ޤައުމިއްޔަތު ދިރުވަން ސާފު ދިވެހިބަހުން ވާހަކަދެއްކުމަށް ޑރ. އަޝްރަފް ނަސޭހަތްތެރިވެވަޑައިގެންފި

ޑރ. އަޝްރަފް ޖަލްސާއެއްގައި ވާހަކަދައްކަވަނީ: ޤައުމިއްޔަތު ދިރުވަން ސާފު ދިވެހިބަހުން ވާހަކަދެއްކުމަށް ޑރ. އަޝްރަފް ވަނީ ނަސޭހަތްތެރިވެވަޑައިގެންފައި -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ދިވެހިބަހުގެ ދުވަހާ ގުޅިގެން އެސްއެސްޓީވީން ގެނެސްދިން ޚާއްޞަ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން، ދިވެހިބަހުގެ އެކެޑަމީގެ ކުރީގެ ރައީސް ޑރ. އަޝްރަފް ޢަބްދުއްރަޙީމް ވަނީ ސާފު ދިވެހިބަހުން ވާހަކަދެއްކުމަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ޤައުމިއްޔަތު ބިނާވެގެންވަނީ އިސްލާމްދީނާއި، ސަގާފަތާއި، ދިވެހިބަހާއި އަދި މިނިވަންކަމުގެ މައްޗަށެވެ. އަދި ފަހަކަށް އައިސް އޮންލައިން ނޫސްތަކާއި އާންމު ދިރިއުޅުމުގައި ބަސް ބޭނުންކުރުމުގައި ހުންނަ ކުށްތަކުގެ ސަބަބުން މާނަ އޮޅޭކަން ފާހަގަކުރައްވައި، ބަސް ނެތިދިއުމަކީ ޤައުމިއްޔަތު އުނިވުންކަމަށް ވިދާޅުވިއެވެ.

  • މިއަހަރުގެ ދިވެހިބަހުގެ ދުވަހުގެ ޝިޢާރަކީ ޤައުމިއްޔަތު ދިރުވާން ސާފު ދިވެހިބަހުން ވާހަކަދައްކަމާ މިއެވެ.
  • ޤައުމިއްޔަތުގެ މައިގަނޑު ހަތަރު ތަނބުގެ ތެރޭގައި ދިވެހިބަސް ހިމެނެއެވެ.
  • އޮންލައިން ނޫސްތަކާއި އާންމު މުޢާމަލާތްތަކުގައި ބަސް ބޭނުންކުރުމުގައި ގިނަ ކުށްތަކެއް ހުރިކަން ފާހަގަކުރެވުނެވެ.
  • ސާފު ދިވެހިބަހުން ވާހަކަދެއްކުމަކީ އަމިއްލަވަންތަކަން ހިމާޔަތްކުރުމަށް އެޅޭ އެންމެ މުހިންމު ފިޔަވަޅެވެ.

ދިވެހިބަހަކީ ގައުމިއްޔަތުގެ މައިގަނޑު އެއް އަސާސްކަމަށްވާއިރު، ހުރިހާ މުޢާމަލާތެއްގައި ވެސް ސާފު ދިވެހިބަހުން ވާހަކަދެއްކުމަށް ދިވެހިބަހުގެ އެކެޑަމީގެ ކުރީގެ ރައީސް އަދި ސަން ސިޔާމް މީޑިއާގެ އެގްޒެކެޓިވް ޗެއާމަން ޑރ. އަޝްރަފް ޢަބްދުއްރަޙީމް އިލްތިމާސްކުރައްވައިފިއެވެ.

ޑރ. އަޝްރަފް މިފަދައިން ވިދާޅުވީ މި އަހަރުގެ ދިވެހިބަހުގެ ދުވަހާ ގުޅުވައިގެން އެސްއެސްޓީވީން ގެނެސްދިން ޚާއްޞަ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުންނެވެ.

ކޮންމެ އަހަރެއްގެ ވެސް އޭޕްރީލް މަހުގެ 14 ވަނަ ދުވަހަކީ ދިވެހިބަހުގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ. މި އަހަރުގެ ބަހުގެ ދުވަހަށް ދިވެހިބަހުގެ އެކެޑަމީން ކަނޑައަޅާފައިވާ ޝިޢާރަކީ "ޤައުމިއްޔަތު ދިރުވާން ސާފު ދިވެހިބަހުން ވާހަކަދައްކަމާ" މިއެވެ.

ބަހުގެ މާހިރު ޑރ. އަޝްރަފް ފާހަގަކުރެއްވި ގޮތުގައި، މިއީ ރާއްޖޭގެ މިއަދުގެ ހާލަތަށް ބަލާއިރު ނުހަނު ބޭނުންތެރި އަދި މުހިންމު މަޤްޞަދެއް އެކުލެވިގެންވާ ޝިޢާރެކެވެ.

ޤައުމިއްޔަތަކީ "ޤައުމީ ވަންތަކަން" ކަމަށް ބަޔާންކުރައްވަމުން އޭނާ ވިދާޅުވީ، ޤައުމިއްޔަތު ބިނާވެގެންވަނީ މައިގަނޑު ހަތަރު ތަނބެއްގެ މައްޗަށް ކަމަށެވެ. އެއީ މާތް އިސްލާމްދީނާއި، ދިވެހީންގެ ސަގާފަތާއި އާދަކާދައިގެ އިތުރުން ދިވެހިބަހާއި މިނިވަންކަމެވެ. މީގެ ތެރެއިން އެއްވެސް އަސާސެއް އުނިވެއްޖެނަމަ ޤައުމިއްޔަތު ފުރިހަމަނުވާނެކަމަށް އޭނާ ވިދާޅުވިއެވެ.

"ކޮންމެ ޤައުމެއްގެވެސް އެންމެ ވަރުގަދަ އެއް ތަނބަކީ އެ ޤައުމެއްގެ އަމިއްލަވަންތަ މާދަރީ ބަސް. ހަމަ އެފަދައިން، ދިވެހިރާއްޖޭގެ ޤައުމިއްޔަތުގެ އެންމެ މުހިންމު އެއް އަސާސަކީ ވެސް އަޅުގަނޑުމެންގެ ފަޚުރުވެރި ދިވެހިބަސް،" ޑރ. އަޝްރަފް ވިދާޅުވިއެވެ.

އޭނާ އިތުރަށް ސިފަކުރެއްވި ގޮތުގައި ދިވެހިބަހަކީ ކާބަފައިންގެ ފަރާތުން އަޅުގަނޑުމެންނަށް ވާރުތަވެފައިވާ، އަގުނުކުރެވޭ ފަދަ މުއްސަނދި ތަރިކައެކެވެ.

"ބޮޑު އެހެނަސް ކުޑަ" ނަމުގައި އެސްއެސްޓީވީން ކުރިއަށްގެންދިޔަ ޕްރޮގްރާމުގައި، ފަހަކަށް އައިސް ބަސް ބޭނުންކުރުމުގައި ފާހަގަކުރެވޭ ނުރަނގަޅު އާދަތަކަށްވެސް އަލިއަޅުވާލާފައިވެއެވެ. ވަކިން ޚާއްޞަކޮށް، އޮންލައިން ނޫސްތަކުގައި ޝާއިޢުކުރާ ޚަބަރުތަކާއި، އާންމު ދިރިއުޅުމުގެ މުޢާމަލާތްތަކުގައި ބަސް ބޭނުންކުރުމުގައި ހުންނަ ކުށްތައް ޑރ. އަޝްރަފް ފާހަގަކުރެއްވިއެވެ. ބައެއް ފަހަރު ވާހަކަދެއްކުމުގައި ހުންނަ މިފަދަ މައްސަލަތަކުގެ ސަބަބުން، ބުނަން ބޭނުންވާ އަސްލު މާނަ އޮޅި، އެހެން މާނައެއް ދޭހަވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ޑރ. އަޝްރަފްގެ ވާހަކަފުޅު ނިންމަވާލެއްވީ، ސާފު ދިވެހިބަހުން މުޢާމަލާތް ކުރުމަކީ އަމިއްލަވަންތަކަން ހިމާޔަތްކުރުމަށް އެޅޭ އެންމެ ހަރުދަނާ ފިޔަވަޅުކަން ހަނދާންކޮށްދެއްވަމުންނެވެ. އަދި ބަސް ނެތިދިއުމަކީ ޤައުމިއްޔަތުގެ އެންމެ މުހިންމު ބަހާ އުނިވުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް