މިހާރު ކުރިއަށްދާ ގަތަރު ފީފާ ވޯލްޑްކަޕްގެ ފައިނަލް މެޗުގައި ކުޅޭތަން ދެކިލުމަށް އެންމެ ބޮޑަށް ބޭނުންފުޅުވެލައްވަަނީ ސައުދީ އަރަބިއާއާއި އާޖެންޓީނާކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ރޭ އާޖެންޓީނާއާއި މެކްސިކޯ ކުޅުނު މެޗަށްފައެވެ. މިއީ ކުޅިވަރުގެ މިފަދަ ޝޯއަކުން އެ ފަދަ ބޭފުޅަކު ފެނުނު ފުރަތަަމަ ފަހަަރެވެ.
ރޭގެ ޝޯގައި ނައިބު ރައީސްވަނީ ފުޓުބޯޅައާމެދު ޝައުގުވެރިކަން އުފެދުނު ގޮތް ކިޔައިދެއްވައިފައެވެ. އަދި އެ މަނިކުފާނު އާޖެންޓީނާގެ ސަޕޯޓަރެއްގެ ގޮތުގައި ހުންނެވި ބައެއް ސަބަބުތައް ވެސް ކިޔައިދެއްވައިފައެވެ.
އެހެންނަމަވެސް މި ވޯލްޑް ކަޕުގައި ސައުދީއާއި އާޖެންޓީނާ ބައްދަލުކުރި މެޗުގައި އެ މަނިކުފާނު ސަޕޯޓުކުރެއްވީ ސައުދީއަށް ކަމަށް ވިދާޅުވިއެެވެ.
އެއާއެކު ފައިނަލްގައި އާޖެންޓީނާއާއި ސައުދީ ކުޅޭތަން ދެކެން ބޭނުންވެވަޑައިގަންނަވާކަމަށާއި، އާޖެންޓީނާއަށް ސަޕޯޓުކުރި ނަމަވެސް އެ މެޗުގައި މޮޅުވާން އެދޭނީ ސައުދީއަށްކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑު ހުންނާނީ އެ ދުވަހު ވެސް މި ޖޯޒީގައި [އާޖެންޓީނާ ޖޯޒީ] ނަމަވެސް އަޅުގަނޑު އެދޭނީ ސައުދީ މޮޅުވާން؛" ނައިބު ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނުވަނީ ކޮންމެވެސް މިންވަރަކަށް މިހާރު އެ މަނިކުފާނުގެ ދުވަހުގެ ކަންކަން ރާއްވަވައި ގޮތް ވެސް ހިއްސާކުރައްވައިފައެވެ.
އެގޮތުން މަސައްކަތް ނިންމަވައިލެއްވުމަށްފަހު، ދެން ދައްކަވަނީ ފުޓުބޯޅައިގެ ވާހަކަކަމަށް ވިދާޅުވިއެވެ. އެގޮތުން އާއިލާ މެމްބަރުންނާއި، ރަށްޓެހިންނާއި ނުވަަތަ އެ ނޫން ބަޔަކާއެކު ވެސް އެންމެ ގިނައިން ދެކެވެނީ ވޯލްޑް ކަޕްގެ ވާހަކަކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން ނައިބު ރައީސްވަނީ 1980ގެ އަހަރުތަކުގައި ފުޓުބޯޅައިގެ ފޯރި އޮތް ގޮތުގެ ހަނދާންތައް ވެސް އައުކުރައްވައިފައެވެ.
މި ވޯލްޑް ކަޕާ ގުޅިގެން "ސަން"އަށް އެ މަނިކުފާނުވަނީ ޚާއްސަ އިންޓަވިއުއެއް ދެއްވައިފައެވެ.
އެ މަނިކުފާނަކީ އިޖުތިމާއީ ދާއިރާ އާއި ސިޔާސީ ދާއިރާއިން ވެސް އެއިރު ގިނަ މަސައްކަތްތަކެއްގައި އުޅުއްވި ބޭފުޅެކެވެ.