މަނަދޫ ވިޔަފާރިވެރިއެއްގެ ޖީމެއިލް ހެކްކޮށް، މިލިއަނެއްހާ ރުފިޔާ ފޭރިއްޖެ

ނ. މަނަދޫ ވިޔަފާރިވެރިއެއްގެ ބޭންކް އެކައުންޓުން އޭނާއަށް ނޭނގި މިލިއަނަކާ ގާތް ކުރާ އަދަދަކަށް ފައިސާ އެހެން އެކައުންޓްތަކަށް ފޮނުވާ، ފޭރުނު މައްސަލައެއް ފެންމަތިވެއްޖެއެވެ.

އުމުރުން 41 އަހަރުގެ އަބްދުއްލަތީފްގެ ކުންފުނިން ހަތަރު ލޯންޗެއް ދުއްވުމުގެ އިތުރުން މަސް ދޯންޏެއް ވެސް ދުއްވައެވެ. އަބްދުއްލަތީފަކީ ދޯނީގެ ކެޔޮޅޮވެސްމެއެވެ. "އެލްއެލް ސާވިސް" ކުންފުނި ހަދައި މިހާ ފުޅާކޮށް އޭނާ ވިޔަފާރި ކުރާތާ އަދިވީ ފަސް ވަރަކަށް އަހަރެވެ.

އޭނާ "ސަން" އާ ވާހަކަ ދައްކަމުން ބުނީ މިދިޔަ މަހުގެ 29 ވީ ހޮނިހިރު ދުވަހުގެ 4:45 ކަންހާއިރު ނުދަންނަ ނަމްބަރަކުން އޭނާއަށް މީހަކު ގުޅި ކަމަށެވެ. ކަނޑުމަތީ ހުއްޓައި ގުޅި މީހާ އޭނާގެ އެކައުންޓެއްގެ މައުލޫމާތެއް އަދި މެއިލްގެ މައުލޫމާތެއް ވެސް ނާހާ ކަމަށާއި އެ މީހާ މުޅިން އެހީ އަނބިދަރިންނާއި ދިރިއުޅުމުގެ ހާލަތުގެ ވާހަކަ ކަމަށް އަބްދުލް ލަތީފް ބުންޏެވެ.

"މުޅިންވެސް ޕާސަނަލް ވާހަކަ އެހީ. ފެމެލީގައި ކިތައް ކުދިން ތިބޭތޯ އާއި އާއިލާ ބަލަހައްޓަނީ ތިބޭފުޅާތޯ. މިގޮތަށް މީނާ ސުވާލު ކުރަނީ. އެއްވެސް ވަރަކަށް އެހެން މައުލޫމާތެއް އެއްޗެއް ނާހާ،" އަބްދުއްލަތީފް ބުންޏެވެ.

"އޭރަކު އަޅުގަނޑަކަށް ނޭނގޭ މިވަނީ ކިހިނެއް ކަމެއް. އެކަމަކު ފަހުން މިކަން [އެކައުންޓުން ފައިސާތައް ނެގުމުން] އަޅުގަނޑަށް އެނގުނު އަޅުގަނޑު ފޯން އެވަގުތަށް [ޖީ މެއިލް ޕާސްވޯޑް ބަދަލުކޮށް، އެކައުންޓްތަކަށް ފައިސާ ޓްރާންސްފާ ކުރަން ވެގެން] ބިޒީކަން މިކުރީ."

https://sun.mv/170010

އެ ފޯންކޯލް ބޭއްވިތާ ގަޑިއިރުތަކެއް ވީ ފަހުން އޭނާ ރަށަށް ދިޔައެވެ. ގެއަށް ދިއުމާއެކު އަންހެނުން ބުނީ ޖީމެއިލްއަށް ނުވަދެވޭ ކަމަށެވެ. އެހެންވެ އޭނާ ކޮމްޕިއުޓަރުން ބަލާލިއިރު ޖީމެއިލްގެ ޕާސްވޯޑް އޮތީ ބަދަލުކޮށްފައެވެ. ނަމަވެސް އޭރު ވެސް މި ވާގޮތެއް އޭނާއަކަށް ނޭނގެއެވެ. އެހެންކަމުން އޭނާ ފޮގެޓް ޕާސްވޯޑަށް ގޮސްގެން ޖީމެއިލްގެ ޕާސްވޯޑް އަނެއްކާ ވެސް ބަދަލު ކުރިއެވެ.

