ޤަތަރަކީ މިސްޓޭކެއް ކަމަށް ފީފާގެ ކުރީގެ ރައީސް ވިދާޅުވެއްޖެ

ފީފާޣެ ކުރީގެ ރައީސް ސެފް ބްލެޓާ. --- ފޮޓޯ/ ގެތީ އިމޭޖަސް

ޤަތަރަކީ ވޯލްޑް ކަޕް ބޭއްވޭ ވަރަށްވުރެ މާ ކުޑަ ގައުމެއްކަމަށް ފީފާގެ ކުރީގެ ރައީސް ސެޕް ބްލެޓާ ވިދާޅުވެއްޖެއެވެ.

ބްލެޓާ މިފަދައިން ވިދާޅުވެފައި ވަނީ ސްވިސް ނޫސް އޭޖެންސީއެއް ކަމަށްވާ ޓޭޖްސް އެންޒައިގާއަށް ދެއްވި ބަސްދީގަތުމެއްގައެވެ.

ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރެވުނު ބްލެޓާގެ މައްޗަށް އެއްވެސް ކުށެއް ސާބިތުވެފައިނުވާއިރު، 2022 ވަނަ އަހަރުގެ ވޯލްޑްކަޕް ބޭއްވުމަށް 2010 ވަނަ އަހަަރު ޤަތަރަށް ފުރުސަތު ދިނުމަކީ ބޮޑު ގޯހެއްގެ ގޮތުގައި އޭނާ ވަނީ ސިފަކޮށްފައެވެ.

ދެހާސް ދިހަ ވަނަ އަހަރު ޤަތަރަށް ވޯލްޑްކަޕް ބޭއްވުމަށް ފުރުސަތު ދިނުމާއެކު ކޮރަޕްޝަންގެ އެކިއެކި ތުހުމަތުތައް ފީފާގެ މައްޗަށް ވަނީ ކުރެވިފައެވެ.

ގަތަރާ އެކު މި އަހަރުގެ ވޯލްޑް ކަޕް ބޭއްވުމަށް ޓަކައި ވާދަ ކުރީ ޖުމުލަ ފަސް ގައުމަކުންނެވެ. އެއީ އޮސްޓްރޭލިޔާ، ޖަޕާން، ދެކުނު ކޮރެޔާ، އަދި އެމެރިކާއެވެ.

އެ ގައުމުތަކާ ވާދަކޮށް ގަތަރުން ބިޑް ކާމިޔާބުކޮށް އެ ގައުމުން ބޭނުންވީ އެ ގައުމުގައި ބޭއްވޭ ވޯލްޑް ކަޕަކީ ތަފާތު އަދި އެ ގައުމަށް ނަފާކުރެވެނިވި ވޯލްޑުކަޕަކަށް ހަދާށެވެ. އެ ވޯލްޑުކަޕަށް އެ ގައުމުން ވަނީ ބޮޑު ހޭދައެއް ކޮށްފައެވެ.

ބްލެޓް ވިދާޅުވީ، ޤަތަރުން ވޯލްޑްކަޕް ސްޓޭޑިއަމްތައް އިމާރާތްކުރުމަށް ގެންގުޅުނު މަސައްކަތު މާހައުލުގެ ސަބަބުން ވޯލްޑްކަޕް ހޯސްޓުކުރާ ގައުމުތައް ހޮވާ ކްރައިޓީރިއާއަށްވެސް ބަދަލުގެންނަން ޖެހުނު ކަމަށެވެ.

"މިހާރު އިޖުތިމާޢީ މިންގަނޑުތަކާއި، އިންސާނީ ހައްގުތަކަށް ފޯކަސްކުރެވޭ" އޭނާ ވިދާޅުވިއެވެ.

މި ހިނގާ ނޮވެމްބަރުމަހު ފެށުމަށް ހަމަޖެހިފައިވާ ވޯލްޑްކަޕުގެ ކަންކަން ސިޔާސީ ނުކުރުމަށް ފީފާއިން އެދިފައިވާއިރު، ޤަތަރުން އަންނަނީ މުބާރާތުގައި ބައިވެރިވާން އަންނަ ޓީމުތަކަށް ހޫނު މަރުހަބާއެއް ކިޔަމުންނެވެ.

އާބާދީގައި 2.9 މިލިއަން މީހުން އުޅޭ ގަތަރަށް އެ ގައުމުގެ ތާރީހުގައި ވެސް އެއްފަހަރާ އެންމެ ގިނަ ބަޔަކު އެތެރެވާނީ މި ފަހަރުގެ ވޯލްޑްކަޕަށެވެ. މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހަށް ގަަތަރުގައި ބާއްވާ ވޯލްޑްކަޕަށް 1.7 މިލިއަން މީހުން އެ ގައުމަށް އެތެރެވާނެ ކަމަށް އެ ގައުމުން ލަފާކުރެއެވެ.

ގަތަރު 2022 އަށް ތައްޔާރު ވުމަށް ޓަކައި ގަތަރުރުން ވަނީ ވަރަށް ބޮޑު ޚަރަދެއް ކޮށް، ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. ހަމައެކަނި ޚަރަދަށް ބަލާ އިރު ވެސް، ޤަޠަރުން ވަނީ ގާތްގަނޑަކަށް 220 ބިލިއަން ޑޮލަރު މުބާރާތާ ގުޅޭ އެކި ކަންކަމަށް ޚަރަދު ކޮށްފައެވެ.

މިއީ އިންފްލޭޝަނަށް ނުބަލައި، ހަމައެކަނި އަދަދުތައް އަޅާކިޔަންޏާ، މީގެ ކުރީން ބޭއްވުނު 21 ވޯލްޑް ކަޕަށް ކުރެވުނު ހަރަދުގެ މުޅި ޖުމުލައަށް ވުރެ ވެސް ބޮޑު އަދަދެކެވެ.

comment ކޮމެންޓް