މާފުށްޓާ ބެހޭ ރިޕޯޓާއި ޑަންޑަރހެޑުންނާ ބެހޭ ވާހަކަކޮޅެއް

ޒަމާނުއްސުރެ ރާއްޖޭގައި ފަތުރުވެރިކަން އޮތީ އެކަމަށް ޚާއްޞަ ވަކި ރަށްތަކެއްގައި

ކ. މާފުށީގައި "ލޯކަލް ޓުއަރިޒަމް" ތަޢާރަފު ކުރުމަށް ފަހު، ނަތީޖާއެއްގެ ގޮތުން ރަށުގެ މުޖުތަމަޢު ވެއްޓިފައި ވާ ދަށު ދަރަޖަ އާއި ރަށުގައި ފެތުރި ޢާއްމު ވެފައި ވާ ނުބައި އެތައް ކަންތައްތަކަކާ ބެހޭގޮތުން ދިވެހިރާއްޖޭގެ ނޫސްވެރިޔަކު ލިޔުނު ވަރަށް މުހިއްމު ރިޕޯޓެއް 24 ނޮވެންބަރުގައި ޝާއިޢު ކުރެވުނެވެ. އެންމެ ފުރަތަމަ ކަމަކަށް، އެ ނޫސްވެރިޔާއަށް މަރުޙަބާ ކިޔަމެވެ. އެ ރިޕޯޓަކީ ޙަޤީޤި ނޫސްވެރިކަމުގެ ރިވެތި މިސާލެކެވެ.

މި ދެންނެވި ރިޕޯޓުން އަލި އަޅުވައިލެވުނީ މުޅި ޤައުމު ބިރުން ފިތް ކަނޑައިގެން ދާ ވަރުގެ ޙަޤީޤަތްތަކެއްގެ މައްޗަށެވެ. ޤައުމާއި ޤައުމުގެ އަންނާން އޮތް ޖީލުތަކާއި ޤައުމުގެ ބާއްޖަވެރިކަމާ މެދު ކުޑަ ނަމަވެސް ފިކުރެއް ޚިޔާލެއް ހުރި ޒަޢާމަތެއް ޤައުމުގައި އޮތް ނަމަ، ވަގުތުން ޤައުމީ މުޞީބާތުގެ ޙާލަތެއް އިޢުލާން ކުރާ ވަރުގެ މައްސަލަތަކެއްގެ މައްޗަށެވެ. ކަމާ މެދު އަޅުގަނޑުމެން އެންމެން ސީރިޔަސް ވާން ޖެހޭ މިންވަރު ބޮޑު ވަނީ، މިއީ މާފުށްޓާ ހަމައިގައި ހިފެހެއްޓިފައި އޮތް މައްސަލަތަކެއް ކަމަށް ނުވާތީއެވެ. މާފުށީގައި ތަޢާރަފު ކުރެވުނު "ލޯކަލް ޓުއަރިޒަމް" މި ވަނީ ރާއްޖޭގެ އެތައް ރަށަކަށް ޢާއްމު ކުރެވިފައެވެ. އެ ރަށްރަށުގައި ވެސް ކަން ހިނގަމުންދަނީ މާފުށީގެ މިޞްރާބަށެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ފެށިގެން ތަރައްޤީ ކުރެވިގެން އައީ ޤައުމާ އެކަށޭނަ ރަނގަޅު މޮޑެލަކަށެވެ. ރާއްޖެއަކީ "ލެޜަރ ޓުއަރިޒަމް" އޮތް ތަނަކަށް ވާއިރު، ރާއްޖޭގައި ފަތުރުވެރިކަން އޮތީ ވަކި ރަށްތަކެއްގައެވެ. މީހުން ދިރިނުއުޅޭ ރަށްތަކެއް ފަތުރުވެރިކަމަށް ޚާއްޞަ ކުރެވިގެން، އެ ރަށްރަށުގައި ރިސޯޓުތަކެއް ހިންގާ އުޞޫލަށެވެ. ފަތުރުވެރީންނަށް ޢާއްމުން ދިރިއުޅޭ ރަށްރަށަށް ޒިޔާރަތް ކުރެވެނީ ވަރަށް ބޮޑަށް ހިފެހެއްޓިފައި އޮންނަ ގޮތެއްގައި، މަދުމަދުންނެވެ. އެއީ ވެސް ވަރަށް މަދު ޢަދަދެއްގެ ރަށްރަށަށެވެ. މި ގޮތަށް ކަންކަން އިންތިޒާމު ކޮށްފައި އޮތީ، ރާއްޖެއަށް މައިގަނޑު ގޮތެއްގައި ޒިޔާރަތް ކުރާ ފަތުރުވެރީންނަކީ ޣައިރު މުސްލިމުން ކަމުގައި ވެފައި، އިސްލާމީ އަޚްލާޤީ ޤިޔަމުތަކަށް ނުފެތޭ އެހެން އެތައް ކަމެއް އެމީހުންގެ ދިރިއުޅުމުގައި ހިމެނޭތީ، އެ ކަންކަން ދިވެހި މުސްލިމް މުޖުތަމަޢުގައި ފެތުރިދިޔުމުގެ ދޮރު ބަންދު ކުރުމުގެ މަޤްޞަދުގައެވެ. ނަމަވެސް، 2008 ވަނަ އަހަރަށް ފަހު ފަތުރުވެރިކަން މީހުން ދިރިއުޅޭ ރަށްރަށަށް ފުޅާ ކުރުމުގެ ސިޔާސަތަކާއި މަސައްކަތްތަކެއް ކުރެވުނެވެ. އެއިރުވެސް އެތައް ބަޔަކު، އެކަމުގެ ނަތީޖާ ރަނގަޅު ނުވާނޭ ވާހަކަ ބުންޏެވެ. އެހެން ނުހަދާށޭ، ފަތުރުވެރިކަން ރިސޯޓުތަކާ ހަމައިގައި ބާއްވާށޭ ބުނެ ވާހަކަ ދެއްކިއެވެ. ނަމަވެސް، އެހެންޏާ ސިޔާސަތު ހަދައި ހިންގާން ތިބި މީހުންގެ ވިސްނުން ކޮށިކަމުން އެމީހުންނަށް އެ ވާހަކަތައް ނުވިސްނުނީއެވެ. މި އެޅޭ ފިޔަވަޅުގެ ނަތީޖާ ނުކުމެދާނޭ ގޮތްގޮތް ވިސްނައި ތަޞައްވުރު ކުރުމުގެ ޤާބިލުކަން އެމީހުންގެ ކިބައިގައި ނެތީއެވެ. ނުވަތަ، ހަމަ ގަސްދުގައި ރަށްރަށަށް ޔޫރަޕިއަން ފަތުރުވެރީން ގެނެސް، ހުޅަނގުގެ "ސޮފްޓް ޕަވަރ" ގެ "އައުޓްލެޓްތަކެއް" ދިވެހި މުޖުތަމަޢަށް ގެންގޮސް، ރާއްޖެއިން އިސްލާމީ ފިކުރާއި އަޚްލާޤާއި ސަގާފަތް ނެއްތައިލުމުގެ މަކަރުވެރި ރޭވުމެއް ތަންފީޒު ކުރެވުނީއެވެ. އަޅުގަނޑަށް ބޮޑަށް ބުރަ ވެވެނީ ކަން ހިނގީ ފަހުން މި ދެންނެވި ގޮތަށް ކަމުގައެވެ.

