މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް ބޮޑުކުރުމަށް އެދި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލަށް ވޯޓަށް އެހުމަށް ތާވަލްކުރި ނަމަވެސް، ވޯޓަށް ނާހައި މަޖިލީހުގެ ޖަލްސާ ނިންމާލައިފިއެވެ.
މަޖިލިސް މެދުކަނޑާލުމަށްފަހު އަލުން ފެށިއިރު ރިޔާސަތުގައި އިންނެވީ ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފެވެ. ރިޔާސަތުގައި އިންނަވައި އޭނާ ވިދާޅުވީ، ޓެކްސް ބިލަށް ވޯޓަށް އަހަން ބޭނުންވާ ވަރަށް މަޖިލީހުގައި ކޯރަމް ނެތް ކަމަށާއި އެހެންކަމުން މިއަދުގެ ޖަލްސާ ނިންމާލީ ކަމަށެވެ.
އެއާއެކު ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރުން ވަނީ ތަޅުމުގައި އަޑުގަދަ ކުރައްވާފައެވެ. ނަމަވެސް މެމްބަރުންނަށް ފުރުސަތެއް ނުދީ ހަސަން އަފީފް ވަނީ ޖަލްސާ ނިންމަވާލައްވާފައެވެ.
އެވަގުތު އިދިކޮޅުން ދިޔައީ މަޖިލިސް ކައިރިއަށް އެއްވެ ބިލާ ދެކޮޅަށް މުޒާހަރާވެސް ކުރަމުންނެވެ. މިބިލާ ގުޅިގެން މަޖިލިސް މެމްބަރުންގެ މެދުގައި ވެސް ގިނަ ދެބަސްވުންތަކެއް ވަނީ އުފެދިފައެވެ.
ރައްޔިތުން އެމައްޗަށް އަމަލުކުރުން ލާޒިމް ބިލްތަކަށް މަޖިލީހުގައި ވޯޓަށް އެހޭނީ ޖަލްސާގައި މަޖިލިސް މެމްބަރުންގެ ތެރެއިން ތިންބައިކުޅަ ދެބައި މެންބަރުން ތިއްބަވައިގެންނެވެ.
ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރަން ސަރުކާރުން ނިންމާފައިވާއިރު އެކަމާ ގިނަ ބަޔަކު އަންނަނީ ދެކޮޅު ހަދަމުންނެވެ. އެގޮތުން ޓެކްސް ބޮޑުކުރުމުގެ ބަދަލުގައި ސިޔާސީ މަގާމުތަކަށާއި އެހެންކަންކަމަށް ސަރުކާރުން ކުރާ ބޭކާރު ހަރަދުތައް ހުއްޓާލުމަށް ފާޑުކިޔާ ފަރާތްތަކުން ގޮވާލައެވެ.