މިއަހަރުގެ ބަޖެޓަށް 5.8 ބިލިއަން ރުފިޔާ އިތުރު ކުރަން ފިނޭންސް މިނިސްޓްރީއިން ހުށަހެޅި ސަޕްލިމަންޓްރީ ބަޖެޓަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާ ކުރާ ކޮމިޓީން މިއަދު ނިންމައިފިއެވެ.
މިއަދު މެންދުރުފަހު ބޭއްވި ބަޖެޓް ކޮމިޓީ ބައްދަލުވުމުގައި އަންނަ އަހަރުގެ ބަޖެޓުގެ އިތުރުން މިއަހަރުގެ ބާކީ އޮތް މުއްދަތަށް އިތުރަށް ފައިސާ ބޭނުން ވެދާނެތީ ހިމަނާފައިވާ ސަޕްލިމެންޓްރީ ބަޖެޓް ވެސް ވަނީ ފާސްކޮށްފައެވެ.
އެގޮތުން ބަޖެޓް އިތުރުކުރަން ހުށަހަޅާފައިވާ ކަންކަމުގެ ތެރޭގައި ތިލަމާލެ ބްރިޖްގެ މަޝްރޫއާއި އައްޑޫ މަގު ހެދުމުގެ މަޝްރޫއު،
ތެލުގެ ސަބްސިޑީ، ސިފްކޯ ހައުސިން މަޝްރޫއު އަދި އާސަންދަ ހިމެނެއެވެ.
ސަޕްލިމަންޓަރީ ބަޖެޓާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މީގެ ކުރިން ވިދާޅުވެފައި ވަނީ ދައުލަތުގެ ބަޖެޓަށް އިތުރަށް ބޭނުންވާ ފައިސާ ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށް ހުށަހަޅާނަމަ އެ ބަޖެޓު ބޭނުންވާ ދުވަހުގެ އެއް މަސް ދުވަސް ކުރިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންޖެހޭނެ ކަމަށް ދައުލަތުގެ މާލިއްޔަތު ގާނޫނުގައި ބަޔާން ކޮށްފައިވާ ކަމަށެވެ.
"އެހެންވީމާ 2022 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބަޖެޓުގެ މިންވަރަށް ވުރެ 5.8 ބިލިއަން ރުފިޔާ އިތުރަށް ޚަރަދުވެދާނެ ކަމަށް މިނިސްޓާ އޮފް ފިނޭންސް ވިދާޅުވެ، އެކަން 2023 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ހިމަނަށްވާފައިވާއިރު، އެބަޖެޓުގައި 2022 ވަނަ އަހަރަށް ބޭނުންވާ ސަޕްލިމެންޓްރީ ބަޖެޓެއް ހިމެނޭނެ ގޮތެއް އަޅުގަނޑަކަށް އަދިއެއް ނުފެނޭ." ރައީސް ނަޝީދު ވިދާޅުވިއެވެ.
މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ މިފެށުނު ނޮވެމްބަރު މަހާއި ކުރިއަށް އޮތް ޑިސެމްބަރު މަހު 5.8 ބިލިއަން ރުފިޔާ އިތުރަށް ޚަރަދުކުރާނެ ކަމަށް އަންދާޒާ ނުކުރައްވާ ކަމަށާއި، މިހާތަނަށް އައިއިރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި ފާސްކުރުމެއް ނެތި އިތުރުވާ މިންވަރުގެ ތެރެއިން ޚަރަދުކޮށްފައިވަނީ ކިހާ މިންވަރެއްކަން ވެސް ސާފުވާން ނެތް ކަމަށެވެ.
ފަސް ބިލިއަން ރުފިޔާއަކީ ކުޑަ އަދަދެއް ނޫން ކަން ފާހަގަކުރައްވައި ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ކަންކަން ހިނގާނީ މެމްބަރުން އެދޭ ގޮތަށް ކަމަށެވެ. އަދި މަޖިލީހަށް ހުށަހެޅޭ ކަންކަން ގާނޫނީ އިމުގެ ތެރެއިން ނުހިންގޭނަމަ އަތުން ކަންކަން ގެއްލޭ މިންވަރު ބޮޑުވެގެންދާނެ ކަމަށް ވިދާޅުވިއެވެ.
ސަޕްލިމަންޓަރީ ބަޖެޓުގެ އިތުރުން އަންނަ އަހަރަށް ދައުލަތުން ހުށަހަޅާފައިވާ ބަޖެޓަށް 160 މިލިއަން ރުފިޔާ އިތުރުކޮށް، ޖުމްލަ 42.8 ބިލިއަން ރުފިޔާގެ ބަޖެޓެއް އެ ކޮމިޓީން މިއަދު ވަނީ ފާސްކޮށްފައެވެ.