މި ބާވަތުގެ ކަންކަން ކުރުމުގައި ޢަމަލު ކުރާން ޖެހޭ ބުއްދިވެރި އަދި ރަނގަޅު ގޮތަކީ ކޮބައިތޯ މިއީ ވެސް ކޮށްލުން މުހިއްމު ސުވާލެކެވެ. ޝައްކެއް ނެތް ގޮތުގައި، އެ ގޮތަކީ އެންމެ ފުރަތަމަ ކޮންމެވެސް އެއް ރަށެއްގައި އެކަން ތަޢާރަފު ކޮށްފައި، ނަތީޖާތައް ނުކުންނަ ގޮތާ މެދު އެކަށީގެން ވާ މުއްދަތެއް ވާންދެން ބަލައި ދިރާސާތައް ކުރުމެވެ. "ޕައިލެޓް މަޝްރޫޢެއް" ގެ ގޮތުގައެވެ. އެޔަށްފަހު، އޭގެ ނަތީޖާތައް ރަނގަޅިއްޔާ، އިތުރު ތަންތަނަށް އެކަން ފުޅާ ކުރުން އެންމެ ރަނގަޅެވެ. އެކަމަކު، ރާއްޖޭގައި އެ ކިޔާ "ލޯކަލް ޓުއަރިޒަމް" ތަޢާރަފު ކުރުމުގައި ޢަމަލު ކުރީ މި ކަހަލަ އެއްވެސް ޒިންމާދާރުކަމެއް ނެތިއެވެ. ނުބައި ނަތީޖާތަކެއް ނުކުތުމުގެ ވަރަށް ބޮޑު އިޙުތިމާލު އޮއްވައި ވެސް، އަދި އެތައް ބަޔަކު އެ އިޙުތިމާލާ މެދު ނުހަނު ބޮޑަށް ކަންބޮޑުވުން ފައުޅު ކުރަމުން ދަނިކޮށް ވެސް، ތަނެއް ދޮރެއް ނުބަލައި، މުޅި ޤައުމުގައި "ލޯކަލް ޓުއަރިޒަމް" ފަތުރައިލީއެވެ. އާދެ، ރޭވިފައި އޮތް ނުރައްކައުތެރި ރޭވުމެއްގެ ތެރެއިން، ނުވަތަ އިންތިހާ ދަރަޖައިގެ ހަނި ވިސްނުމެއްގެ ތެރެއިންނެވެ.