މިކަން ހިނގުމުގެ ދެ ހަފުތާ ކުރިން އޭނާގެ ލޯންޗެއް ވަނީ ވިއްކާލާފައެވެ. އެއަށްވާ ފަސް ލައްކަ ރުފިޔާ ލަތީފަށް ވަނީ ޖަމާވެފައެވެ. އެހެންކަމުން ބޭންކުން ވަނީ އެއީ ކީއްވެ ޖަމާވި ފައިސާއެއްތޯ ސުވާލުކޮށް މެއިލްއެއް ކޮށްފައެވެ. ބެންކުން އެދުނީ އެ މުއާމަލާތުގެ ޑޮކިއުމެންޓް ބޭންކަށް ފޮނުވުމަށެވެ. ނަމަވެސް އެވަގުތު އޭނާ އެކަން ފަހުން ކުރަން ބެހެއްޓިއެވެ. އެއީ މި ހާދިސާ ހިނގުމުގެ އެއް ހަފުތާ ކުރިއެވެ.

ފޭރުމުގެ ކަންތައް ހިނގި ރޭ ލޯންޗްތަކަށް ތެޔޮ އަޅާ މީހުންނަށް ފައިސާ ފޮނުވުމަށްޓަކައި އަބްދުލްލަތީފް އިންޓަނެޓް ބެންކިންއަށް ވަންނަން މަސައްކަތް ކުރިއެވެ. ނަމަވެސް އުޅެއުޅެވެސް އެކަމެއް ނުވިއެވެ.

"އެހެންވެ ވަގުތުން މިކޮޅު ބްރާންޗަށް އަޅުގަނޑު ގުޅީ. ގުޅާފައި ބުނީ އިންޓަނެޓް ބެންކިންއަކަށް ނުވަދެވޭ ކީއްވެހޭ. ބުނީމަ ބުނީ އެއްވެސް މެއިލްއެއް ލިބުނުހޭ. ބުނީމަ އަޅުގަނޑު ކިޔައިދީފިން މިހެން މިހެން ވިއޭ. ބުނީމަ މިކޮޅު މެނޭޖަރު ވެސް ބުނީ ވެދާނޭ އެހެންވެ ކަމަށް. [ލޯންޗް ވިއްކި ކަމުގެ ޑޮކިއުމެންޓް ނުފޮނުވާތީ] ބްލޮކް ކޮށްލާފައި އިނީ ކަމަށް. އަޅުގަނޑުވެސް ވިސްނީ ބޭންކުން މި އިނީ ބްލޮކް ކޮށްފައޭ އެ މެއިލް ނުދާތީވެ. އެހެންވެ އަޅުގަނޑު އަވަހަށް މެއިލް ރަނގަޅު ކޮށްފައި ޑޮކިއުމެންޓް އެރޭ ފޮނުވާލީ،" އަބްދުއްލަތީފް ބުންޏެވެ.

އަނެއް ދުވަހު (30 އޮކްޓޫބަރު) ގައި އަބްދުލްލަތީފް ދިޔައީ މަހަށެވެ. ޅ. އަތޮޅުގައި އެންދަމަށް އުޅުނު ވަގުތު އޭނާ ބޭންކަށް ގުޅައި އެކައުންޓްގެ މައުލޫމާތު އެހިއެވެ. އެހުމާއެކު ބެންކުން ލިބުނު ޖަވާބުން އޭނާ ހުއްޓުން އެރިއެވެ.

"ބަލާލާފަ ބުނަނީ އެކައުންޓް ޒީރޯއޭ. އަޅުގަނޑު ބުނީ ވަގުތުން ކުންފުނި އެކައުންޓް ބަލާދޭށޭ. ބުނީމަ ބުނީ ކުންފުނި އެކައުންޓް ވެސް ޒީރޯއޭ. އަޅުގަނޑަކަށް ނޭނގުނު ހުރެވުނު ތަންވެސް،" އެ ހިތްދަތި ވަގުތު އަބްދުލް ލަތީފް ސިފަ ކޮށްދިނެވެ.

