ޅ. އަތޮޅު ހޮސްޕިޓަލްގައި ހުރި ހަމައެކަނި އޮޕަރޭޝަން ޑޮކްޓަރު ފިލައިފި

ޅ. ނައިފަރުގައި ހުންނަ އެއަތޮޅު ހޮސްޕިޓަލް

ޅ. ނައިފަރުގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލުގައި މަސައްކަތް ކުރަމުން ދިޔަ ހަމައެކަނި އޮޕަރޭޝަން ޑޮކްޓަރު ފިލަފިއެވެ.

މީގެ ފަސް މަސް ކުރިން އެ ހޮސްޕިޓަލްގައި މަސައްކަތް ކުރަން ފެށި އޮޕަރޭޝަން ޑޮކްޓަރަކީ ކިއުބާއަށް ނިސްބަތްވާ ފިރިހެނެކެވެ. ވަކި އެއްޗެއް ނާންގާ އޭނާ ފިލުމުން މިވަގުތު އެ ހޮސްޕިޓަލްގައި އޮޮޕަރޭޝަން ޑޮކްޓަރެއް ނެތެވެ.

މިކަމާ ގުޅޭގޮތުން ޅ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު ޖައުފަރު އަބްދުﷲ "ސަން" އަށް ވިދާޅުވީ މިދިޔަ ހަފުތާގެ އާދިއްތަ ދުވަހުން ފެށިގެން އޭނާ ޑިއުޓީއަށް ހާޒިރުވެފައި ނުވާ ކަމަށެވެ. އަދި ޑިއުޓީއަށް ނާންނަ ސަބަބެއް ނާންގާ ކަމަށް ވެސް ވިދާޅުވިއެވެ.

އެ މައްސަލަ ހެލްތު މިނިސްޓްރީއަށް ހުށަހަޅާފައިވާކަން އޭނާ ކަށަވަރު ކޮށްދީފައެއް ނުވެއެވެ.

ކަން ހިނގާދިޔަ ގޮތް އެނގޭ މީހަކު "ސަން" އަށް މައުލޫމާތު ދިން ގޮތުގައި ޑޮކްޓަރު ފިލާފައިވަނީ އެއްދުވަހު ސަލާމް ބުނުމަށްފަހުއެވެ. އެ ދުވަހުގެ ފަހުން އޭނާ ވަޒީފާއަށް ނުކުމެފައިނުވާއިރު، އޭނާ މިހާރު ވަނީ ފުރައިގެން މާލެ އައިސްފައެވެ.

މީގެކުރިން ނައިފަރުގައި މިފަދަ ހާދިސާއެއް ހިނގާފައި ނުވާ ކަމަށާއި، ޑޮކްޓަރު ފިލައިގެން ދާން ޖެހުން ސަބަބު ނޭނގޭ ކަމަށް އެރަށު ރައްޔިތުން ބުނެއެވެ.

މިކަމާ ގުޅިގެން ހެލްތު މިނިސްޓްރީގެ ބަހެއް ހޯދުމަށް ގުޅުމުން ބުނީ އެފަދަ ކަމެއް ހިނގައިގެން އުޅޭކަން އެނގިފައިނުވާ ކަމަށެވެ. އަދި މައުލޫމާތު ސާފުކުރުމަށްފަހު ޖަވާބު ދޭނެ ކަމަށް ބުނި ނަމަވެސް އެމިނިސްޓްރީން ފަހުން ފޯނަށް ޖަވާބު ދާރީ ވެފައެއް ނުވެއެވެ.

ޅ. އަތޮޅު ހޮސްޕިޓަލަކީ އެރަށުގައި ދިރިއުޅޭ ރައްޔިތުންގެ އިތުރުން، އެއަތޮޅުގެ އެހެން ރަށްރަށާއި ރިސޯޓުތަކުން ވެސް ގިނަ އަދަދެއްގެ މީހުން ޚިދުމަތް ލިބިގަންނަ ހޮސްޕިޓަލެކެވެ.

ރާއްޖެއަށް މަސައްކަތް ކުރަން އަންނަ ބައެއް ބިދޭސީން ފިލައިގެން ދާ މައްސަލައަކީ މަދުން ނަމަވެސް ކުރިމަތިވާ މައްސަލައެކެވެ. އޭގެ ތެރޭގައި ޑޮކްޓަރުންނާއި ޓީޗަރުން އަދި ލޭބަރުން ވެސް ހިމެނެއެވެ.

comment ކޮމެންޓް