ނަތީޖާ އަކީ މާފުށްޓެވެ! އެ ނަތީޖާ އަކީ ކޮބައިކަމުގެ އިބްތިދާއީ ތަޞައްވުރެއް އަލްފާޟިލާ އާސިމާ ނިޒާރުގެ ރިޕޯޓުން ފެނިގެން މި ދިޔައީއެވެ. އާސިމާގެ ރިޕޯޓުގެ ފަހު ދެ ޕެރެގްރާފާ މެދު މި ދަނޑިވަޅުގައި އަޅުގަނޑުމެން ފުންކޮށް ވިސްނާން ޖެހެއެވެ. "މި ވާހަކަތައް މި ހުރިހާ ދުވަހަކު ސިއްރުކޮށްގެން ތިބެނީ، ރަށު މީހުން ބުނާ ގޮތުން ފައިސާވެރިންގެ ބާރުގަ އެވެ. ނުވަތަ ރަށަށް ފައިސާ ވަންނާތީ އެވެ. ވަޒީފާ ގެއްލިދާނެތީ އެވެ. އެކަމަކު، އެ ރަށު މީހުން ވެސް ހިތާހިތާ މިހާރު ކުރާ އެއް ސުވާލަކީ މި އެވެ؛ މި ޓޫރިޒަމުން ވީ ފައިދާ އަކީ ކޮބައި ހެއްޔޭ އެވެ؟ ... "އަހަރެން ނޭދެން މިހެން ރާއްޖޭގެ އެހެން ރަށަކަށް ވާކަށް،" މި ރަށުގެ އަންހެނަކު ބުންޏެވެ."

މާފުށީ ކައުންސިލުގެ ޖަދަލު

އާސިމާގެ ރިޕޯޓާ ގުޅިގެން، މާފުށީ ކައުންސިލުން "ނޫސް ބަޔާން" އެއްގެ ނަމުގައި ގެރިޒުވާބުގެ ޖަދަލުތަކެއް ލިޔެފައި ނެރުނެވެ. 25 ނޮވެންބަރު 2022 ގެ ތާރީޚުގައި ނެރުނު އެ "ނޫސް ބަޔާން" ކިޔައިލުމުން ފެނިގެން ދިޔައީ ކައުންސިލަރުންގެ ގޮތުގައި ތިބި ފަސް މީހުންގެ ފިކުރީ އަދި އަޚްލާޤީ ފެންވަރު ހުރި ދަށު ދަރަޖައެވެ. ހޮޅުއަށީގައި މީހުންގެ ދަތްދޮޅިދޮށަށް އަތް އުކައުކައިފައި ޖަދަލު ކުރާން އުޅޭ ޒާތުގެ މީހުން، ޤައުމު ހިންގުމުގެ މަޤާމުތަކަށް އިންތިޚާބު ކޮށް ޢައްޔަން ކުރުމުން، ފެންނާނޭ ހުތުރު މަންޒަރެވެ.

