ފުރާވަރު ކުދިންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް މެޓާއިން ފިޔަވަޅުތަކެއް އަޅަނީ

އުމުރުން ހަގު ކުދިންނަށް ފޭސްބުކާއި އިންސްޓަގްރާމްއަކީ ރައްކާތެރި ޕްލެޓްފޯމްތައްކަން ކަށަވަރު ކުރުމަށް ޓަކައި އެ ދެ ޕްލެޓްފޯމްްގެ ބެލެނިވެރި ކުންފުނި މެޓާއިން ޚާއްސަ ފިޔަވަޅުތަކެއް އަޅަން ފަށައިފިއެވެ.

މެޓާއިން ދަނީ ފޭސްބުކްއާއި އިންސްޓަގްރާމްގައި ޑިފޯލްޓް ޕްރައިވެސީ ސެޓިންތައް ބަދަލުކޮށް، ކުށްތަކަށް އަރައިގަންނަ ކަމަށް ޝައްކުކުރެވޭ މީހުންނާ ކުޑަކުދިންނާ މުއާސަލާތު ކުރެވޭނެ ގޮތްތައް މަދުކުރަމުންނެވެ.

މިހާރު ފުރާވަރުގެ ކުއްޖަކު ފޭސްބުކާ ގުޅޭނަމަ އެކުއްޖެއްގެ އެކައުންޓަށް އޮޓަމެޓިކުން ހަރުކަށި ޕްރައިވެސީ ޕްރޮޓެކްޝަންތަކެއް އިތުރުކުރާނެއެވެ. އެގޮތުން އެކުދިންގެ ރައްޓެހިންގެ ލިސްޓު ބަލާނީ ކާކުކަމާއި، އެކުދިން ފޮލޯކުރަނީ ކޮން ޕޭޖުތަކެއް ކަމާއި، އެމީހުންގެ ޕޯސްޓުތަކަށް ކޮމެންޓް ކުރުމުގެ ހުއްދަ ދެނީ ކާކުކަން ކަނޑައެޅުން އޮންނާނެއެވެ.

މި އަޕްޑޭޓްގެ ކުރިން އުފައްދާފައިވާ އެކައުންޓުތަކުން ވެސް ސެޓިންސް ބަދަލުކުރުމަށް ބާރުއަޅާ ކަމަށް މެޓާއިން ބުންޏެވެ. ނަމަވެސް އެފަދަ ބަދަލެއް ގެންނަން މަޖުބޫރުނުކުރާނެކަން އެ ކުންފުނިން ފާހަގަކުރިއެވެ.

މިދިޔަ އަހަރު ވެސް މެޓާއިން ވަނީ އިންސްޓަގްރާމް ބޭނުން ކުރާ ކުޑަކުދިންގެ އެކައުންޓުތަކަށް އަމާޒުކޮށް މިފަދަ ބަދަލުތަކެއް ތައާރަފުކޮށްފައެވެ.

މީގެ އިތުރުން މެޓާއިން ވަނީ ބްލޮކްކޮށްފައިވާ އަދި ރިޕޯޓް ކޮށްފައިވާ އެކައުންޓްތަކުން ޅައުމުރުގެ ކުދިންނާ މުއާސަލާތު ކުރުން ހުއްޓުވޭނެ އާ ގޮތްތައް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުނެފައެވެ.

އިންސްޓަގްރާމްގައި މިކަން ކުރާނެ އެއް ގޮތަކީ އެފަދަ އެކައުންޓްތަކަށް މެސެޖް ނުކުރެވޭ ގޮތަށް، އެ އެކައުންޓްތަކުގެ މެސެޖު ބަޓަން ފޮހެލުމެވެ. އަދި ފޭސްބުކުން އަޅާ އެއް ފިޔަވަޅަކީ، "ޕީޕަލް ޔޫ މޭ ނޯ ރެކޮމެންޑޭޝަންސް"އިން ފްލެގްކޮށްފައިވާ އެކައުންޓްތައް ނުފެންނަ ގޮތް ހެދުމެވެ.

މެޓާއިން ތައާރަފްކުރާ އަނެއް ފީޗާއަކީ، އިންސްޓަގްރާމް ނުވަތަ މެސެންޖާ މެދުވެރިކޮށް މީހަކާ ވާހަކަދައްކަމުންދާ ކުއްޖަކަށް، އެ ދައްކާ ވާހަކައާ ބެހޭ ގޮތުން ނުތަނަވަސްކަން އުފެދޭ ނަމަ އެ ކުއްޖާ ބޭނުން ކުރެވިދާނެ "ސޭފްޓީ ޓޫލް"ތަކެވެ.

އެ ފީޗާއިން، ކުއްޖާ ވާހަކަ ދައްކަނީ ދަންނަ މީހަކާތޯ ސުވާލުކުރާނެއެވެ. އަދި އެއީ ދަންނަ މީހެއް ނޫން ކަމަށް ކުއްޖާ ބުނެފި ނަމަ، އަނެއް މީހާގެ އެކައުންޓް ބްލޮކްކުރުން ނުވަތަ ރިޕޯޓްކުރުން ފަދަ ފިޔަވަޅުތައް އަޅަން ކުއްޖާއަށް ފުރުސަތު ދޭނެއެވެ.

މެޓާއިން އިންސްޓަގްރާމްއާއި ފޭސްބުކްއަށް އިތުރު ސެކިއުރިޓީ ފީޗާތައް ތައާރަފު ކުރުމަކީ ޔޫޒަރުންނަށް ވަރަށް ބޮޑު އުފަލެއް ލިބޭނެ ކަމެއް ކަމުގައިވީ ނަމަވެސް މީހުންގެ ޕްރައިވެސީއަށް ހުރަސް އެޅޭ ފަދަ ބައެއް ފީޗާތައް ވެސް އެ ކުންފުނިން ތައާރަފުކޮށްފައިވެއެވެ. އެގޮތުން އިންސްޓަގްރާމް ލޮކޭޝަންސް ޖައްސާފަ ހުންނަ ނަމަ، އެ އެޕް ބޭނުން ކުރާ މީހަކު ހުންނަ ތަނެއް ދެނެގަނެވޭ ފީޗާއެއް އެ ކުންފުނިން ހިމަނާފައިވެއެވެ. އޭގެ ސަބަބުން ކުށް ކުރާ މީހުންނަށް އެމީހުން ހޯދަން ފަސޭހަ ވާނެ ކަމުގެ ކަންބޮޑުވުން ގިނަ ބަޔަކު ފާޅުކޮށްފައިވެއެވެ.

comment ކޮމެންޓް