އިންގްލިޝް ޕްރިމިއާ ލީގުގައި އާސެނަލް އާއި އެސްޓަން ވިލާ ބައްދަލުކުރި މެޗު އެއްވަރުވެއްޖެއެވެ.
އާސެނަލްގެ ދަނޑުގައި ކުޅުނު މިމެޗު ނިމުނީ ދެ ލަނޑު ދެ ލަނޑުން ދެޓީމު އެއްވަރު ވެގެންނެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ވެސް އާސެނަލްއެވެ.
ނަމަވެސް ވިލާގެ ފަރާތުން ވެސް މިމެޗުގައި ރަނގަޅު ކުޅުމެއް ފެނިގެންދިޔަކަން ފާހަގަ ކޮށްލެވެއެވެ. މިމެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެފައިވަނީ އާސެނަލްއިންނެވެ. މިގޮތުން ލަނޑު ޖަހާނެ ރަނގަޅު ހަމަލާތަކެއް އެޓީމުން އުފައްދާފައިވެއެވެ. އަދި ވިލާއިން ވެސް ޑިފެންސް ކުރުމާއެކު ހަމަލާ އުފެއްދޭތޯ މަސައްކަތް ކޮށްފައިވެއެެވެ.
މިމެޗުގެ ފުރަތަމަ ލަނޑު މެޗުގެ 35ވަނަ މިނެޓުގައި ޖަހާ ލީޑު ނަގައިފައި ވަނީ އާސެނަލް އިންނެވެ. މިލަނޑު ލިއާންޑްރޯ ޓްރޮސާޑް ތަނަވަސްކޮށްދިން ފުރުސަތެއްގައި ކާމިޔާބު ކޮށްފައިވަނީ ގެބްރިއެލް މާޓިނެއްލީއެވެ. އޭނާ ގޯލަށް ފޮނުވާލި ބޯޅަ ގޯލް ރޮނގު ހުރަސްކުރިކަން ޔަގީންކުރީ ގޯލް ލައިން ޓެކްނޮލޮޖީގެ އެހިތެރިކަމާއެކުއެވެ. މިމެޗުގައި އާސެނަލްގެ ދެވަނަ ލަނޑު މެޗުގެ 55ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ އަނެއްކާވެސް ޓްރޮސާޑް ތަނަވަސްކޮށްދިން ފުރުސަތެއްގައި ކައި ހަވާޓާޒްއެވެ.
މިއީ މިސީޒަންގައި ހަވާޓްޒް ކާމިޔާބުކުރި 13ވަނަ ލަނޑެވެ. ނަމަވެސް މިލަނޑު ޖެހިތާ ފަސް މިނެޓް ފަހުން ޔޫރީ ޓީލެމަން ކާމިޔާބު ކޮށްދިން ލަނޑާއެކު ވިލާއިން އެއް ލަނޑަށް ފަރަގު ކުޑަކޮށް މިމެޗުން ނަތީޖާއެއް ނެރުމަށް ކުރަމުންދިޔަ އުންމީދު އާކުރިއެވެ. އަދި އޭގެ އަށް މިނެޓް ފަހުން އޮލީ ވޮޓްކިންސް ވަނީ ވިލާގެ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. މިމެޗުގެ ފުރިހަމަ ވަގުތު ހަމަވާން އެއް މިނެޓަށް ވެފައިވަނިކޮށް އާސެނަލް އިން ލަނޑެއް ކާމިޔާބު ކުރި ނަމަވެސް ވީއޭއާރުން ބެލުމަށްފަހު ވަނީ އެބޯޅަ ގޯލަށް ވަނުމުގެ ކުރިން ޖަވާޓްޒްގެ އަތުގައި ޖެހިފާވާތީ ބަލައި ނުގެންފައެވެ.
މިނަތީޖާ އާއެކު އާސެނަލުން ލީގަށް ކުރާ އުންމީދުގައި މިވަނީ ދެ ޕޮއިންޓް ގެއްލިފައެވެ. އަދި މިވަގުތު އުޅެނީ 44 ޕޮއިންޓާއެކު ތާވަލްގެ ދެ ވަނައިގައެވެ. އާސެނަލަށް ވަނީ އެއްވަނައިގާ އުޅޭ ލިވަޕޫލާ ދެމެދުގައިވާ ފަރަގު ހަ ޕޮއިންޓަށް އިތުރުވެފައެވެ. އަދި ވިލާ އުޅެނީ 36 ޕޮއިންޓާއެކު ތާވަލްގެ ހަތްވަނައަށް ކުރިއަށް ޖެހިލާފައެވެ.
މިމުބާރާތުގައި ފުލަމް އާއި ލެސްޓާ ސިޓީ ބައްދަލުކުރި މެޗު 2 ލަނޑު ސުން ލަނޑުން ކާމިޔާބު ކޮށްފައިވަނީ ފުލަމްއެވެ. މިއާއެކު ލެސްޓާއިން މިވަނީ ޖެހިޖެހިގެން ލީގުގައި ހަތް މެޗުން ބަލިވެފައެވެ. މިމެޗުގައި ފުލަމްގެ ދެ ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އެމީލް ސުމިތު ރޯ އާއި އެދަމާ ޓްރައޯރޭއެވެ. މިއާއެކު ފުލަމް 33 ޕޮއިންޓާއެކު ތާވަލުގެ ނޔވަވަނައިގާ އުޅޭ އިރު ލެސްޓާ އުޅެނީ 14 ޕޮއިންޓާއެކު ތާވަލުގެ 19ވަނައިގައެވެ.
މީގެއިތުރުން ކްރިސްޓަލް ޕެލަސްއާއި ވެސްޓް ހޭމް ޔުނައިޓެޑް ބައްދަލުކުރި މެޗު ދެ ލަނޑު ސުން ލަނޑުން ކާމިޔާބު ކޮށްފައި ވަނީ ޕެލަސްއެވެ. މިމެޗުގައި ޕެލަސްގެ ދެ ލަނޑުވެސް ކާމިޔާބު ކޮށްދީފައި ވަނީ ޖޮން ފިލީޕޭ މަޓޭޓާއެވެ. މިކާމިޔާބީއާއެކު ޕެލަސް މިހާރު އުޅެނީ 27 ޕޮއިންޓާއެކު ތާވަލުގެ 12ވަނައަށް ކުރިއަށް ޖެހިލާފައެވެ. އަދި ވެސްޓް ހޭމް އުޅެނީ 26 ޕޮއިންޓާއެކު 14 ވަނައިގައެވެ.