މި ވާހަކަ މިހައި ތިލަކޮށް ދެންނެވީމާ، އަޅުގަނޑާ ދިމާޔަށް ވެސް ހެއްދެވިނުހެއްދެވިއަށް ގޮވާނޭ މީހުން ގިނަ ވާނޭކަން އެނގެއެވެ. ޙަޤީޤަތުގައި، އެއްވެސް މީހަކަށް ނިސްބަތް ކޮށް މި ދެންނެވި ފަދަ އަދި އިތުރަށް ދަންނަވާން އޮތް ފަދަ ބަސްތަކެއް ބޭނުން ކުރުމަކީ އަޅުގަނޑު ވެސް ކުރާ ހިތް ވާ ކަމެއް ނޫނެވެ. ނަމަވެސް، ކީރިތި މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘް ބަސްފުޅުގައި އޮންނަ ފަދަ "ރުވައިބިޟާ" އިން މި ޤައުމުގެ ބާރުވެރިކަމުގެ މަޤާމުތަކަށް އައިސް، އެމީހުންގެ ޖާހިލުކަމާއި ނުބައިކަމުގެ ސީދާ ނަތީޖާތަކުގެ ތެރެއިން ޤައުމު ބަރުބާދު ވެގެން ދާ މަންޒަރު ހަމަ ލޮލަށް ފެނުމުން، ދެން ވެސް ބުނާން ޖެހޭ އެއްޗެއް ނުބުނެ، "ޕޮލިޓިކަލީ ކަރެކްޓް" އަދި "ޕޮލައިޓް" ބަހުރުވައިން ވާހަކަ ދައްކަދައްކައި ތިބުން އަޅުގަނޑަށް މިހާރަކު ދެން "އޯކޭއެއް" ނޫނެވެ. އެހެންވެގެން، ފަކީރާއަށް ފަކީރާއޭ ކިޔުމުގެ އުޞޫލަށް ތަބަޢަ ވެ، އަދި މި ދަންނަވާ މީހުންނާ މެދު ޤައުމު ހެއި ލެއްވުމުގެ ޟަރޫރަތަށް ޓަކައި، ފޮރުވުމެއް ސެންސަރު ކުރުމެއް ނެތި ބުނާން ޖެހޭ ގޮތަށް ބުނާން ޖެހޭ އެތި ބުނަނީއެވެ.

މިއަދު އެފްރިކާގެ ޙާލަތާ މެދު އެންމެ ސީދާސާދާކޮށް އަދި އެންމެ އިޚްލާޞްތެރިކޮށް ވާހަކަ ދައްކަވަމުން އަޑު އުފުއްލަވަމުން ގެންދަވާ އެއް ބެއިފުޅަކީ ކެންޔާގެ މަޝްހޫރު ޢިލްމުވެރިޔާ އަދި އެ ޤައުމުގެ އެންމެ ބޮޑު ޤާނޫނު ކޮލެޖުގެ ޑިރެކްޓަރ ޕްރޮފެސަރ ޕެޓްރިކް އެލް. އޯ. ލުމުމްބާއެވެ. ލުމުމްބާގެ ތަޤުރީރެއްގައި ވިދާޅުވެފައި ވާ ބަސްފުޅުތަކެއްގެ ތަރުޖަމާ މި ތަނުގައި ލިޔެލާނަމެވެ.

އަޅުގަނޑުގެ އަމިއްލަ ވަޒަން ކަމަށް ވާ ކެންޔާގައި ވަރަށް ގިނަ ފަހަރު އަޅުގަނޑަށް ފެންނަ މަންޒަރެކެވެ. އަޅުގަނޑުމެންގެ ގައުމުގެ ވެރިކަމުގެ ނިޒާމުގެ މަގާމުތަކަށް އިންތިޚާބު ކުރެވޭ ބައެއް މީހުންނަކީ ރަނގަޅު މީހުންނެވެ. ނަމަވެސް އެއިގެ ތެރެއިން ގިނަ މީހުންނަކީ އެ މަގާމުތަކަށް އެއްވެސް ގޮތަކުން ކުފޫ ހަމަ ވެގެން ނުވާ މީހުންނެވެ. ރަށްފުށު ހިސާބުގަނޑުގައި ބައެއް ފަހަރު ރަނގަޅަށް ލިޔާންކިޔާން ނުދަންނަ މީހުން ވެސް އެފަދަ މަގާމުތަކަށް އައްޔަން ކުރެވިދެއެވެ. އެއީ ރަނގަޅަށް ލިޔާންކިޔާން ނުދަންނަ ބަޔަކުކަން އެންމެނަށް ވެސް އެނގެއެވެ. އަދި އެއީ ހިކުމަތްތެރި ބަޔަކު ނޫންކަން އެންމެނަށް ވެސް އެނގެއެވެ. ނަމަވެސް އެއްކަލަ މީހާ އިންތިޚާބު ކުރެވޭ ދުވަހުގެ ފަހު ދުވަހު، ކޮންމެވެސް ޖަލްސާއެއް ނުވަތަ މަޖިލިހަކަށް އޭނާއަށް ދައުވަތު ދެވިދާނެއެވެ. އަދި އެ މީހަކަށް ދައުވަތު ދިން މީހުން، ޖަލްސާގެ ތައާރަފުގައި، "އަހަރެމެން އިއްޔެ އިންތިޚާބު ކުރި އެވަނިމިވަނި މީހާ އޭނާގެ ހިކުމަތާއި އިލްމުން މިންވަރެއް އަހަރެމެންނާ އެކު ހިއްސާ ކޮށްލުމަށް ދައުވަތު ދެމޭ" ބުނާނެއެވެ. އަޅުގަނޑު ތިޔަ ބެއިފުޅުންނަށް ޔަގީން ކޮށްއަރުވަމެވެ. ވޯޓުފޮށީގައި، މަގާމަކަށް ވޯޓުން ހޮވޭ މީހާ ކުއްލިޔަކަށް ބޮޑު އިލްމުވެރިޔަކަށް ނުވަތަ ހިކުމަތްތެރިޔަކަށް ބަދަލު ކޮށްލާ ބާވަތުގެ އެއްވެސް ކަހަލަ ޖާދުލެއް ނުވެއެވެ. މީހަކީ "ޑަންޑަރހެޑް" އެއް ކަމަށް ވަނީވިއްޔާ، އެ މީހާޔަށް ގިނަ ބަޔަކު ވޯޓު ދީގެން ކޮންމެވެސް މަގާމަކަށް ހޮވާ ހޮވުމަކުން އެކަން ބަދަލެއް ނުވާނެއެވެ. އޭނާ ވާނީ އިންތިޚާބު ވެފައި ހުރި "ޑަންޑަރހެޑް" އަކަށެވެ."