އެވަގުތު ޅ. އަތޮޅުގައި ހުރި އަބްދުއްލަތީފް ބޭބެއަށް ގުޅައި އެދުނީ ލޯންޗެއްގައި އޭނާ ދޯނި އޮތް ހިސާބަށް އައުމަށެވެ. އެއާއެކު އެ ލޯންޗަށް އަރައިގެން އޭނާ މަނަދޫއަށް ދިޔައެވެ.

https://sun.mv/167651

ބޭންކަށް ގުޅައި މައުލޫމާތު ސާފު ކުރުމުން އެނގުނު ގޮތުގައި އަބްދުލްލަތީފްގެ އަމިއްލަ އެކައުންޓުންނާއި ކުންފުނީގެ އެކައުންޓުގައި ހުރި މިލިއަނަކާ ގާތްކުރާ އަދަދެއްގެ ފައިސާ ހުރީ 25،000 ރުފިޔާއިން އެކި މީހުންގެ އެކައުންޓްތަކަށް ޖަމާކޮށްފައެވެ.

"އަޅުގަނޑުގެ ޑޮލަރު އެކައުންޓުން ވެސް ހުންނަނީ ރުފިޔާ އެކައުންޓްތަކަށް ޖަމާކޮށްފައި، 22،000 ޑޮލަރު ހަމަ އެއްކޮށް ހުންނަނީ ހަމަ ރުފިޔާ އެކައުންޓްތަކަށް ޖަމާކޮށްފައި،" އަބްދުއްލަތީފް ބުންޏެވެ.

އޭނާ އެންމެ ހައިރާންވާ ކަމަކީ އެކައުންޓުގެ މައުލޫމާތު ވެސް އަދި ކާޑުގެ މައުލޫމާތުގެ އިތުރުން ޖީމެއިލްގެ އެއްވެސް މައުލޫމާތެއް ވެސް ނުދެނީސް މި ޓްރާންސެކްޝަން ހެދި ގޮތެއް ނޭނގޭތީއެވެ. އޭނާ ބުނިގޮތުގައި ޖީމެއިލްގެ އޯޓީޕީ ވެސް އަންނާނީ އޭނާގެ ފޯނަށެވެ. އެކަމަކު ފޭރުނު މީހުން ޖީމެއިލްގެ ޕާސްވޯޑް ބަދަލުކުރިއިރު އޯޓީޕީ އެއްވެސް ނާންނަ ކަމަށް އޭނާ ބުންޏެވެ. އަދި ހެކް ކުރަން ފޮނުވާ ލިންކެއް ފަދަ އެއްޗަކަށް ވެސް ނުވަންނަ ކަމަށް ބުންޏެވެ.

"އަޅުގަނޑު އަތުން ލިބުނު އެއްވެސް އެއްޗެއް ނޯންނާނެ. ޖީމެއިލްއާ ބެހޭގޮތުން ވެސް. ނޫނީ އެކައުންޓާ ބެހޭގޮތުން ވެސް،" އަބްދުއްލަތީފް ބުންޏެވެ.

އޭނާ ބުނީ އޭނާގެ އެކައުންޓުން ފައިސާ ޖަމާކުރި އެކައުންޓްތަކުގެ ތެރެއިން ތިން މީހަކު ބެންކް މެދުވެރިކޮށް އޭނާއަށް ގުޅިކަމަށެވެ. އެއީ މި މައްސަލައާ ގުޅިގެން އެ މީހުންގެ އެކައުންޓްތައް ފްރީޒް ކޮށްފައިވާތީއެވެ.

އޭގެ ތެރެއިން އަހުމަދު ލަތީފް ކިޔާ މީހެއްގެ އެކައުންޓަށް 25،000 ރުފިޔާ ޖަމާކޮށް ނަގައި ދޭން މީހަކު އެދުމުން އެއީ ފްރޯޑެއްކަން އެނގޭތީ އެ ގުޅި މީހާ ގެނެސް ފުލުހުންނާ މިދިޔަ މަހުގެ 29 ވަނަ ދުވަހު ހަވާލުކޮށްފައިވާ ކަމަށް އަހުމަދު ލަތީފް ބުނެއެވެ. އަދި ހައްޔަރު ކުރި މީހާގެ ފޮޓޯވެސް ފޮނުވާފައި އެބަހުރި ކަމަށް އަބްދުއްލަތީފް ބުންޏެވެ. އަދި އެ މީހާ ފުލުހުން ހައްޔަރުކުރިއިރު އޭނާގެ ޖީބުގައި 25،000 ރުފިޔާ ހުރި ކަމަށް ވެސް އަހްމަދު ލަތީފާ ހަވާލާދީ އަބްދުއްލަތީފް ބުންޏެވެ.

