ރޭ މ. ނެރުފެހިގޭގައި ހިނގި ހާދިސާގައި އެންމެ ފުރަތަމަ އަލިފާން ރޯވީ އެގޭގައި ހުންނަ ގަރާޖުގައި ނޫން ކަމަށް ގަރާޖު ހިންގާ އޭއެސްއެމް އިން މިއަދު ބުނެފިއެވެ.
މި ހާދިސާ އާއި ގުޅިގެން "ސަން" އިން ކުރި ސުވާލަކަށް ޖަވާބުދެމުން ނަން ހާމަނުކުރަން ޝަރުތުކޮށް، ގަރާޖުގެ ވެރި ފަރާތުން ބުނީ އަލިފާން ރޯވާން މެދުވެރިވީ އެގޭގައި ބިދޭސީން ދިރިއުޅޭ ބަޔަށް ވަންނަ އިރު ހުންނަ ލަކުޑި ސިޑި ކައިރީގައި ކަމަށް ބެލެވޭ ކަމަށެވެ.
އަދި އެ ހާދިސާ ހިނގި ވަގުތު ގަރާޖު ބަންދުކުރުމަށް ފަހު އޭނާ ހުރީ ހުޅުމާލޭގައި ކަމަށާއި، އަލިފާން ރޯވާން މެދުވެރިވިކަމަށް ޝައްކު ކުރެވެނީ ބިދޭސީން ދިރިއުޅޭ ބައިން ކަމަށްވެސް އޭނާ ބުންޏެވެ. ގަރާޖުގެ ވެރި ފަރާތުން މައުލޫމާތު ދިން ގޮތުގައި، ގަރާޖު ބަންދު ކުރުމަށް ފަހު އޭނާ ހުޅުމާލެ ދިޔައީ އާދައިގެ މަތީން މެއިން ބްރޭކަރުން ކަރަންޓު ދުއްވާލުމަށްފަހުއެވެ.
ނަމަވެސް ގަރާޖު ތެރޭގައި ހުސް ގޭސް ފުޅިތަކަކާއި އޮކްސިޖަން ފުޅި ހުންނާނެ ކަމަށް އޭނާ މައުލޫމާތު ދިނެވެ.
"އަޅުގަނޑަށް ޝައްކު ކުރެވެނީ ސިޑިން އަރާ ތަން ކައިރީގަ ހުރޭ ގޭސްފުޅިތަކެއް. އޭގެން ގޭސްފުޅިއެއްގައި ރޯވެގެން ސިޑީގައި ހިފައިގެން ގޮސް ގަރާޖުގައި ރޯވި ކަމަށް އަޅުގަނޑަށް ބެލެވެނީ. އެތަނގަ މީހަކު ނެތި މަސައްކަތެއް ނުކުރާ ވަގުތެއްގައި ރޮލެއް ނުވާނެ ދެއްތޯ؟" އޭއެސްއެމްގެ ވެރިޔާ ބުންޏެވެ.
މީގެ ކުރިން ދެ ފަހަރެއްގެ މަތީން އެގަރާޖުގައި ރޯވެފައިވާ ކަމަށް އެމްއެންޑީއެފްގެ ފަޔަރ އެންޑެ ރެސްކިއު ސާވިސް އިން މައުލޫމާތު ދީފައިވާއިރު، އެކަމާއި ގުޅިގެން ކުރި ސުވާލުގެ ޖަވާބުގައި އޭނާ ބުނީ އެންމެ ކުރިން ރޯވި އިރު އެ ގަރާޖު ހުރީ އެމީހުންގެ ބެލުމުގެ ދަށުގައި ނޫން ކަމަށާއި، ނަމަވެސް މިއަހަރުގެ މެއި މަހު އެފަދަ ހާދިސާއެއް ހިނގަން މެދުވެރިވީ އެ މީހުންގެ އިހްމާލުން ކަމަށެވެ.

އެގޮތުން އޭރު ރޯވީ ކާރެއްގެ ޓިމްބަރިންގެ މަސައްކަތް ކުރުމުގެ ތެރެއިން ކަމަށާއި، ނަމަވެސް އެއަށްފަހު ގަރާޖުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައިވާ ކަމަށް އޭނާ މައުލޫމާތުދެއެވެ. އެގޮތުން އަލިފާން ނިއްވާ އާލާތްތައް ގަރާޖުގައި ފަހުން ހުންނާނެ ކަމަށް ބުންޏެވެ.
އޭނާ ބުނީ ރޭގެ ހާދިސާ ހިނގި ވަގުތު ގަރާޖުތެރޭގައި ދެ ޕިކަޕު އޮންނާނެ ކަމަށާއި، ގަރާޖުގައި ބޭނުންކުރާ ސާމާނުތަކާއެކު ގާތްގަނޑަކަށް ހަތް ލައްކައެއްހާ ރުފިޔާގެ ގެއްލުން ވެފައިވާ ކަމަށެވެ.
ރޭގެ ހާދިސާ ހިނގި ގޭގެ ދެ ފްލޯގެ އެޕާޓްމެންޓްގައި 38 ބިދޭސީން އުޅެމުންދިޔައިރު ކޮންމެ އެނދެއް ކައިރީގައި ކެއްކުމަށް ގޭސްފުޅި ހުރި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ. އެތަނުގެ މަތީ ފްލޯގައި ދިރިއުޅެމުންދިޔަ ބިދޭސީންގެ ތެރެއިން 10 މީހުން ވަނީ މަރުވެފައެވެ.
އެތަނުން ޖުމްލަ 28 މީހަކު ސަލާމަތްކޮށްފައި ވާއިރު، މިވަގުތު ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)ގެ ބެލުމުގެ ދަށުގައި ތިބީ ހަ އަންހެނުންނާއި ތިން ފިރިހެނުންނެވެ.