މެލްވެއާ އިޝްތިހާރުތަކެއް ފޭސްބުކްގައި ދައުރުކުރަނީ، ސަމާލުވޭ!

ފޭސްބުކަކީ ގިނަބަޔަކު ބޭނުންކުރާ ޕްލެޓްފޯމަކަށް ވާއިރު، މިކަމަށް ސަމާލުވުމަކީ މުހިންމުކަމެއް ---

ނުރައްކާތެރި މެލްވެއާ އިޝްތިހާރުތަކެއް ފޭސްބުކުގައި ދައުރުކުރަމުންދާތީ އެކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފިއެވެ.

ޓެކްރިޕޯޓްތައް ބުނާގޮތުގައި މިހާރަކަށް އައިސް ފޭސްބުކުގައި ފެންނަމުންދާ ވިންޑޯސް ތީމްތަކުގެ އިޝްތިހާރުތަކުގެ ތެރެއިން ބައެއް އިޝްތިހާރުތަކަކީ މެލްވެއާ ފެތުރުމަށް ކުރެވޭ އިޝްތިހާރުތަކެއްކަމަށް ވަނީ ހާމަވެފައެވެ.

މި އިޝްތިހާރުތަކުން ފެންނަ ވިންޑޯސް ތީމްތައް ޑައުންލޯޑް ކުރުމުން މެލްވެއާ ޑައުންލޯޑްވެ، އެފަރާތްތަކުގެ މަޢުލޫމާތު ހާމަވުމުގެ ނުރައްކާ ކުރިމަތިވެފައިވެއެވެ.

މި މެލްވެއާ ކެމްޕެއިން ފެށިފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ކަމަށްވާއިރު، މިހާރުވެސް އެ ކެމްޕެއިން ކުރިއަށްދާ ކަމަށް ވަނީ ފާހަގަކުރެވިފައެވެ.

ފޭސްބުކުގެ އިތުރުން ލިންކްޑްއިން އަދި ޔޫޓިއުބް މެދުވެރިކޮށްވެސް މި މެލްވެއާ ފެތުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވަނީ ބުނެފައެވެ.

މި މެލްވެއާއަކީ "އެސްވައިއެސް01 ސްޓީލާ" ކިޔާ މެލްވެއާ އެއް ކަމަށްވާއިރު، މި މެލްވެއާގެ ސަބަބުން ލޮގިން މަޢުލޫމާތާއި، ކުކީސް އަދި ފޭސްބުކް އެޑް އަދި ބިޒްނަސް އެކައުންޓްތަކުގެ މަޢުލޫމާތު ހާމަވުމުގެ ނުރައްކާ އެބައޮތެވެ.

މީގެ އިތުރުންވެސް މި މެލްވެއާ މެދުވެރިކޮށް ވަގަށް ނަގާ ފޭސްބުކް ބިޒްނަސް އެކައުންޓްތައް ބޭނުންކޮށްގެން އިތުރު މެލްވެއާ އިޝްތިހާރުތައް ކުރާ ކަމަށްވެސް ވަނީ ހާމަކޮށްފައެވެ.

މިފަދަ މައްސަލަތައް ބަލާ ޓްރަސްޓްވޭވް ރިސާޗަރުން ބުނާ ގޮތުގައި މި ބާވަތުގެ މެލްވެއާ އިޝްތިހާރުތަކުގެ ނުރައްކާ ދުވަހަކުވެސް ފިލައިގެން ނުދާނެއެވެ. އެހެންކަމުން ސޮފްޓްވެއާ ޑައުންލޯޑްކުރުމުގައި، ޚާއްޞަކޮށް ވިޔަފާރި ބޭނުންތަކަށް ބޭނުންކުރާ ސޮފްޓްވެއާ ޑައުންލޯޑްކުރުމުގައި އިތުރަށް ސަމާލުވުމަށް އެޓީމުން ވަނީ އިލްތިމާސްކޮށްފައެވެ.

comment ކޮމެންޓް