މާފުށީގެ ޙާލަތާ މެދު އާސިމާ ލިޔުނު ރިޕޯޓަށް ފާޑު ކިޔައި "ނޫސް ބަޔާނޭ" ކިޔައިގެން ފާޑެއްގެ ލިޔުމެއް ނެރުނު މީހުންނަކީ ޕްރޮފެސަރ ލުމުމްބާ އެ ވިދާޅުވާ "ޑަންޑަރހެޑުން" ގެ ރީތި މިސާލެކެވެ. އެފްރިކާއެކޭ އެއްފަދައިން، އަޅުގަނޑުމެންގެ މި ލޮބުވެތި ވަޠަނަށް ވެސް މިއަދު ޖެހިފައި ވާ އެންމެ ބޮޑު އެއް މުޞީބާތަކީ ޤައުމުގެ ބަނުމާއި މޮހުމުގެ ޒިންމާތައް އަދާ ކުރާ މީހުންގެ ގޮތުގައި މި ކަހަލަ "ޑަންޑަރހެޑުން" އިންތިޚާބު ކުރެވި ޢައްޔަން ކުރެވިފައި ވާކަމެވެ. ކައުންސިލުތަކުން ވެސް، ރައްޔިތުންގެ މަޖިލިހުން ވެސް، ވަޒީރުންގެ މަޖިލިހުން ވެސް، އަދި ޤައުމުގެ އެހެން އެތައް ދިމާޔަކުން ވެސް ފެންނަނީ ހަމަ މި ހިތި ޙަޤީޤަތެވެ.

އަދިވެސް ދަންނަވަމެވެ. މި މީސްމީހުންނާ ދިމާޔަށް ވެސް، "ޑަންޑަރހެޑުންނޭ" އަދި "ރުވައިބިޟާއިންނޭ" މި ދަންނަވަނީ، ބަޔަކަށް އެއްޗެތި ގޮވުމުގެ އެއްވެސް އެދުމެއް އަދި ނިޔަތެއް އޮވެގެން، އެކަމުން އެއްވެސް އުފަލެއް ނުވަތަ ހިތްހަމަޖެހުމެއް ލިބޭތީއެއް ނޫނެވެ. އެޔާ ޚިލާފަށް، ބަޔަކު ނުކުމެ ކޮންމެ ގޮތެއް ވިޔަސް ހެޔޮ ކަމަށް، މި ޑަންޑަރހެޑުންނާއި ރުވައިބިޟާއިންގެ ޙަޤީޤަތް ދިވެހި ރައްޔިތުންނަށް ބުނެދޭށޭ ޤައުމުގެ ޙާލުގެ ދުލުން ގޮވައި އާދޭސް ކޮށްފައި ބުނާތީއެވެ.

