މިއަދު ދިވެހިބަހަށް އެންމެ ބޮޑު ޚިދުމަތެއް ކުރާ ބަޔަކީ ނޫސްވެރިން: އަންވަރު

ދިވެހިބަހުގެ އުޒްތާޒް އަންވަރު އިބްރާހިމް: ވިދާޅުވީ މިއަދު ދިވެހިބަހަށް އެންމެ ބޮޑު ޚިދުމަތެއް ކުރާ ބަޔަކީ ނޫސްވެރިން ކަމަށް -- ސަން ފޮޓޯ/ މުހައްމަދު ޒަހީން

ދިވެހިބަހުގެ އުސްތާޛު އަންވަރު އިބްރާހީމް ވިދާޅުވި ގޮތުގައި، މިއަދު ދިވެހިރާއްޖޭގައި ދިވެހިބަހަށް އެންމެ ބޮޑު ޚިދުމަތެއްކުރާ ބަޔަކީ ނޫސްވެރިންނެވެ. އޭޕްރީލް 14 ވަނަ ދުވަހު ފާހަގަކުރާ ދިވެހިބަހުގެ ދުވަހާ ގުޅުވައިގެން ވާހަކަދައްކަވަމުން، އޭނާ ވަނީ ނޫސްވެރިންނަކީ ބަހުގެ އަސްލު ވާރުތަވެރިން އަދި މޭސްތިރިން ކަމުގައި ސިފަކުރައްވާފައެވެ. ނަމަވެސް، ބައެއް އޮންލައިން ނޫސްތަކުގައި ބަހުގެ ހަމަތަކާ ފުށުއަރާ ގޮތަށް ލިޔެފައި ހުންނަ ކަން ފާހަގަކުރައްވައި، ލިޔުންތައް ޝާއިޢުކުރުމުގެ ކުރިން ދެވަނަ ފަހަރަށް ޗެކްކުރެވޭނެ ނިޒާމެއް ނޫސްތަކުގައި އޮތުމުގެ މުހިންމުކަން އޭނާ ފާހަގަކުރެއްވިއެވެ.

  • ދިވެހިބަހަށް އެންމެ ބޮޑު ޚިދުމަތެއް ކުރަނީ ނޫސްވެރިން ކަމުގައި އަންވަރު ވިދާޅުވުން
  • ދިވެހިބަހުގެ ދުވަހާ ގުޅިގެން އެސްއެސް ޓީވީގައި ވާހަކަދެއްކެވުން
  • ނޫސްތަކުގައި ބަހުގެ ހަމަތަކާ ޚިލާފަށް ހުންނަ ކުށްތައް އިޞްލާޙުކުރުމަށް ގޮވާލެއްވުން
  • ލިޔުންތައް ޝާއިޢުކުރުމުގެ ކުރިން ޗެކްކުރާނެ ނިޒާމެއް ޤާއިމުކުރުމަށް ލަފާދެއްވުން

މިއަދު ދިވެހިރާއްޖޭގައި ދިވެހި ބަހަށް އެންމެ ބޮޑު ޚިދުމަތެއް ކުރާ ބަޔަކީ ނޫސްވެރިން ކަމަށް ދިވެހިބަހުގެ އުޒްތާޒް އަންވަރު އިބްރާހިމް ވިދާޅުވެއްޖެއެވެ.

އަންވަރު މިފަދައިން ވިދާޅުވީ ކޮންމެ އަހަރަކު ވެސް އޭޕްރީލް މަހުގެ 14 ވަނަ ދުވަހު ފާހަގަކުރާ ދިވެހިބަހުގެ ދުވަހާ ގުޅުވައިގެން "އެސްއެސް ޓީވީ"އިން ގެނެސްދިން ޚާއްސަ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުންނެވެ.

ދިވެހި ބަހަކީ ދިވެހީންގެ އެއްބައިވަންތަކަން ހާމަކޮށްދޭ އެންމެ ފާޅުކަން ބޮޑު އަސާސްކަން ފާހަގަކުރައްވަމުން އަންވަރު ވިދާޅުވީ، ދިވެހީންގެ މި ގައުމު އެއްބައިވަންތަކަމާއެކު ދެމިއޮތުމުގައި ބަހުގެ ދައުރު ވަރަށް ފުޅާ ކަމަށެވެ.

