މިމަހުގެ ދިހަ ވަނަ ދުވަހު މ. ނިރުފެހި ގޭގައި ރޯވި އަލިފާނުގައި އަނިޔާވެގެން ފަރުވާދޭން ހޮސްޕިޓަލަށް ގެންދިޔަ ދެ މީހުންގެ ތެރެއިން އެކަކަށް އަދިވެސް ފަރުވާދެމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.
މިއަދު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ސާމިހް ވިދާޅުވީ ހޮސްޕިޓަލަށް ގެންދިޔަ ދެ މީހުންގެ ތެރެއިން އެކަކު މަރުވި ނަމަވެސް، ދެވަނަ މީހާއަށް އަދިވެސް ފަރުވާ ދެމުންދާ ކަމަށެވެ.
ސާމިހް ވިދާޅުވީ އަލިފާނުގެ ހާދިސާ ހިނގި އިރު އެ ގޭގައި ދިރިއުޅެމުންދިޔަ މީހުންގެ އަދަދަކީ 26 ކަމަށެވެ.
ސާމިހް ވިދާޅުވީ އެގެއަކީ ލަކުޑިން ޑެކު އަޅައިގެން ހަދާފައިވާ ގެއެއް ކަމަށެވެ. އޭގެ ސަބަބުން، އެގޭގެ ގަރާޖުގައި ރޯވި އަލިފާންގަނޑު މުޅި ގޭގައި ފެތުރުމަށް ހޭދަވީ އެންމެ ދޮޅު ނުވަތަ ދެމިނިޓުގެ ވަގުތުކޮޅެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އެގޭގެ ފުރަތަމަ ފަންގިފިލާގައި ހަތަރު ކޮޓަރި ހުރި އިރު، ދެވަނަ ފަންގިފިލާގައި އަށް ކޮޓަރި ހުރި ކަމަށް ސާމިހް ވިދާޅުވިއެވެ. އަދި އަލިފާނުގެ ހާދިސާ ހިނގި އިރު ގަރާޖުގެ ދޮރު ހުރީ ބޭރުން ތަޅުލާފައި ކަމަށާއި، ގަރާޖުގެ ތެރޭގައި ފަސް މީހުން ދިރިއުޅެން ކުޑަ ތަންކޮޅެއް ހަދާފައި ހުރި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، އެގޭގެ އެންމެ ތިރީގައި ހުރި ގަރާޖަކީ ހުޅުމާލޭގައި ހިންގަން ހުއްދަ ދީފައި އޮތް ގަރާޖަކަށް ވީއިރު، އެތަން މާލޭގައި ހިންގަމުން އައީ ގާނޫނާ ހިލާފަށް ކަމަށާއި އެ މައްސަލަވެސް ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށް ސާމިހް ވިދާޅުވިއެވެ.
"މ. ނިރުފެހިގޭގައި ހިންގަމުންދާ ގަރާޖްގެ ވެރިފަރާތުގެ ނަމުގައި، އޭއެސްއެމް ގަރާޖްގެ ނަމުގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ކަމާއި އަދި އެ ވިޔަފާރި ހިންގުމަށް ހުއްދަ ދީފައި ވަނީ ހުޅުމާލޭގައިކަން މިހާތަނަށް ކުރެވުނު ތަހުގީގުތަކުން އެނގިފައިވޭ،" ސާމިހް ވިދާޅުވިއެވެ.
އަލިފާނު ރޯވާން މެދުވެރިވި ސަބަބުތައް އަދި ދެނެގަނެވިފައި ނުވާއިރު، މި މައްސަލައިގެ އިންވެސްޓިގޭޝަން ކުރިއަށްދާ ވަރަކަށް އެ މައުލޫމާތު ފޯރުކޮށްދޭނެ ކަމަށް ފުލުހުން ބުނެއެވެ.
"މިހާތަނަށް ތަހުގީގަށް އެނގިފައިވާ ގޮތުގައި ފުރަތަމަ އަލިފާން ރޯވީ ގަރާޖުގައިކަން އެނގޭ،" ސާމިހް ވިދާޅުވިއެވެ.
އެ ގަރާޖުގެ ވެރިފަރާތުން، ނަން ނުޖެހުމަށް ޝަރުތުކޮށް މީގެ ކުރިން "ސަން"އަށް ދިން އިންޓަވިއުއެއްގައި ބުނެފައި ވަނީ އެންމެ ފުރަތަމަ އަލިފާން ރޯވީ ގަރާޖުގައި ނޫން ކަމަށާއި ފުރަތަމަ ރޯވި ކަމަށް ބެލެވެނީ ބިދޭސީން ދިރިއުޅޭ ބަޔަށް ވަންނަ އިރު ހުންނަ ލަކުޑި ސިޑި ކައިރީގައި ކަމަށެވެ.
މ. ނިރުފެހި ގޭގައި ރޯވި ހާދިސާގައި 10 މީހަކު މަރުވިއެވެ. މިއީ ރާއްޖޭގެ ފަހުގެ ތާރީހެއްގައި ހިނގި އެންމެ ހިތާމަވެރި އަލިފާނުގެ ހާދިސާއެވެ.