ފުވައްމުލަކުގެ ޑަންޑަރހެޑުން

ރާއްޖޭގެ ގިނަ ރަށްރަށުގެ ކައުންސިލުތަކުގައި ތިބީ މާފުށީ ކައުންސިލުގައި ތިބި ޒާތުގެ "ޑަންޑަރހެޑުންނެވެ". އެމީހުންގެ ފަނާ ކުރަނިވި ސިޔާސަތުތަކާއި ޢަމަލުތަކުގެ އިތުރު މިސާލެއް ވެސް ދާދި ފަހުން ފެނިގެން ދިޔައެވެ. އަޅުގަނޑުގެ އުފަން ރަށް ކަމުގައި ވާ ޏ. ފުވައްމުލަކުންނެވެ.

ފުވައްމުލަކު ކައުންސިލުގެ މެންބަރު ޢާއިޝަތު އިނާޔާ 16 ނޮވެންބަރުގައި ކޮށްފައި ވާ ފޭސްބުކް ޕޯސްޓެއްގައި ލިޔެފައި ވެއެވެ. "ޓުއަރިޒަމް ތަރައްޤީ ކުރުމަށް ޓަކައި ފުވައްމުލަކު ސިޓީގެ އަމިއްލަ ވިޔަފާރިތަކުން ކުރަމުން ގެންދާ މަސައްކަތަށް އައްސަރިބަހާއި ސާބަސް ދެމެވެ. ޓުއަރިޒަމް ރަށުގައި ތަރައްޤީ ކުރުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ޓުއަރިސްޓް ބީޗެއް ނެތުން ކަމަށް ޓުއަރިޒަމަށް ވުނަދާނަ ކުރައްވާ ބޭފުޅުން ދަނީ ވިދާޅުވަމުންނެވެ. ފުވައްމުލަކު ސިޓީގެ ހުޅަނގު ދެކުނު ދާއިރާ އަދި ރަށުގެ ޓުއަރިޒަމަށް ވުނަދާނަ ކުރައްވާ ގިނަ ބެއިފުޅުންގެ އެދިވަޑައިގަތުމާ އެއްކޮށް، މިކަން އެ ބެއިފުޅުންނަށް ކޮށްދޭން ބޭނުން ވެއެވެ. ޓުއަރިސްޓް ބީޗަކަށް ބޭނުން ވާ ބިން ކަނޑައެޅުމަށް ޓަކައި މާދަމާ ހެނދުނު 10:00 ގައި ފުވައްމުލަކު ސިޓީ ކައުންސިލުގެ 2022 ވަނަ އަހަރުގެ 16 ވަނަ ކުއްލި ޖަލްސާ ވަނީ އެޖެންޑާ ކޮށްފައެވެ. މިކަން ކުރުމަށް ކައުންސިލުގެ މެންބަރު ޢަބްދުﷲ ނާޞިރާއި، ކައުންސިލުގެ މެންބަރު މުޙައްމަދު އިސްމާޢީލް، އަދި އަޅުގަނޑުގެ ފުރިހަމަ ތާއީދާ އެއްކޮށް ވަނީ ފުވައްމުލަކު ސިޓީ ކައުންސިލަށް މިއަދު ކަރުދާހެއް ހުށައަޅައިފައެވެ."

ޏ. ފުވައްމުލަކުގައި ފަތުރުވެރީންނަށް ޚާއްޞަ އަތިރިމަތީ ސަރަޙައްދެއް ބޭއްވުމާ މެދު މަޝްވަރާ ކުރެވުމުން، ރަށުގެ އެކިއެކި ދިމަދިމާއިން، އެތައް ރައްޔިތުންނެއް އެކަމާ ދެކޮޅަށް ޝުޢޫރު ފައުޅު ކުރިއެވެ. ކައުންސިލުން ބޭއްވި ބައްދަލުވުމެއްގައި ބައިވެރި ވެ، އެކަން ނުކުރާށޭ ބުނެ އެކި ގޮތްގޮތަށް ވާހަކަ ދެއްކިއެވެ. ޚުދު އަޅުގަނޑަކީ ވެސް އެ ބައްދަލުވުމުގައި އޮންލޭނުކޮށް ބައިވެރި ވެ، ވަގުތު އޮތް ގޮތުން ބައްދަލުވުން ނިމޭންދެން އިނދެވޭނޭ ގޮތް ނުވުމުން ރައްޓެއްސަކު މެދުވެރި ކޮށް ބައްދަލުވުމަށް ޚިޔާލު ހުށައެޅި މީހަކީމެވެ. ރަށުގައި ތިއްބެވި ދީނީ ޢިލްމުވެރީން އެއް އަޑަކުން، އެއް ގޮތެއްގައި، އެކަން ނުކުރާށޭ ވިދާޅުވެ އިލްތިމާސް ކުރެއްވިއެވެ. އޭގެ ސަބަބުން ރަށުގެ މުޖުތަމަޢަށް އަތުވެދާނޭ ނުބައި ކަންކަމުގެ ވާހަކަ އެތައް ބަޔަކު ތަފްޞީލުކޮށް ދެއްކިއެވެ. ނަމަވެސް އެ ބައްދަލުވުމަށް ފަހު، އެތައް މަސްތަކެއް ފާއިތު ވެގެން ދިޔަ ފަހުން، ކުއްލިޔަކަށް އިވުނީ އިނާޔާމެންގެ މި ދެންނެވި ވާހަކަތަކެވެ. ލިބިފައި ވާ މަޢުލޫމާތުތައް ބުނާ ގޮތުން، އިނާޔާ ބުނި ފަދައިން ކައުންސިލުން ވަނީ ނިންމައި ފާސް ވެސް ކޮށްފައެވެ. އެތައް ބަޔަކު އެކަމާ ދެކޮޅަށް ދެއްކި ވާހަކަތަކުގެ އެއްވެސް އަގެއް ކައުންސިލުގެ ކުރިމަތީގައި ނެތީއެވެ.

