ދިވެހި ބަހަށް ގިނަ ޚިދުމަތްތަކެއް ކުރެއްވި ޙަބީބާ ޙުސައިން ޙަބީބް އަވަހާރަވެއްޖެ

ޙަބީބާ ޙުސައިން ޙަބީބް --

ދިވެހި ބަހަށް ގިނަ ޚިދުމަތްތަކެއް ކުރެއްވި ޙަބީބާ ޙުސައިން ޙަބީބް މިއަދު އަވަހާރަވެއްޖެއެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި ޙަބީބާ އަވަހާރަވީ އެޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާތާ ދުވަސްތަކެއްވީ ފަހުން, މުސްކުޅި ބަލީގައެވެ. އަވަހާރަވި އިރު އެކަމަނާގެ އުމުރަކީ 92 އަހަރެވެ.

ޙަބީބާ ވަނީ އިންޑިއާގެ ހައިދަރުއާބާދުގެ އުސްމާނިއްޔާ ހައި ސްކޫލުން އުރުދޫ މީޑިއަމަށް އަދި ސްރީލަންކާއިން އިނގިރޭސި މީޑިއަމަށް ތަޢުލީމު ހާސިލުކުރައްވާފައެވެ.

ދިވެހި އަދަބިއްޔާތާއި ތާރީޚަށް ގިނަ ޚިދުމަތްތަކެއް ކުރެއްވުމުގެ އިތުރުން ޙަބީބާ ވަނީ ސަރުކާރުގައި ގާތްގަނޑަކަށް 50 އަހަރަށް ޚިދުމަތް ކުރައްވާފައެވެ. އެގޮތުން ގައުމީ ކުތުބުޚާނާ ހިންގެވުމުގައި އޭނާ ގިނަ އަހަރުތަކެއް ހޭދަކުރެއްވިއެވެ.

ޙަބީބާ ގައުމީ ކުތުބުޚާނާގެ ފުރަތަމަ ލައިބްރޭރިއަންގެ ގޮތުގައި މަސައްކަތް ފެއްޓެވީ ޑިސެމްބަރު 12، 1978ގައެވެ. އޭގެ ފަހުން އޭޕްރިލް 16، 1981އިން ފެށިގެން 2008 ވަނަ އަހަރާ ހަމައަށް މަގާމުން ދުރަށް ވަޑައިގަންނަވަންދެން، ކުތުބުޚާނާ ހިންގެވުމުގައި އިސްކޮށް ހުންނެވިއެވެ.

މީގެ އިތުރުން، އުރުދޫ ބަހުންނާއި އިނގިރޭސި ބަހުން ލިޔެފައިވާ ގިނަ ފޮތްތަކެއް ޙަބީބާ ދިވެހި ބަހަށް ތަރުޖަމާ ކުރެއްވިއެވެ. އަދި އެކަމަނާގެ ލިޔުންތައް ޝާއިއުކުރި މަޖައްލާތަކުގެ ތެރޭގައި ވިޔަފާރި މިއަދު، އަދަބީ ޝުއޫރު، ޖިންސުއްލަތީފު، ހުވަނދު، މޫންލައިޓް، އަމާޒު އަދި ފަތްތޫރަ ހިމެނެއެވެ.

ޙަބީބާގެ ޚިދުމަތްތަކުގެ އަގުވަޒަންކޮށް ސަރުކާރުން ދީފައިވާ އިނާމުތަކުގެ ތެރޭގައި ދިވެހި އަދަބިއްޔާތަށް ޚިދުމަތް ކުރުމުގެ ދާއިރާއިން ލިޔުންތެރިކަމުގެ ރޮނގުން އާންމު ޚިދުމަތުގެ ޝަރަފުވެރިކަމުގެ އިނާމާއި މިނިވަން 25ގެ އިނާމު ހިމެނެއެވެ. އަދި ދިވެހި ބަހަށް ތަރުޖަމާ ކުރުމުގެ ރޮނގުން ހިތްވަރު ދިނުމުގެ އިނާމާއި ނިޝާން ދިޔަމިގިލީ ޝަރަފުގެ އިއްޒަތް އެކަމަނާއަށް އަރުވާފައިވެއެވެ.

ޙަބީބާގެ ކާފާފުޅަކީ ރާއްޖޭގައި 32 އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން ރަސްކަން ކުރެއްވި ސުލްތާން މުޙައްމަދު ޝަމްސުއްދީން ތިން ވަނަ އެވެ. އެކަމަނާގެ ބައްޕާފުޅަކީ އައް ނަބީލް ޙުސައިން ޙަބީބެވެ.

ޙަބީބާއާއި ފިރިކަލުން ޢަބްދުﷲ ޒުބައިރުގެ ތިން ބޭފުޅުން ތިއްބަވައެވެ.

comment ކޮމެންޓް