ބަޔޭންއިން ވުލްފްސްބާގް ބަލިކޮށްފި

ޖަރުމަނު ބުންޑެސްލީގާގައި ތާވަލްގެ އެއްވަނައިގާ އުޅޭ ބަޔޭން މިޔުނިކާއި ވުލްފްސްބާގް ބައްދަލުކުރި މެޗު ބަޔޭން ކާމިޔާބު ކޮށްފިއެވެ.

ބަޔޭންގެ ދަނޑުގައި ކުޅުނު މިމެޗު އެޓީމު ކާމިޔާބު ކޮށްފައިވަނީ 2-3 އިންނެވެ. ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ބަޔޭންއިންނެވެ.

އަދި މެޗުގެ 20 ވަނަ މިނެޓުގައި ލެއޮން ގޮރެޓްޒްކާ ކާމިޔާބު ކުރި ލަނޑާއެކު ބަޔޭންއިން މެޗުގެ ލީޑު ނެގިއެވެ. މިއީ މިފަހަރުގެ ސީޒަންގައި ގޮރެޓްޒްކާ އެ ޓީމަށް ކާމިޔާބު ކޮށްދިން ދެވަނަ ލަނޑެވެ.

ނަމަވެސް މި ލަނޑު ޖެހިތާ ހަތަރު މިނެޓް ފަހުން ވުލްފްސްބާގް އިން ވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މުހަންމަދު އަމޮއުރާއެވެ. މި މެޗުގައި ބަޔޭންގެ ދެވަނަ ލަނޑު މެޗުގެ 39 ވަނަ މިނެޓުގައި ޖަހާ އެ ޓީމަށް ދެވަނަ ފަހަރަށް ލީޑު ނަގައިދިނީ މައިކަލް އޮލީސޭއެވެ. މިއީ މިސީޒަންގައި ބަޔޭން އާއި ގުޅުނު އޮލީސޭ އެޓީމަށް ކާމިޔާބު ކޮށްދިން 10 ވަަނަ ލަނޑެވެ.

ފުރަތަމަ ހާފު ނިމިނިމި އޮއްވާ ޖޯޝުއާ ކިމިޗް ބަޔޭންގެ ލީޑު އިތުރަށް ފުޅާކޮށްދެވުނު ކަމަށް ހީކުރެވުނު ނަމަވެސް އެ ލަނޑު ވަނީ ގޯލަށް ވަނުމުގެ ކުރިން ކިންގްލީ ކޯމަންގެ އަތުގައި ޖެހިފައިވުމުން ބަލައި ނުގެންފައެވެ.

ނަމަވެސް މެޗުގެ 62 ވަނަ މިނެޓުގައި ގޮރެޓްޒްކާވަނީ ބަޔޭންގެ ލީޑު އިތުރަށް ފުޅާކޮށްދީފައެވެ. މި މެޗުގައި ވުލްފްސްބާގްގެ ދެވަނަ ލަނޑު މެޗު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ކާމިޔާބު ކޮށްދިނީ ފުރަތަމަ ލަނޑު ވެސް ކާމިޔާބު ކޮށްދިން އަމޮއުރާއެވެ.

މިކާމިޔާބީއާއެކު ބަޔޭން މިހާރު އުޅެނީ ކުޅުނު 18 މެޗުން ލިބިފައިވާ 45 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައިގައެވެ. އަދި ވުލްފްސްބާގް އުޅެނީ 27 ޕޮއިންޓާއެކު ތާވަލްގެ ހަތް ވަނައިގައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު