފުޅުން ވަނީ ސަރަހައްދީ ގޮތުންނާއި ބައިނަލްއަގުވާމީ ގޮތުން އެއް ގައުމު އަނެއް ގައުމަށް އެއްބާރުލުން ދިނުމާއި، މޫސުމީ ބަދަލުތަކާ ގުޅިގެން އެކުގައި މަސައްކަތްކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.
ސިންގަޕޫރުގެ ސަފީރު ވަނީ ރާއްޖޭގެ ސަރުކާރުން ކޮވިޑް-19 މެނޭޖްކުރުމުގައި އަޅާފައިވާ ކާމިޔާބު ފިޔަވަޅުތަކަށް ތައުރީފްކުރައްވައި ރައީސް ޞާލިޙަށް މަރުހަބާ ދަންނަވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވެސް ވަނީ ދެ ގައުމުގެ ދެމެދު އޮތް ގާތްގުޅުން ކުރިމަގުގައި އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.
ރާއްޖެއާއި ސިންގަޕޫރުން ސިޔާސީ ގުޅުން ގާއިމުކޮށްފައި ވަނީ 1975 ވަނަ އަހަރުގެ ފެބްރުއަރީ 20ވަނަ ދުވަހުއެވެ.
ޕާކިސްތާނު ސަފީރާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ރައީސާއި ސަފީރު ވަނީ ރާއްޖެއާއި ޕާކިސްތާނާ ދެމެދުގައި އޮތް ޒަމާންވީ ތާރީޚީ ގުޅުމަށް އަލިއަޅުއްވާލައްވައި، މި ގުޅުން ބިނާވެގެންދަނީ ދެގައުމުގެ ދެމެދުގައި އޮތް އިޙުތިރާމާއި ވިސްނުމާއި އެއްބައިވަންތަ އަޚްލާޤާއި އަގީދާގެ މައްޗަށް ކަމުގައި ފާހަގަކުރައްވާފައެވެ.
ހަމައެއާއެކު ތައުލީމާއި ސިއްހަތާއި ކުޅިވަރާއި ސަލާމަތާއި ރައްކާތެރިކަމުގެ ދާއިރާ ފަދަ ދާއިރާތަކުންނާއި ސަރަހައްދީ އަދި ބައިނަލްއަގްވާމީ ދާއިރާއިން ގުޅުން ބަދަހިކުރުމާ ބެހޭ ގޮތުން ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވައިފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ޞާލިޙު ވަނީ، ދާދިފަހުން ޕާކިސްތާނަށް ކުރިމަތިވި ވިއްސާރައިގެ ސަބަބުން އެތައް ބައެއްގެ ފުރާނަ ގެއްލުމާ ގުޅިގެން، ޕާކިސްތާނުގެ ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް އިޚްލާސްތެރިކަމާއެކު ހަމްދަރުދީ އާއި ތަޢުޒިޔާ ފޮނުއްވާފައެވެ.
މީގެ އިތުރުން ދެ ގައުމުގެ ދެމެދުގައި އޮތް ގާތްގުޅުން އިތުރަށް ބަދަހިކުރުމަށް އުއްމީދު ކުރައްވާ ކަމަށް ދެ ބޭފުޅުންވެސް ވިދާޅުވިއެވެ.