ޅ. އަތޮޅު ހޮަސްޕިޓަލަށް ދިއްދޫ ހޮސްޕިޓަލުން އޮޕަރޭޝަން ޑޮކްޓަރެއް ގެންދަނީ

ޅ. ނައިފަރުގައި ހުންނަ އެއަތޮޅު ހޮސްޕިޓަލް ---

ޅ. ނައިފަރުގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލުގައި މަސައްކަތް ކުރަމުން ދިޔަ ހަމައެކަނި އޮޕަރޭޝަން ޑޮކްޓަރު ފިލުމުން ހއ. ދިއްދޫގައި މިވަގުތު ހުރި އޮޕަރޭޝަން ޑޮކްޓަރަކު ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޅ. އަތޮޅު ހޮސްޕިޓަލުން މިއަދު ބުނެފިއެވެ.

މީގެ ފަސް މަސް ކުރިން ޅ. އަތޮޅު ހޮސްޕިޓަލުގައި މަސައްކަތް ކުރަން ފެށި ކިއުބާއަށް ނިސްބަތްވާ އޮޕަރޭޝަން ޑޮކްޓަރު ފިލީ މި މަހުގެ 20ވަނަ ދުވަހުއެވެ.

އެއްވެސް އެއްޗެއް ނާނގާ އޭނާ ފިލުމުން މިވަގުތު އެ ހޮސްޕިޓަލްގައި އޮޮޕަރޭޝަން ޑޮކްޓަރެއް ނެތެވެ.

https://sun.mv/170963

އެ މައްސަލައިގެ އެންމެ ފަހުގެ މައުލޫމާތު އަހާލުމުން ޅ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު ޖައުފަރު އަބްދުﷲ "ސަން" އަށް މިއަދު ވިދާޅުވީ ޑޮކްޓަރު ފިލި ދުވަހު ހެލްތު މިނިސްޓްރީން އެކަމަށް އެޓެންޑު ވެފައިވާ ކަމަށެވެ.

"އެ ޑޮކްޓަރުގެ މިހާރުގެ އަޕްޑޭޓެއް އަޅުގަނޑުމެންނަށް ދެވޭކަށް ނެތް. އަޅުގަނޑުމެންނަށް މުހިއްމު ވާނީ އާ ޑޮކްޓަރަކު ލިބުން. އެކަން ހެލްތު މިނިސްޓަރާ ގުޅިގެން ދަނީ ކުރިއަށް،" އޭނާ ވިދާޅުވިއެވެ.

ޖައުފަރު ވިދާޅުވި ގޮތުގައި މިހާރު ހަމަޖެހިފައި ވަނީ ހއ. ދިއްދޫގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލުގައި މަސައްކަތް ކުރާ ދެ ޑޮކްޓަރުން ތެރެއިން ޑޮކްޓަރެއް ޅ. އަތޮޅު ހޮސްޕިޓަލަށް ގެންދިއުމަށެވެ.

ނަމަވެސް ގެންދެވޭނެ ސީދާ ދުވަހެއް ނޭނގޭ ކަމަށާއި އެކަން އެނގޭނީ ހއ. އަތޮޅު ހޮސްޕިޓަލަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެނގިފައިވާ ގޮތުގައި ފިލި ޑޮކްޓަރު މިހާރު ވަނީ މާލެ އައިސްފައެވެ. އަދި މީގެކުރިން ނައިފަރުގައި މިފަދަ ހާދިސާއެއް ހިނގާފައި ނުވާ ކަމަށާއި، ޑޮކްޓަރު ފިލައިގެން ދާން ޖެހުނު ސަބަބު ނޭނގޭ ކަމަށް އެރަށު ރައްޔިތުން ބުނެއެވެ.

ކިއުބާގެ ފިރިހެން އެ ޑޮކްޓަރު ފިލުމުގެ ކުރިން ޅ. އަތޮޅު ހޮސްޕިޓަލުގައި މަސައްކަތް ކުރަނީ ޖުމުލަ ދެ އޮޕަރޭޝަން ޑޮކްޓަރެވެ.

އޭގެ ތެރެއިން އެކަކު މި ދުވަސްކޮޅު ހުރީ ޗުއްޓީގައެވެ.

ޅ. އަތޮޅު ހޮސްޕިޓަލަކީ އެރަށުގައި ދިރިއުޅޭ ރައްޔިތުންގެ އިތުރުން، އެއަތޮޅުގެ އެހެން ރަށްރަށާއި ރިސޯޓުތަކުން ވެސް ގިނަ އަދަދެއްގެ މީހުން ޚިދުމަތް ލިބިގަންނަ ހޮސްޕިޓަލެކެވެ.

ރާއްޖެއަށް މަސައްކަތް ކުރަން އަންނަ ބައެއް ބިދޭސީން ފިލައިގެން ދާ މައްސަލައަކީ މަދުން ނަމަވެސް ކުރިމަތިވާ މައްސަލައެކެވެ. އޭގެ ތެރޭގައި ޑޮކްޓަރުންނާއި ޓީޗަރުން އަދި ލޭބަރުން ވެސް ހިމެނެއެވެ.

comment ކޮމެންޓް