އަނެއްކާވެސް، "ޑަންޑަރހެޑުންގެ" ކަންކަން ހުންނަ ގޮތުގެ ރީތި މިސާލެކެވެ.

މި ކަން އަޅުގަނޑަށް އެނގުނު ހިސާބުން ފުވައްމުލަކު ސިޓީ ކައުންސިލުގައި އަޅުގަނޑު ނިސްބަތް ވާ ދާއިރާ ތަމްސީލު ކުރައްވާ މެންބަރު، އަދި ފުވައްމުލަކުގެ މޭޔަރުގެ މަޤާމުގައި ހުންނެވި އަލްފާޟިލް އިސްމާޢީލް ރަފީޤާ ވާހަކަ ދެއްކޭތޯ މަސައްކަތް ކުރީމެވެ. ފޯނުން އެއް ފަހަރު ގުޅައި، މެސެޖު ކޮށް، ދެވަނަ ފަހަރު ވެސް ގުޅީމެވެ. އިސްމާޢީލް ރަފީޤް ފޯނެއް ނުނަންގަވައެވެ. މެސެޖަކަށް ޖަވާބެއް ވެސް ނުދެއްވައެވެ. މެސެޖު ބައްލަވައިފައި ވާ ކަމަކަށް ވެސް ނުދައްކައެވެ. އަޅުގަނޑަށް މަޢުލޫމާތު ލިބިފައި ވާ ގޮތުން، މި ދެންނެވި ނިންމުން ފާސް ކުރި ޖަލްސާއަށް އިސްމާޢީލް ރަފީޤު ވަޑައިވެސްނުގަންނަވައެވެ.

ތިންހަތަރު "އިލެކްޓެޑް ޑަންޑަރހެޑުން" ޓޫރޯ ޑޮލަރަށް އަޅުކަން ކުރާ ޙާލު ނިންމައިފައި ވާ ކަނޑައެޅިގެން ނުބައި ނިންމުމެއްގެ ބާރުގައި، ފުވައްމުލައް ވެސް ކ. މާފުށި ފަދައިން ހަލާކު ވެގެން ދާން ދޫކޮށްލާނީހޭ ނުވަތަ މި ޑަންޑަރހެޑުން އެމީހުން ތިބި ގޮނޑިތަކުން ވަގުތުން ބައިލައި، ފުވައްމުލައް ސަލާމަތް ކުރާނީހޭ، މިއީ މިއަދު ފުވައްމުލަކުގެ ރައްޔިތުން ގޮތް ނިންމާން ޖެހޭ އެންމެ މުހިއްމު އެއް ސުވާލެވެ.