ފުލުހުން ބުނީ މި މައްސަލަ މިދިޔަ މަހުގެ 29 ވަނަ ދުވަހު ހުށަހަޅާފައިވާ ކަމަށެވެ. އެ މައްސަލައިގެ ތުހުމަތުގައި 39 އަހަރުގެ ފިރިހެނަކު އެ ދުވަހު ހައްޔަރު ކޮށްފައިވާއިރު އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ބުންޏެވެ.

އަބްދުއްލަތީފް ބުނީ އޭނާގެ އެކައުންޓުން، އައްޑޫ ސިޓީ، މީދޫ ޒުވާނެއްގެ އެކައުންޓަށް ފައިސާ ޖަމާކޮށް ނަގައި ދިން ޒުވާނަކު އޭނާއަށް ގުޅި ކަމަށެވެ. އެ ޒުވާނާއާ ހަވާލާދީ އަބްދުއްލަތީފް ބުނީ އެ ޒުވާނާ އޭޓީއެމް ކައިރި ފައިސާ ނަގަން ގޮސް ހުއްޓާ އޭނާ ނުދަންނަ ދެ މީހަކު އައިސް ފައިސާ ނަގައި ދޭން އެދުމުން އޭނާ އެކަން ކޮށްދިނީ ކަމަށް އެ ޒުވާނާ ބުނި ކަމަށެވެ.

އަބްދުއްލަތީފް ބުނިގޮތުގައި މިހާތަނަށް ރިކަވާ ކުރަން ފޮނުވާފައި ވަނީ އަހްމަދު ލަތީފް ކިޔާ މީހާގެ އެކައުންޓަށް ޖަމާވި ފައިސާ އެކަނި ކަމަށެވެ. އިތުރު ފައިސާތައް އަދި ލިބޭގޮތެއް ނުވެއެވެ.

އަބްދުއްލަތީފް ބުނީ މިއީ ވަރަށް ބޮޑު ގެއްލުމެއް ކަމަށާއި ނަމަވެސް ވިޔަފާރި ނުހުއްޓި ކުރިއަށް އެބަގެންދާ ކަމަށެވެ.

އަބްދުއްލަތީފްގެ އެދުމަކީ ބޭންކުން ވެސް މިއަށް ވުރެ ބޮޑަށް ސަމާލުވުމަށެވެ. އެގޮތުން މީހެއްގެ އެކައުންޓުން އެއްފަހަރާ އެހާ ގިނަ އަދަދެއްގެ ފައިސާ ޓްރާންސްފާ ކުރާނަމަ ބޭންކުން ވެރިފަރާތަށް ގުޅައި ޔަގީން ކޮށްލުމަށް އޭނާ އެދެއެވެ. އޭނާގެ އެކައުންޓަށް ބޮޑު އަދަދެއް ޖަމާވާއިރަށް ބޭންކުން ގުޅާއިރު އެކައުންޓުން އެއް ފަހަރާ ގިނަ އަދަދެއްގެ ފައިސާ އެހެން އެކައުންޓްތަކަށް ފޮނުވިއިރު ނުހުއްޓުވީ ކީއްވެތޯ ލަތީފް ސުވާލު ކުރެއެވެ.

އިންޓަނެޓް ބޭންކު މެދުވެރިކޮށް އޮޅުވާލައިގެން ފޭރޭ މައްސަލަ ވަރަށް އިތުރެވެ. އެތައް ބައެއްގެ އަތުން އޮޅުވާލައިގެން އެތައް ބައިވަރު ފައިސާއެއް ވަނީ ފޭރިފައެވެ. މިކަން ގިނައިން ކުރަނީ އޮޅުވާލައިގެން މީހުންނަށް ގުޅައި ކޭޝްކާޑާއި ޖީމެއިލްގެ މައުލޫމާތު ހޯދައިގެންނެވެ. އެހެންކަމުން އިތުރު މީހަކާ ޖީމެއިލްގެ މައުލޫމާތު ވެސް އަދި ކޭޝްކާޑާއި އެކައުންޓްގެ މައުލޫމާތު ވެސް ހިއްސާ ނުކުރަން ކަމާބެހޭ ފަރާތްތަކުން އެދެއެވެ.

comment ކޮމެންޓް