ޖޯ ޖޯނަސް ސްޕައިޑަމޭންއަށް އޮޑިޝަން ކުރި

އެންޑްރޫ ގާފީލްޑަށް ސްޕައިޑަމޭންގެ ރޯލު ލިބުމުން އެކަން ފުރަތަމަ ގަބޫލު ކުރަން އުނދަގުވި ކަމަށް ޖޯ ޖޯނަސް ބުނި

ސްޕައިޑަމޭންގެ ތަފާތު އިންސްޓޯލްމެންޓްތަކުގެ ތެރެއިން "އެމޭޒިން ސްޕައިޑަމޭން"ގެ ރޯލަށް މަޝްހޫރު އެކްޓާ އަދި ލަވަކިޔުންތެރިޔާ ޖޯ ޖޯނަސް ކުރިމަތި ލި ކަމަށް އޭނާ ބުންޏެވެ.

އެމޭޒިން ސްޕައިޑަމޭން ފްރެންޗައިޒްގެ ރޯލުން އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ މަގުބޫލު އެކްޓަރު އެންޑްރޫ ގާފީލްޑެވެ. މި ފްރެންޗައިޒްގެ ދެ ފިލްމު ނެރެފައިވެއެވެ.

ނަމަވެސް އެންޑްރޫ އަށް އެ ރޯލު ލިބުމުގެ ކުރީން އޮޑިޝަނަށް ޖޯ ޖޯނަސް ވަނީ ގޮސްފައެވެ. މީގެ ކުރީން ޑިޒްނީގެ އެކި ފިލްމުތަކުން ފެނިފައިވާ ޖޯ ސްޕައިޑަމޭންގެ ރޯލަށް އޮޑިޝަން ކުރިއިރު އެފަދަ ބޮޑު ރޯލެއް ކުޅެފައެއް ނުވެއެވެ.

ވަރައިޓީ އަށް ދާދިފަހުން ދިން އިންޓަވިއުއެއްގައި ވާހަކަދައްކަމުން ޖޯ ބުނެފައިވަނީ 2012 ވަނަ އަހަރު ނެރުނު ސްޕައިޑަމޭންގެ ރޯލަށް އޮޑިޝަން ދިނީ ވަރަށް އުފަލުން ހުރެ އުއްމީދުތަކާ އެކުގައި ކަމަށެވެ.

އެންޑްރޫ އެ ރޯލަށް ހޮވާފައިވާއިރު އޭނާއަކީ އެ ރޯލަށް އެންމެ ރަނގަޅު އެކްޓަރު ކަމުގައި ޖޯ އެއްބަސްވެއެވެ. ނަމަވެސް އޭނާ އެ ރޯލަށް ކުރިމަތިލާން އުޅުނުއިރު އެ ދުވަސްވަރު ވެގެން ދިޔައީ އޭނާއަށް ބޮޑު ދުވަސްވަރަކަށް ކަމަށް ޖޯ ބުނެއެވެ.

އޮޑިޝަނުން ނުހޮވުމުން ވަރަށް ބޮޑަށް ދެރަ ވި ކަމަށްވެސް ޖޯ ބުންޏެވެ. ނަމަވެސް ފަހުން ވިސްނާލުމުން އެނގުނީ ކަންތައް ވެގެން ދިޔައީ އެންމެ ރަނގަޅަށް ކަމަށް އޭނާ ބުންޏެވެ.

އެންޑްރޫ އަކީ މިހާރު އެކްޓިންގެ ދާއިރާގައި ވަރަށް ބޮޑު ނަމެކެވެ. ޖޯ މިހާރު މަސައްކަތް ކުރަނީ އޭނާގެ މިއުޒިކުގައެވެ. އެގޮތުން އޭނާގެ އަމިއްލަ ބޭންޑެއް ކަމަށްވާ ޑީއެންސީއީއާ އެކު އޭނާ އަންނަނީ ތަފާތު މިއުޒިކް ރިލީޒްކުރަމުންނެވެ. އަދި މި ފަހުން ނެރުނު ބައެއް ލަވަތައް ވަނީ ބިލްބޯޑުގެ ޗާޓުގައި ވެސް ހިމެނިފައެވެ.

comment ކޮމެންޓް