ޓޫރޯޑޮލަރަށް ކުރާ އަޅުކަމުގެ ނަތީޖާ

މިއީ މާއްދިއްޔަތަށް އަޅުވެތި ވުމުގެ ޒަމާނެވެ. ފައިސާއަށް އަޅުކަން ކުރުމުގެ ޒަމާނެވެ. "ޓޫރޯޑޮލަރަށް" އަޅުކަން ކުރުމުގެ ޒަމާނެވެ. "އަޅުކަން ކުރަނީއޭ" ދެންނެވީމާ، އެއީ ކީއްވެގެން ބުނާ އެއްޗެއްތޯ މި ސުވާލު ގިނަ ބެއިފުޅުންގެ ހިތްޕުޅުގައި އުފެދިދާނެއެވެ. އަޅުކަން ކުރުމޭ މި ދަންނަވަނީ، ފައިސާއަށް ފައްޅިއެއް ހަދައިފައި އެ ފައްޅިޔަށް ވަދެ ފައިސާފުންޏެއްގެ ކުރިމަތީގައި ޙަރަމް ބަނދެ، ރުކޫޢު ކޮށް، ސަޖިދަ ކުރާ ވާހަކައެއް ނޫނެވެ. އަޅުކަން ކުރުމޭ މި ދަންނަވަނީ، ޙަޔާތުގެ އަދި ދިރިއުޅުމުގެ އެންމެ މުހިއްމު އެއްޗަކީ ފައިސާ ކަމަށް ބެލުމަށެވެ. ތިމާގެ ރެޔާއި ދުވާލުގެ ހުރިހައި މަސައްކަތެއްގެ އަދި ކަމެއްގެ މައިގަނޑު ފޯކަހަކީ ފައިސާ ހޯދުމާއި ފައިސާއިން މުއްސަނދިވުން ކަމުގައި ހަދައިގެން އުޅުމަށެވެ. ފައިސާ ހޯދުމަށް ޓަކައި، ޙަރާމެއް ޙަލާލެއް ނުބަލައި، ތިމާގެ ނުވަތަ ތިމާގެ ދަރީންގެ ނުވަތަ ތިމާގެ މުޖުތަމަޢާއި ޤައުމަށް އަތުވެދާނޭ އެއްވެސް ގެއްލުމަކަށް ނުވަތަ ނުބަޔަކަށް ނުވަތަ ނުޤުޞާނަކަށް ނުވިސްނައި، ފައިސާ ލިބޭން އޮތް ކޮންމެ މަގަކުން ހެއި ވައްޓައިލައިފައި ދުވުމަށެވެ.

ލޯކަލް ޓުއަރިޒަމޭ ކިޔައިގެން މި އުޅޭ މީސްމީހުންގެ ކިބައިން ފެންނަނީ މި ދެންނެވި ކަންކަން ފިޔަވައި އެހެން ކަމެއް ނޫނެވެ. ދިވެހި ޤައުމާއި، ދިވެހީންގެ އިސްލާމީ ޝަޚްޞިއްޔަތާއި، އަންނާން އޮތް ޖީލުތަކުގެ ދުނިޔަވީ އަދި އުޚްރަވީ ބާއްޖަވެރިކަން އަޅުގަނޑުމެންނަށް މުހިއްމު ކަމުގައި ވަންޏާ، ދިވެހިރާއްޖޭގެ އެއްވެސް ރަށެއް ދެވަނަ މާފުށްޓަކަށް ވިޔަނުދިނުމަށް އެންމެން އެކުގައި އަތުކުރި އޮޅައިލާން ޖެހެއެވެ. ޚުދު މާފުށި ވެސް އެ ރަށް ވެއްޓިފައި ވާ އަނދަވަޅުން މިންޖު ކުރެވޭތޯ މަސައްކަތް ކުރާން ޖެހެއެވެ. އަލްފާޟިލާ އާސިމާ ނިޒާރުގެ ރިޕޯޓުގެ ފަހު ދެ ޕެރެގުރާފާ މެދު ފުންކޮށް ވިސްނަވާށެވެ. "(ލޯކަލް ޓުއަރިޒަމާ އެކު ފެތުރެމުންދާ އެތައް ބައިވަރު ފާފަތަކާއި ނުބައި ކަންކަމާއި ޖަރީމާތަކުގެ) ވާހަކަތައް މި ހުރިހާ ދުވަހަކު ސިއްރުކޮށްގެން ތިބެނީ، ރަށު މީހުން ބުނާ ގޮތުން ފައިސާވެރިންގެ ބާރުގަ އެވެ. ނުވަތަ ރަށަށް ފައިސާ ވަންނާތީ އެވެ. ވަޒީފާ ގެއްލިދާނެތީ އެވެ. އެކަމަކު، އެ ރަށު މީހުން ވެސް ހިތާހިތާ މިހާރު ކުރާ އެއް ސުވާލަކީ މި އެވެ؛ މި ޓޫރިޒަމުން ވީ ފައިދާ އަކީ ކޮބައި ހެއްޔޭ އެވެ؟ ... "އަހަރެން ނޭދެން މިހެން ރާއްޖޭގެ އެހެން ރަށަކަށް ވާކަށް،" މި ރަށުގެ އަންހެނަކު ބުންޏެވެ."

ގުޅޭ ޓެގު
comment ކޮމެންޓް