ރަޝިއާއިން ތެޔޮ ގަތުމުން އިންޑިއާއަށް ފާއިދާވޭ: ޖަޔަޝަންކަރު

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިޔަމް ޖަޔަޝަންކަރު ރަޝިއާގައި --- ފޮޓޯ/ ރޮއިޓާސް

ރަޝިއާއިން ތެޔޮ ގަތުމުން އިންޑިއާއަށް ފާއިދާވާކަމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިޔަމް ޖަޔަޝަންކަރު ވިދާޅުވެއްޖެއެވެ.

ޖަޔަޝަންކަރު މިފަދައިން ވިދާޅުވެފައިވަނީ ރަޝިއާއަށް މިވަގުތު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅެއްގެ ތެރެއިންނެވެ.

ރަޝިއާގެ ފޮރިން މިނިސްޓަރު ސާޖީ ލަވްރޮވް އާއެކު ބޭއްވި ބައްދަލުވުމެއްގައި ޖަޔަޝަންކަރު ވަނީ ދަނޑުވެރިކަމާއި، ޕެޓްރޯލިއަމް، ނެޗުރަލް ގޭސް، ޝިޕިން އަދި ފައިނޭންސް ފަދަ ކަންކަމުގައި ރަޝިއާ އާއި އިންޑިއާ ގުޅުން މުހިންމުކަމަށް ވިދާޅުވެފައެވެ.

"ރަޝިއާއަކީ އަބަދުވެސް އަހަރެމެންގެ ބައިވެރިއެއް. މިހާތަނަށް މި ދެ ގައުމުގެ ގުޅުމުގެ ސަބަބުން ދެ ގައުމަށްވެސް ވެެފައިވަނީ ހަމައެކަނި ފާއިދާ،" ޖަޔަޝަންކަރު ވިދާޅުވިއެވެ.

މީގެއިތުރުން އޭނާ ވިދާޅުވީ، އިންޑިއާ ފަދަ އާމްދަނީގެ ލެވެލް އެހާ މަތި ނޫން ގައުމަކަށް އަގުހެޔޮކޮށް ތެޔޮ ލިބޭ ގޮތް ހަމަޖެހިފައި އޮތުމަކީ ބައިނަލްއަގުވާމީ ބާޒާރަށް ބަލައި ފާއިދާކުރަނިވި ކަމެއް ކަމަށެވެ.

ރަޝިއާއިން ޔޫކްރޭނާ ދެކޮޅަށް ކުރާ ހަނގުރާމަ ކުށްވެރިކޮށް އިންޑިއާއިން އެއްވެސް އެއްޗެކޭ ބުނެފައިނުވާއިރު، ޗައިނާއާއި އިންޑިއާއަކީ ރަޝިއާއިން އެންމެ ގިނައިން ތެޔޮ ގަންނަ ދެ ގައުމެވެ. ހުޅަނގުން ރަޝިއާގެ ތެޔޮ ބޮއިކޮޓްކުރުމުގެ ސަބަބުން ރަޝިއާގެ ތެލުގެ އަގު ވަނީ ދަށްވެފައެވެ.

އެމެރިކާގެ ޓްރެޝަރީ ސެކްރެޓަރީ ޖެނެޓް ޔެލެން އިންޑިއާއަށް ދަތުރުފުޅެއް ކުރައްވަން ހަމަޖެހިފައިވާއިރު، މި ދަތުރުފުޅުގައި ރަޝިއާގެ ތެލުގެ އަގާ ގުޅޭ މަޝްވަރާތައް ކުރާނެއެވެ. އަދި ޖީ7 ގައުމުތަކާ ކުރެވުނު މަޝްވަރާތަކުގެ ބައެއް ތަފްސީލު އިންޑިއާގެ އޮފިޝަލުންނަށް ހާމަކުރައްވާނެއެވެ.

އިންޑިއާއާއި ޗައިނާއިން ވަނީ ރަޝިއާއާ ދެކޮޅަށް ހުޅަނގުން އަޅާފައިވާ އިގުތިޞާދީ ދަތިކުރުމުގެ ފިޔަވަޅުތަކުގައި ބައިވެރިނުވާން ނިންމާފައެވެ.

ރަޝިއާއިން ހާމަކޮށްފައިވާ ގޮތުގައި ކުރިއަށް އޮތް ތަނުގައި ނިއުކްލިއާ ހަކަތަ އަދި ސްޕޭސް ޓްރެވަލްގެ ދާއިރާއިން ދެ ގައުމުގެ ގުޅުން ބަދަހިކުރެވޭނެއެވެ.

comment ކޮމެންޓް