ރާއްޖެ މިހާ ހިސާބަށް ތަރައްގީވީ އެމްޑީޕީގެ މަސައްކަތުން، ޕާޓީ ފުނޑުފުނޑުވިޔަ ނުދޭނަން: ރީކޯ މޫސަ

ރީކޯ މޫސަ އާއި މާރިޔާ އަހުމަދު ދީދީ

ރާއްޖެ މިހާރު އޮތް ހިސާބަށް ތަރައްގީވީ އެމްޑީޕީގެ މިންނަތް މަސައްކަތުންކަމަށާއި ޕާޓީ ފުނޑުފުނޑުވިޔަ ނުދެއްވާނެކަމަށް އެ ޕާޓީއާ އިއްޔެ އަނެއްކާ ވެސް ގުޅިވަޑައިގެންނެވި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ޕްރޮގްރާމަކަށް ދެއްވި އިންޓަވިއުއްގައި މޫސަ ވިދާޅުވީ އޭނާ އެ ޕާޓީއާ ގުޅިވަޑައިގަތީ ޕާޓީ ބަދަހިކުރުމަށްކަމަށެވެ.

"އެމްޑީޕީއާ އަޅުގަނޑު ގުޅުނީ ތިކަމުގައި. އެމްޑީޕީއަކީ އަޅުގަނޑަށް ފެންނަ ގޮތުގައި ދިވެހި ރައްޔިތުންގެ ވަރަށް ބޮޑު ރައުސުލްމާލެއް. އެހެން މި ދެންނެވީ އަޅުގަނޑުމެން މީގައި ކުރި ނަތީޖާގެ ސަބަބުން ދިވެހިރާއްޖޭގައި މިހާރު މި ދެކޭ ހުރިހާ ތަރައްގީއެއް، މީހުން ތަރައްގީވުމާއި މީހުން ހޭލުންތެރިވުމާއި، ދައުލަތަށް ލިބޭ އާމްދަނީ އިތުރުވުމާއި، ތަފްސީލްކުރާނެ ކަމެއް ނެތް،" އޭނާ ވިދާޅުވިއެވެ.

މޫސަ ވިދާޅުވީ ކޮންމެ ބަޔަކު ކޮންމެ ވަހަކައެއް ދެއްކި ނަމަވެސް އެ ހުރިހާ ކަމެއްްގެ އަސްލަކީ އެމްޑީޕީކަމަށެވެ. އަދި އެހެން ސިޔާސީ ޕާޓީއަކުން އެ ވަހަކަ ދެއްކިނަމަވެސް އެއީ ހަގީގަތެއް ނޫންކަމަށް މޫސަ ވިދާޅުވިއެވެ.

މަޖިލީހުގެ ރައީސް އަދި ނައިބު ރައީސް ރައީސް އިބޫއާ ބައްދަލު ކުރައްވަނީ --- ފޮޓޯ/ ރައީސް އޮފީސް

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެމްޑީޕީ މެމްބަރުންގެ މެދުގައި އެއްބަައިވަންތަކަން ހިފެހެއްޓޭނެފަދަ ގޮތަކަށް ވާހަކަދައްކަން ވެއްޖެ،" އޭނާ ވިދާޅުވިއެވެ.

މޫސަ ވިދާޅުވީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އަމިއްލަފުޅަށް ދެކެވަޑައިގަންނަވާ ގޮތަކުން ނުވަތަ އެމަނިކުފާނުގެ އަރިސް މެމްބަރުން ދައްކަވާ "ހުވަފެނަކުން" ޕާޓީ ބައިބައިވާ ހިސާބަށް ގޮސްގެން ނުވާނެކަމެށެވެ.

"އަޅުގަނޑު މިކަން ދުރުދުރުން ބަލަ ބަލައިފައި އަޅުގަނޑަށް ފެނުނީ ބޭރުގައި ހުރެގެން އެއްޗެކޭ ބުނެގެން އަދި މި ކަމެއް ނުވާނޭ. އަޅުގަނޑުމެންގެ ޕާޓީ ޕާޓީއެއްގެ ގޮތުގައި ކުރިއަށްދާނީ އެއްބައިވަންތަކަމާއެކީގައި މީތި ކުރިއަށް ގެންގޮސްގެނޭ،" މޫސަ ވިދާޅުވިއެވެ.