އެގޮތުން ދިވެހިބަހުގެ އަސްލު ވާރުތަވެރިންނަކީ އަދި ބަހުގެ އިސް މޭސްތިރިންނަކީ މިއަދު ނޫސްވެރިން ކަމުގައި އޭނާ ސިފަކުރެއްވިއެވެ.

"ޚާއްސަކޮށް ދިވެހިރާއްޖޭގައި އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ދިވެހިބަހަށް އެންމެ ބޮޑު ޚިދުމަތެއް ކުރާ ބަޔަކީ ނޫސްވެރިން. މިއަކަށް ދެބަހެއް ނުވެވޭނެ،" އަންވަރު ވިދާޅުވިއެވެ.

ނޫސްވެރިންގެ މަސައްކަތްތަކަށް އަލިއަޅުވާލައްވައި އަންވަރު ވިދާޅުވީ، އޮންލައިން ނޫސްތަކުގެ ޚަބަރުތަކަށް ބަލާއިރު ސާފު ދިވެހި ބަހަށް ފުށުއަރާ، ހަގީގީ މާނަ އޮޅޭ ބައެއް ބަސްތައް ބޭނުންކުރާކަން ފާހަގަކުރެވޭ ކަމަށެވެ. އެހެންކަމުން ނޫސްވެރިން ރަނގަޅު ކޮށްލަންޖެހޭ ބައެއް ކަންކަން އެބަހުރި ކަމަށާއި، އެކަންކަން އިސްލާހު ކުރުމަކީ ދިވެހި ބަހަށް ލިބޭނޭ ބޮޑު ކުރިއެރުމަކަށް ވެގެންދާނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"ނޫސްތަކުގައި ލިޔެފައި ހުންނަ ޚަބަރުތަކަކީ ދިވެހިބަހުގެ ހަމަތަކާއި އެއްގޮތަށް ލިޔެފައި ހުންނަ އެއްޗަކަށް ވާން އެބަޖެހޭ. ނޫސްތަކުން އާންމުކޮށް ފެންނަ ކުށްތަކަށް ބަލާއިރު، އެ ކުށްތަކަކީ މިހާރު އޮންލައިން ނޫސްތަކެއްވީމަ ވަރަށް ފަސޭހައިން ރަނގަޅުކޮށްލެވޭނެ [ކަންކަން]. އެހެންވީމާ ކުށެއް ފަހުން ވެސް ފެނިއްޖެނަމަ ވާނެ އެ ކުށެއް އަވަހަށް ރަނގަޅުކޮށްލަން," އަންވަރު ވިދާޅުވިއެވެ.

ބަހުގެ ހަމަ ހިފެހެއްޓުމަށްޓަކައި އެންމެ މުހިންމު ކަމަކީ ލިޔުންތައް ޝާއިއުކުރުމުގެ ކުރިން ދެވަނަ ފަހަރަށް ޗެކް ކުރާނެ ނިޒާމެއް އޮތުން ކަމަށް އަންވަރު ލަފާދެއްވިއެވެ.

"އަޅުގަނޑުމެން މިކަން ކުރުމަށްޓަކައި ނޫސްތަކުގައި، ޚާއްސަކޮށް ބަހުގެ ހަމަ ހިފެހެއްޓުމަށްޓަކައި ލިޔުންތައް ލިޔުމަށްފަހު ދެވަނަ ފަހަރަށް ޗެކް ކުރުމުގެ ނިޒާމެއް، ނޫނީ ކޮންމެވެސް ބަޔަކު އެކަން ބެލެހެއްޓުމުގެ ނިޒާމެއް އެބައޮންނަން ޖެހޭ،" އަންވަރު ވިދާޅުވިއެވެ.

މީގެ އިތުރުން، ދިވެހިބަހުގައި ގެއްލިފައިވާ ރީތި ހަމަތައް މިއަދުގެ ލިޔުންތަކުން ފެންނަންޖެހޭ ކަމަށާއި، މާދަރީ ބަހަށް މޮޅުވުމަކީ އެހެން ބަސްބަހާއި އިލްމުތަކަށް ލޯ ހުޅުވުމަށް ފަސޭހަވާނެ ކަމެއްކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

މިއަދަކީ ގައުމީ ނަޒަރަކުން ބަލާއިރު ވަރަށް ފަޚުރުވެރި އަދި ޚާއްސަ ދުވަހެއްގެ ގޮތުގައި އަންވަރު ވަނީ ސިފަކުރައްވާފައެވެ.

comment ކޮމެންޓް