އިދިކޮޅު އެންމެ ބޮޑު ސިޔަސީ ޕާޓީ އެމްޑީޕީގެ އާދަޔާ ޚިލާފު ކޮންގްރެސް އޯގަސްޓު 15ގެ ކުރިން ބާއްވަން އެ ޕާޓީގެ ގައުމީ މަޖިލީހުން މިރޭ ފާސްކޮށްފިއެވެ.
މިރޭ ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގައި، އެ ޕާޓީގެ އާދަޔާ ޚިލާފު ކޮންގްރެސް، އޯގަސްޓު 15ގެ ކުރިން ބޭއްވުމަށް ފާސްކުރީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުންނެވެ.
މިރޭގެ ޖަލްސާގައި އެމްޑީޕީން ވަނީ ކޮންގްރެސްގެ ކަންކަން އިންތިޒާމުކުރުމަށް ޚާއްސަ ކޮމިޓީއެއް ވެސް އެކުލަވާލައިފައެވެ.
އެމްޑީޕީން އާދަޔާ ޚިލާފު ކޮންގްރެސްއެއް ބޭއްވުމަށް ނިންމާފައި މިވަނީ ރާއްޖެއަށް އެންމެ ރަނގަޅު ގޮތަކީ އެމްޑީޕީއާ ޑިމޮކްރެޓްސް ގުޅިގެން މަސައްކަތް ކުރުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނިކޮށް، އެ ހުށަހެޅުމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ތާއީދު ކުރައްވާފައިވާ ދަނޑިވަޅެއްގައެވެ.
އަދި އެ ޕާޓީގެ ރިޔާސީ ޓިކަޓަށް ޕާޓީގެ އެތެރޭގައި ވާދަވެރިކަން ވެސް ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.
އެމްޑީޕީގެ އަސާސީ ގަވާއިދު ބުނާގޮތުން ކޮންގްރެސްއެއް ބާއްވަން ޖެހޭނީ ކޮންމެ ފަސް އަހަރަކުން އެއް އަހަރުއެވެ. ނަމަވެސް، ކޮންމެ ވަގުތަކު ވެސް އާދަޔާ ޚިލާފު ކޮންގްރެސްއެއް ބޭއްވިދާނެ އެވެ. އެންމެ ފަހުން އެމްޑީޕީގެ ކޮންގްރެސްއެއް ބޭއްވީ 2022ވަނަ އަހަރެވެ. އަދި އާދަޔާ ޚިލާފު ކޮންގްރެސް އެއް ބޭއްވީ 2018ވަނަ އަހަރު އއ. އުކުޅަހުގައެވެ.
އެ ކޮންގްރެސް ބެއްވީ އެ ޕާޓީގެ އޭރުގެ ރައީސް އަދި ކުރީގެ ރައީސް ނަޝީދަށް އެ އަހަރު އޮތް ރިޔާސީ އިންތިޚާބުގައި ވާދަ ކުރުމުގެ މަގު ބަންދުވުމުންނެވެ.އަދި ހަމަ އެ ކޮންގްރެސްގައި އެ ޕާޓީގެ ރިޔާސީ ޓިކެޓު ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހަށް ވަނީ އަރުވާފައެވެ.
އެމްޑީޕީގެ ކޮންގްރެސްއަކީ އެ ޕާޓީން ބާއްވާ އެންމެ ބޮޑު ސިޔާސީ ހަރަކާތެވެ. އަދި އެ ޕާޓީގެ އަސާސީ ގަވާއިދު ބުނާ ގޮތުން ޕާޓީގެ އެންމެ އިސް ގުނަވަނަކީ ވެސް ކޮންގްރެސްއެވެ.
comment ލލ
3 day 10 hour ago
ދައުލަތުގެ މާލިއްޔަތު ލޫޓުވާ ސިޔާސީ ވަފާތެރި ކެހިވެރި ޗޯރުން ، 16 އަހަރުވެއްޖެ މާލީ މަންފާ ހޯދާތަން މިމީހުން !