އަންނަ އަހަރުގެ ބަޖެޓުގައި މިއަހަރުގެ ސަޕްލިމެންޓްރީ ބަޖެޓު ހިމެނޭނެ ގޮތެއް ނުފެނޭ: ރައީސް ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު-- ފޮޓޯ: މަޖިލިސް

ކުރިއަށް އޮތް 2023 ވަނަ އަހަރަށް ދައުލަތުން ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓުގައި މި އަހަރުގެ ސަޕްލިމެންޓްރީ ބަޖެޓު ހިމެނޭނެ ގޮތެއް ފެނިވަޑައިނުގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

އަންނަ އަހަރު ދައުލަތުން ހަރަދުވާނެ ކަމަށް އަންދާޒާކޮށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ރައްޔިތުންގެ މަޖިލީހަށް އިއްޔެ ހުށަހަޅުއްވާފައިވަނީ 42.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މިއީ މި އަހަރަށް ފާސްކުރި ބަޖެޓަށް ވުރެ 5.8 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

އަންނަ އަހަރުގެ ބަޖެޓުގައި މިއަހަރުގެ ބާކީ އޮތް މުއްދަތަށް އިތުރަށް ފައިސާ ބޭނުން ވެދާނެތީ ސަޕްލިމެންޓްރީ ބަޖެޓެއް ވަނީ ހިމަނާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ދައުލަތުގެ ބަޖެޓަށް އިތުރަށް ބޭނުންވާ ފައިސާ ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށް ހުށަހަޅާނަމަ އެ ބަޖެޓު ބޭނުންވާ ދުވަހުގެ އެއް މަސް ދުވަސް ކުރިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންޖެހޭނެ ކަމަށް ދައުލަތުގެ މާލިއްޔަތު ގާނޫނުގައި ބަޔާން ކޮށްފައިވާ ކަމަށެވެ.

https://sun.mv/169805

"އެހެންވީމާ 2022 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބަޖެޓުގެ މިންވަރަށް ވުރެ 5.8 ބިލިއަން ރުފިޔާ އިތުރަށް ހަރަދުވެދާނެ ކަމަށް މިނިސްޓަރ އޮފް ފިނޭންސް ވިދާޅުވެ، އެކަން 2023 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ހިމަނަށްވާފައިވާއިރު، އެބަޖެޓުގައި 2022 ވަނަ އަހަރަށް ބޭނުންވާ ސަޕްލިމެންޓްރީ ބަޖެޓެއް ހިމެނޭނެ ގޮތެއް އަޅުގަނޑަކަށް އަދިއެއް ނުފެނޭ." ރައީސް ނަޝީދު ވިދާޅުވިއެވެ.

މީގެއިތުރުން އެމަނިކުފާނު ވިދާޅުވީ މިފެށުނު ނޮވެމްބަރު މަހާއި ކުރިއަށް އޮތް ޑިސެމްބަރު މަހު 5.8 ބިލިއަން ރުފިޔާ އިތުރަށް ހަރަދުކުރާނެ ކަމަށް އަންދާޒާ ނުކުރައްވާ ކަމަށާއި، މިހާތަނަށް އައިއިރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި ފާސްކުރުމެއް ނެތި އިތުރުވާ މިންވަރުގެ ތެރެއިން ހަރަދުކޮށްފައިވަނީ ކިހާ މިންވަރެއްކަން ވެސް ސާފުވާން ނެތް ކަމަށެވެ.

ފަސް ބިލިއަން ރުފިޔާއަކީ ކުޑަ އަދަދެއް ނޫން ކަން ފާހަގަކުރައްވައި ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ކަންކަން ހިނގާނީ މެމްބަރުން އެދޭ ގޮތަށް ކަމަށެވެ. އަދި މަޖިލީހަށް ހުށަހެޅޭ ކަންކަން ގާނޫނީ އިމުގެ ތެރެއިން ނުހިންގޭނަމަ އަތުން ކަންކަން ގެއްލޭ މިންވަރު ބޮޑުވެގެންދާނެ ކަމަށް ވިދާޅުވިއެވެ.

comment ކޮމެންޓް