ރީކޯ މޫސައަކީ އެމްޑީޕީ އުފައްދަން އެ ޕާޓީއަށް ނުވަވަނައަށް ސޮއިކުރި މެމްބަރެވެ. އެހެންކަމުން އެމްޑީޕީ އުފެއްދުމުގެ މަސައްކަތުގައި މުހިންމު ދައުރެއް އަދާކޮށްފައިވާކަމުގެ އިހުސާސު ކުރެވޭކަމަށް މުސަ ވިދާޅުވެއެވެ.

"އީވާން ނަސީމް މަރާލި ހިސާބުން އަޅުގަނޑުމެންނަށް މަޖުބޫ ރުވީ ސިއްރުން ނޫޅެން. އެއިރު ވެސް ލީޑުކޮށް އަންހެން ފިރިހެން މަސައްކަތްކުރަމުން ދިޔަ 100 ވަރަކަށް މީހުން. ދެން ވީ ގޮތަކީ އީވާން ނަސީމް މަރާލާފައި އަދި ޖަލުގެ ތެރޭ ބަޑި ޖަހައި ހިނގައިދިޔަ ކަންތައްގަނޑަކާ ގުޅިގެން ޒުވާނުން ވެސް ހަމަ ނިކުމެ މަސައްކަތްކުރަމުން ދިޔައިމަ އެއިރުގައި ރައީސް މައުމޫނަށް މަޖުބޫރުވީ އިންޓަނޭޝަނަލް ފިއްތުންތަކާ އެކީގައި އެއް ބަޔަކު، އަޅުގަނޑުމެން ތެރޭ އެއުޅޭ ޑީއޯ ސައްޕެއާ ރައީސް ނަޝީދުއާއި، ގޯގޯ ލަތީފާއި، އެތައް ބަޔަކު ކުއްލިއަކަށް މިތަނުން އެއްބަޔަކު ހައްޔަރުކޮށްފާނެތީ ރާއްޖެއިން ބޭރަށް ވެސް ދިޔައީ،" މޫސަ ކިިޔައިދެއްވިއެވެ.

މޫސަ ވިދާޅުވީ ގިނަ ބަޔަކު ރާއްޖެއިން ބޭރަށް ދިޔުމުން ރާއްޖޭގައި މަސައްކަތްކުރާނެ މާ ގިނަ ބަޔަކު ނެތްކަމަށެވެ. އަދި މިނިވަންކަމާއެކު ޚިޔާލު ފާޅުކުރަން އެއްވެސް ހުރަހެއް ނެތްކަމަށް އެއިރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމު ވިދާޅުވި ހިސާބުން ޕާޓީގެ މަސައްކަތް ފެއްޓެވިކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑު ހަނދާންވާ ގޮތުން 2003ވަނަ އަހަރު ނުވަތަ 2004ވަނަ އަހަރުގެ ޖޫން މަހު އަޅުގަނޑުމެން އެންމެން ނިންމީ މިނިވަން ބަހުސްކުރަން. އެކަމަކު ހުއްދައެއް ހޯދަން ޖެހުނު،" އޭނާ ވިދާޅުވިއެވެ.

އެ ހުއްދަ ނެގުމަށްފަހު މިހާރުގެ ސޯޝަލް ސެންޓަރުގެ ކޮޓަރިއެއްގައި މިނިވަން ބަހުސް ބޭއްވިކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެއީ އެމްޑީޕީ އުފެއްދުމުގެ އަސްލު މަސައްކަތް ފެށުނު ދުވަހުގެ ގޮތުގައި މޫސަ ސިފަކުރެއްވިއެެވެ.

އޭނާ ވިދާޅުވީ ޑިމޮކްރަސީއަށް ކުރި ދަތުރުގެ އެންމެ ބޮޑު ކަމަކީ އެމްޑީޕީ އުފެއްދުންކަމަށެވެ.

މޫސަ އެމްޑީޕީއަށް ސޮއިކުރެއްވީ ރައީސް އިބްރާހީމް މުހައްމަދު ޞާލިހާއި އެމަނިކުފާނަށް ތާއީދުކުރައްވާ މެމްބަރުންގެ އެދުމުގެ މަތިންނެވެ. ރައީސް ޞާލިހުވަނީ މޫސައަށް މަރުހަބާ ދަންނަވައިފައެވެ.

ރައީސް ނަޝީދާއި މޫސައާ ދެމެދު ޚިޔާލު ތަފާތުވުން ބޮޑެވެ. މީގެ ކުރިން އޭނާއަށް ޕާޓީން ވަކިވާން ޖެހުނީ ވެސް އެހެންވެއެވެ.

comment ކޮމެންޓް