ކޮންޓްރޯލް ޑެލިވަރީއަށް ހުރަސްއެޅި އަންހެނަކު 18 އަހަރަށް ޖަލަށް

ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އަތުލައިގަތް ފައިސާތަކެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފުލުހުން ހިންގި ކޮންޓްރޯލްޑް ޑެލިވަރީ އޮޕަރޭޝަނަކަށް އެއްބާރުލުން ނުދިން، އަންހެނަކު 18 އަހަރަށް ޖަލަށްލައި، 75،000 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

މިއީ ފެޑެކްސް މެދުވެރިކޮށް، ރާއްޖެއަށް އެތެރެކުރި، ގާތްގަނޑަކަށް ދެ ކިލޯގެ މަސްތުވާތަކެތީގެ މައްސަލައެވެ. މި މައްސަލައިގައި، ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ދިވެހިރާއްޖެއަށް އެތެރެކުރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ، ދައުލަތުން އުފުލާފައިވަނީ ގއ. ކަނޑުހުޅުދޫ، ކަށިކެޔޮމާގޭ، އަޒްމާ ޝަރީފްގެ މައްޗަށެވެ.

އެއީ، ފެޑެކްސް މެދުވެރިކޮށް، އަންހެން ހެދުންތަކަކާއެކު މަސްތުވާތަކެތި ހުރި ފޮށިގަނޑާ ހަވާލުވާން ދިޔަ މީހާއެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ އަލީ އާދަމް، އަންގާރަ ދުވަހު ނިންމި މި މައްސަލައިގެ ރިޕޯޓުގައިވާ ގޮތުން، އަޒްމާއާ ދެކޮޅަށް މި މައްސަލައިގައި ހެކިބަސްދިން ފުލުހުން ބުނެފައިވާ ގޮތުގައި އެ ފޮށިގަނޑުގައި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ އެމްޑީއެމްއޭ ހުއްޓެވެ.

އެމްޑީއެމްއޭއަކީ ޖަދުވަލު އެކެއްގައި މަސްތުވާއެއްޗެއްގެ ގޮތުގައި ބަޔާންކޮށްފައިވާ އެއްޗެކެވެ. އެ ފޮށިގަނޑުގައި އެމްޑީއެމްއޭ ހުރުމުން އޭގެ ވެރިފަރާތް ހޯދުމަށް ފުލުހުންނާއި ކަސްޓަމްސް ގުޅިގެން ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނެއް ހިންގަނިކޮށް އެ ފޮށިގަނޑާ ހަވާލުވީ އަޒްމާއެވެ.

އެ ފޮށިގަނޑު އައިސްފައި އޮތީ ވެސް ފާތިމަތު ޖަމީމާ ނަމަކަށް ކިޔާ މީހެއްގެ ނަމުގައެވެ. މި މައްސަލައިގެ ޝަރިއަތުގައި އަޒުމާ، އޭނާގެ މައްޗަށް ކުރެވުނު ދައުވާއަށް އިންކާރުކޮށް ބުނެފައިވަނީ އެ ފޮށިގަނޑާ ހަވާލުވާން ދިޔައީ ރައްޓެއްސަކު ބުނެގެން ކަމަށެވެ. ނަމަވެސް އަޒްމާ މެދުވެރިކޮށް އެ މީހާއާ އެ ފޮށިގަނޑު ހަވާލުކުރަން ކުރި މަސައްކަތަށް އަޒްމާ އެއްބާރުލުން ނުދިން ކަމަށް ފުލުހުން ކޯޓުގައި ދިން ހެކިބަހުގައި ބުނެފައިވެއެވެ. އަދި ކޮންޓްރޯލްޑް ޑެލިވަރީ އޮޕަރޭޝަން އެ ހިސާބުން ނިންމާލައި އޭނާ ހައްޔަރުކުރީ އެހެންވެ ކަމަށް ފުލުހުން ބުނެފައިވެއެވެ.

comment ކޮމެންޓް