އިސްތަންބޫލުގައި ބޮން ގޮއްވާލި މީހާ އަތުލައިގަނެވިއްޖެ: ތުރުކީގެ ދާޚިލީ ވަޒީރު

އިސްތަންބޫލްގައި ބޮން ގޮއްވާލި ސަރަހައްދުގައި ތުރުކީ ފުލުހުން ހަރަކާތްތެރިވަނީ

އިސްތަންބޫލް (14 ނޮވެމްބަރު 2022): ތުރުކީގެ އެންމެ ބޮޑު އަދި އެންމެ މަޝްހޫރު ސިޓީ ކަމަށްވާ އިސްތަންބޫލުގައި ބޮމެއް ގޮއްވާލުމުގެ ފަހަތުގައިވާ މީހާ އަތުލައިގަނެވިއްޖެ ކަމަށް އެގައުމުގެ ދާޚިލީ ވުޒާރާއިން ބުނެފިއެވެ.

ތުރުކީގެ ދާޚިލީ ވަޒީރު ސުލައިމާން ސުވީލޯ ވިދާޅުވީ ހަ މީހުން މަރުވެ 81 މީހުން ޒަޚަމްވި މި ޓެރަރިޒަމްގެ އަމަލު ހިންގުމުގައި އެންމެ އިސް ދައުރު އަދާކުރި ކަމަށް ބެެލެވޭމީހާ އަތުލައިގަނެވިފައިވާ ކަމަށާއި މިހަމަލާއާބެހޭ ތަހުގީގުތައް ކުރިއަށްދާ ކަމަށެވެ. ތުރުކީގެ ޚަބަރު ފަތުރާ ވަސީލަތްތައް ބުނާގޮތުން އަތުލައިގެންފައިވަނީ އަންހެނެކެވެ. އިސްތަންބޫލުގައި ބޮންގޮއްވާލި މަގުގައި ބޮން ބޭއްވި ކަމަށްވަނީ އެ އަންހެން މީހާއެވެ.

ތުރުކީގެ ދާޚިލީ ވަޒީރު ސުލައިމާން ސުވީލޯ

ބޮން ގޮއްވާލާފައިވަނީ އިސްތަންބޫލުގައި ގިނަ އަދަދެއްގެ ފިހާރަތައްހުންނަ ހަނިމަގެއްގައެވެ. އެއީ އާންމުކޮށް މީހުން ހިނގާފައިއުޅޭ ހަނިމަގެކެވެ. މި ހަމަލާގެ ޒިންމާ އެއްވެސް ފަރާތަކުން އުފުލާފައެއް ނުވެއެވެ. މި ހަމަލާގެ ޒިންމާ އުފުލާފައި ނުވިނަމަވެސް، މިއީ ތުރުކީގައި ވަކިވެގަތުމަށް މަސައްކަތްކުރާ ކުރުދީ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ޕީކޭކޭ ގެ ހަނގުރާމަވެރިންގެ އަމަލެއްކަމަށް ތުރުކީ ސަރުކާރުން ދެކެއެވެ. މިއީ ޕީކޭކޭގެ އަމަލެއްކަމަށް ތުރުކީގެ ދާޚިލީ ވަޒީރު ސުލައިމާނު ސުވީލޯ ސިފަކުރެއްވި ކަމަށް ފަރަންސޭސި ނޫސްއެޖެންސީ ބުނެއެވެ.

ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އެރުޣާން ވަނީ މިއީ ޓެރެރިސްޓު ހަމަލާއެއް ކަމަށް ސިފަ ކުރައްވައި މިކަމުގެ ފަހަތުގައިވާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެންނާނެކަމަށް ވިދާޅުވެފައެވެ. އަދި މިއީ ތުރުކީގެ އެއްބައިވަންތަކަން ނަގާލުމުގެ އަމަލެއްކަމަށާއި ނަމަވެސް އެކަން ކާމިޔާބު ނުކުރެވޭނެ ކަމަށް އެރުދުޣާން ވިދާޅުވިއެވެ. މިއީ ޓެރެރިސްޓް ހަމަލާއެއް ކަމަށް އެރުދުޣާން ވިދާޅުވި ނަމަވެސް މިމައްސަލަ ތަހުގީގުކުރައްވާ ތުރުކީގެ ޕްރޮސެކިއުޓަރ ޖެނެރަލް މިކަން މިގޮތަށް ސިފަކުރައްވާފައެއް ނުވެއެވެ.

އިސްތަންބޫލްގައި ބޮން ހަރުކުރި ކަމަށް ބެލެވޭ އަންހެންމީހާ

ތުރުކީއަކީ އެގައުމުގެ އަވަށްޓެރި ސީރިޔާގައި ބޮންގޮއްވައި އަދި ސީރިޔާގައި ދާޚިލީ ހަނގުރާމައިގެ ހުޅުގަނޑު ރޯކޮށް އެގައުމު ހަލާކުކޮށްލުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރި އެއްގައުމެވެ. ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދުގެ ވެރިކަން ސިޔާސީ އަދި ޖިއޮސްޓްރެޓީޖިކް ބޭނުމަށް ވައްޓާލުމަށްޓަކައި 2001 ވަނަ އަހަރު ސޫރިޔާގެ އިދިކޮޅު ޖަމާއަތްތަކަށް ހަތިޔާރު ފޯރުކޮށްދީ އެމީހުންނަށް މާލީ އެހީއާއި އަސްކަރީ ތަމްރީނުދިނުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ހަތަރު ގައުމުގެ ތެރެއިން އެއްގައުމަކީ ތުރުކީއެވެ.

އަނެއް ތިން ގައުމަކީ އެމެރިކާ، ގަތަރު އަދި ސައޫދީ އަރަބިއާއެވެ. ސީރިޔާގެ ދާޚިލީ ހަނގުރާމައިގާ އެންމެ ނުރައްކާތެރި ޓެރަރިޒަމްގެ އަމަލުތައް ހިންގި އައިއެސް ޖަމާއަތުގެ ހަނގުރާމަވެރިން ދުނިޔޭގެ އެކި ގައުމުތަކުން ގޮސް ސަރަހައްދީ ރޮނގު ހުރަސްކޮށް ސީރިޔާއަށް ވަނުމުގެ ފުރުސަތު ދީފައިވަނީ ތުރުކީންނެވެ.

އައިއެސްގެ ހަނގުރާމަވެރިންނަށް އެދުވަސްވަރު ހަތިޔާރު ދިންކަމުގެ ތުހުމަތު އެމެރިކާގެ މައްޗަށް ކުރެވިފައިވާއިރު ގަތަރުގެ މައްޗަށް ކުރެވެނީ އައިއެސް ޖަމާއަތުގެ ހަނގުރާމަވެރިންނަށް ބޭނުންވާ ފައިސާގެ އެހީ ފޯރުކޮށްދިނުމުގެ ތުހުމަތެވެ. އަދި ގަތަރުގެ އެއާލައިންގެ ބޯޓުތަކުގައި އައިއެސްގެ ހަނގުރާމަވެރިން ތުރުކީއަށް އުފުލައިދިނުމުގައި އެހީތެރިވިކަމުގެ ތުހުމަތެވެ. މިހަތަރު ގައުމުން ސީރިޔާގެ ވެރިކަން ބަދަލުކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުކޮށްލީ ސީރިޔާ ސިފައިންނާއި ބައްޝާރަށް އެހީތެރިވި ރަޝިއާއި އީރާނާއި ލުބްނާނުގެ ހިޒްބުﷲ ޖަމާއަތުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް