އެޕަލްއިން އައިފޯން 15ގައި ބޭނުން ކުރާނީ ސެމްސަންގްއިން އުފައްދާ ރޭމް

އެޕަލްގެ އައިފޯން 15ގައި ބޭނުން ކުރާނީ ސެމްސަންގްއިން އުފައްދާ ރޭމް ކަމަށް ޚަބަރު ފެތުރިއްޖެއެވެ.

މީގެ ކުރިން އެޕަލް އިން ގަސްދުކުރީ އައިފޯނަށް ބޭނުންވާ 128 ލޭޔަރުގެ އެންއޭއެންޑީ މެމޮރީ ޗިޕްތައް ޗައިނާގެ ސަޕްލަޔަރެއް ކަމަށްވާ ޔަންގްޓްސޭ މެމޮރީ ޓެކްނޮލޮޖީސް (ވައިއެމްޓީސީ)އިން ގަތުމަށެވެ. އެއީ މައިކްރޯން އާއި ސެމްސަންގުން ވިއްކާ މެމޮރީ ޗިޕް މޮޑެލްތަކާ އެއްވަރަށް އެ ކުންފުނީގެ ޗިޕްތައް ޒަމާނީ ނުވި ނަމަވެސް، އެ ޗިޕްތައް ގާތްގަނޑަކަށް 20 ޕަސެންޓް އަގު ހެޔޮ ވާތީއެވެ.

ނަމަވެސް ވައިއެމްޓީސީއިން މެމޮރީ ޗިޕް ގަތުމުގެ ޚިޔާލު އެޕަލްއިން ދޫކޮށްލި ކަމުގެ ވާހަކަތަކެއް މިދިޔަ މަހު ފެތުރެން ފެށިއެވެ. އަދި ރިޕޯޓްތަކުގައިވާ ގޮތުން މިހާރު އެޕަލްއިން ވައިއެމްޓީސީއާ އެކު ވެފައިވާ އެއްބަސްވުން ބާތިލުކޮށް، ރޭމް ގަތުމާ ބެހޭ މަޝްވަރާތައް ސެމްސަންގްއާ އެކު ފަށައިފިއެވެ.

ބެލެވޭ ގޮތުގައި ސެމްސަންގް އެންއޭއެންޑީ ޗިޕްސް ބޭނުން ކުރާނީ އެޕަލްއިން ދެން ނެރޭ އައިފޯނުގައެވެ. ނަމަވެސް ސެމްސަންގްގެ ރޭމް ބޭނުން ކުރާ އައިފޯންތައް ވިއްކާނީ ހަމައެކަނި ޗައިނާގައި ކަމަށް ރިޕޯޓުތަކުގައިވެއެވެ.

މީގެ ކުރިން ވެސް ސެމްސަންގްއިން، އައިފޯނުގައި ބޭނުން ކުރާނެ ތަކެތި އެޕަލްއަށް ވިއްކާފައިވެއެވެ. އެގޮތުން ބައެއް އައިފޯނާއި އައިޕެޑަށް ބޭނުންވާ ޕްރޮސެސަރުތަކުގެ އިތުރުން، ފާއިތުވި 15 އަހަރު ތެރޭގައި އެޕަލްގެ ގިނަ އަދަދެއްގެ އުފެއްދުންތަކަކަށް ރޭމް ފޯރުކޮށްދީފައެވެ.

އެމެރިކާގެ "ގައުމީ ސަލާމަތަށް ބަލައިނުގަނެވޭ ފަދަ ނުރައްކަލެއް" ކުރިމަތިކުރުވާ ކުންފުނިތަކުގެ ލިސްޓަށް އެގައުމުން ވަނީ ޗައިނާގެ ވާވޭ ކުންފުނި އިތުރުކޮށްފައެވެ. އަދި ވައިއެމްޓީސީއިން އެ ކުންފުންޏާއެކު ވިޔަފާރީގެ މުއާމަލާތްތައް ކޮށްފައިވާތީ އެމެރިކާގެ ކޮމާސް ޑިޕާޓްމެންޓުން ދަނީ އެ ކުންފުނި ވެސް ތަހުގީގު ކުރަމުންނެވެ.

އެ މައްސަލައިގައި، އެޕަލްއިން ވައިއެމްޓީސީއާއެކު ވިޔަފާރި ކުރުމާ ދެކޮޅަށް އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުން އެ ކުންފުންޏާ ވާހަކަދައްކާފައިވާ ކަމަށް ރިޕޯޓުތަކުގައިވެއެވެ.

ސްމާޓްފޯން މާކެޓުގައި އެންމެ ވާދަވެރި ސެމްސަންގްއާއެކު އެޕަލްއިން އެކުގައި މަސައްކަތް ކުރުމާ މެދު ގިނަބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ. ވާދަވެރި ދެ ކުންފުނީގެ ގުޅުން ބަދަހިކަމާއެކު ކުރިއަށްދާނެކަމަކަށް ގިނަބަޔަކު ނުދެކެއެވެ.

comment ކޮމެންޓް