އެފްއޭއެމްއަށް ފައިސާ ނުދީއެއް ނުވާނެ، ދަރަންޏަށް ސަރުކާރުން ޒިންމާ ވާކަށް ނުޖެހޭ: މަހުލޫފް

ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި / ފޮޓޯ: މަޖިލިސް

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ޔޫތު މިނިސްޓްރީން ދޭންޖެހޭ ފައިސާއެއް ނުދީ ނޯންނާނެ ކަމަށާއި، އެއެސޯސިއޭޝަންގެ ދަރަންޏަށް ސަރުކާރު ޒިންމާވާން ނުޖެހޭނެ ކަމަށް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެން ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު މަހުލޫފް ވިދާޅުވީ، އެފްއޭއެމްއިން އެހެން ބަޔަކަށް ފައިސާ ނުދެވިގެން އުޅެނީ މިނިސްޓްރީން އެސޯސިއޭޝަނަށް ފައިސާ ނުދީގެން ނޫން ކަމަށެވެ.

އަދި، ގައުމީ އެސޯސިއޭޝަންތަކަކީ އަމިއްލައަށް ދަރަންޏަށް ޒިންމާވާ ގޮތަށް އުފައްދާފައިވާ ތަންތަން ކަމަށާއި، އެދަރަންޏާމެދު މިނިސްޓްރީން ޒިންމާވާން ނުޖެހޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ސްޓެލްކޯއަށް އެފްއޭއެމް އިން ދައްކަން ޖެހޭ 6.5 މިލިއަން ރުފިޔާ ނުދައްކާ އޮތުމުން އެފްއޭއެމް ހައުސް އިން މިދިޔަ އޮކްޓޯބަރު މަހު ކަރަންޓު ކަނޑާލާފައިވާއިރު، އަމިއްލަ ކުންފުންޏަކަށް ދޭން ޖެހޭ ފައިސާ ނުދެވިގެން އެފްއޭއެމްގެ ބިމެއް އެކުންފުންޏަށް ދިނުމަށްވެސް އެއްބަސްވެފައިވެއެވެ.

އެކަމާ ގުޅިގެން މިނިސްޓަރު މަހުލޫފް ވިދާޅުވީ، އެފްއޭއެމްގެ މައްސަލައިގައި ކަންބޮޑުވުން އެބައޮތް ކަމަށާއި އެކަންކަން ހައްލުކުރެވޭނެ ގޮތްތައް ބަލަމުންދާ ކަމަށެވެ. އަދި، ފައިސާގެ ކަންކަން ވަރަށް އަވަހަށް ނިންމާނެ ކަމުގެ ޔަގީންކަން އެސޯސިއޭޝަނުން ވަރަށްފަހުން ދިން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ފީފާގެ ގަވާއިދުގައި ބަޔާންކޮށްފައިވާގޮތުގައި އެފްއޭއެމްގެ އެއްވެސް ކަމަކަށް ސަރުކާރުން ނުވަތަ އެހެން ތިންވަނަ ފަރާތަކަށް ނުވަދެވޭނެއެވެ. އެފަދައިން އަމަލުކޮށްފިނަމަ ފީފާ އިން ރާއްޖޭގެ ފުޓްބޯޅަ ސަސްޕެންޑްކުރާނެއެވެ.

އެފްއޭއެމްއިން ގައުމީ ޓީމުގެ ބައެއް ކުޅުންތެރިންނަށާއި، ބައެއް ކުލަބްތަކަށް ވެސް ދޭންޖެހޭ ފައިސާ ނުދޭ ކަމަށް ބުނާ މައްސަލަތަކެއްވެސް ވަނީ ފެންމަތިވެފައެވެ.

comment ކޮމެންޓް