ސްކޭމް ފްރޯޑެެއްގެ ތެރެއިން އެންމެ ރަށަކުން ފިތްކަނޑައިގެންދާ ވަރުގެ ބޮޑު ވައްކަންތަކެއް!

ބޭންކުގެ ނަމުގައި ގުޅައި ބޭންކު އެކައުންޓުގެ މައުލޫމާތު ހޯދަން މަސައްކަތްކުރާ ކޯލްތަކަކީ އާންމުވެފައިވާ ކަމެކެވެ. އެ ކަންކަމާމެދު މީހުން ހޭލުންތެރިކުރުމުގެ ގޮތުން ފުލުހުންނާއި ބޭންކުތަކުން އިސްނަގައިގެން ވެސް ހޭލުންތެރިކުރުވުމުގެ އެކި ޕްރޮގްރާމްތައް ހިންގައެވެ. އެފަދަ ކަންކަމާ ގުޅުންހުރި މައުލޫމާތުތައް ފޯރުކޮށްދެއެވެ.

ނަމަވެސް އެ ކަންކަމަށް އަދިވެސް އެކަށީގެންވާ މިންވަރަށް އެކަށީގެންވާ މިންވަރަށް ހޭލެވިފައެއް ނުވެއެވެ. ފައިސާ ފޭރުމުގެ މަސައްކަތްކުރާ މީހުންގެ ހުނަރުވެރިކަން މާ މޮޅީއެވެ.

ރ. މަޑުއްވަރި --

ސްކޭމްގެ ތެރެއިން އެންމެ ރަށަކުން ލައްކައަކަށްވުރެ ގިނަ ރުފިޔާ!

މިފަދަ މައްސަލަތައް ދުވަހުން ދުވަހަށް އިތުރުވަމުން އަންނައިރު "ސަން" އިން އެއްކުރި މައުލޫމާތުތަކުންވަނީ ފާއިތުވި ދެ މަސް ދުވަހުގެ ތެރޭ އެއް ރަށަކުން ގިނަ ބައެއްގެ އަތުން ލައްކައަކަށްވުރެ ގިނަ ރުފިޔާ ސްކޭމްތަކުގެ ތެރެއިން ފޭރިގަތް މައްސަލަތަކެއް ފާހަގަވެފައެވެ.

ރ. މަޑުއްވަރީގެ ރައްޔިތުންތަކަކަށް ކުރިމަތިވި މި ހާދިސާވީ އެ މީހުންނަށް ލިބުނު ބޮޑު ގެއްލުމަކަށެވެ. އެގޮތުން 12،000އަށްވުރެ ގިނަ ރުފިޔާ އެ ރަށުގެ އާންމު ރައްޔިތެއްކަމަށްވާ އަހްމަދު ހުސައިން ފުޅު (އަސްލު ނަމެއް ނޫން) ވަނީ އޭނާއަށް ކުރިމަތިވި ކަންކަން "ސަން"އަށް ކިޔައިދީފައެވެ.

"އޮކްޓޯބަރު 29ވަނަ ދުވަހުގެ މެންދުރު 12:45ގައި އަންނަނީ ފޯން ކޯލެއް. ފޯން ކޯލުގައި މި ބުނަނީ ތި ބޭފުޅާއަށް ހުޅުމާލެ ފޭސް ދޭއްގެ ހިޔާ ފްލެޓުން މިވެނި ޓަވަރަކުން ތިން ކޮޓަރީގެ އެޕާޓްމަންޓެއް ލިބިއްޖެޔޭ. މައިގަނޑު ގޮތެއްގައި ހިޔާ ފްލެޓުގެ އެޕާޓްމަންޓުގެ ވާހަކަ ދެއްކީ. ދެން މި ބުނަނީ ނޮވެމްބަރު މަހުގެ 10ވަަނަ ދުވަހު އޮންނާނޭ ހަވާލުކުރެވުމުގެ ރަސްމިއްޔާތު،" އޭނާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި އޭނާއަކީ ހިޔާ ފްލެޓަށް ކުރިމަތިލީ މީހެއް ނޫންކަން ޚުދު އޭނާއަށް ވެސް އެނގެއެވެ. ނަމަވެސް އެ ފޯން ކޯލުގައި އޭނާ ހުރީ އެ ކޯލު ކުރި ފަރާތުން ދައްކާ ވަހަކަތައް އަޑުއެހުމަށެވެ. އަދި އެ ވާހަކަ ކުރިއަށް ގެންގޮސް ދެން ފޮނުވާލަނީ ލިންކެއްކަމަށް ހުސައިން ފުޅު ބުންޏެވެ.

"ޖީ އަކުރެއް ކުރިއަށްލާފައި ހިސާބު އަކުރުތަކެއް ހުންނަ ލިންކެއް މި ފޮނުވާލަނީ. ދެން އެހާ ބޮޑަށް އެކަމަށް ސަމާލުކަން ނުދެވުނީމަ ދިމާވިކަމެއް އަސްލު މި ކަމަކީ. ދެން ފޯނު ކަނޑާލީ. ދެން ފޮނުވައިފައި އޮތް މެެސެޖު އަޅުގަނޑު އޯޕަންކޮށްލީ. އޯޕަންކޮށްލިިއިރަށް ބުނަނީ ކޮންޓިނިއުކުރާށޭ. ދެން ކޮންޓިނިއުނުކޮށް ހަމަ ބެކަށް ގޮސްފައި ޑިލީޓްކޮށްލީ. އަނެއްކާ ވެސް ހަމަ ދެވަނަ ފަހަރަށް ވެސް ހަމަ އެ ނަމްބަރުން އަޅުގަނޑަށް ގުޅީ، ގުޅީމަ ދެން އަޅުގަނޑެއް ފޯނެއް ނުނަގަން،" އޭނާ ބުންޏެވެ.

އޭގެފަހުން އޭނާވަނީ ބައެއް އެހެނިހެން މުއާމަލާތްތައް އޭނާގެ ބޭންކް އެކައުންޓު މެދުވެރިކޮށް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން އެކައުންޓަށް 11،000 ރުފިޔާ ޖަމާކުރުމަށްފަހު 3،380 ރުފިޔާގެ މުއާމަލާތެއް އޭނާ ހިންގައިފައިވެއެވެ. އަދި އޭގެ ފަހުން އެ ދުވަހުގެ ރޭ އޭނާގެ އެކައުންޓަށް 1،500 ރުފިޔާވަނީ ޖަމާކޮށްފައެވެ.

"އަނެއް ދުވަހު ހެނދުނު އަޅުގަނޑު ފިހާރައަަކަށް ދިޔައީ ރަބަރު ހޮޅިކޮޅެއް ގަންނަން. 10 ފޫޓު ހޮޅި ނަގައިފައި 90 ރުފިޔާ ޓްރާންސްފާކުރަން ހުޅުވާލިއިރު، އެކައުންޓުގައި އޮތީ މި ބުނާ ކުރީ ރޭ ޖަމާކުރި 1500 ރުފިޔާ އެކަނި. 7،700 ރުފިޔާގެ ޓްރާންސެކްޝަނެއް އޮންނަނީ އަޅުގަނޑަށް ނޭނގި ހަދައިލައިފައި،" ހުސައިން ފުޅު ބުންޏެވެ.

ހަމައެއާއެކު އެންމެ ކޯލަކުން ލައްކައަަކަށްވުރެ ގިނަ ރުފިޔާ އެ ރަށު މީހެއްގެ އަތުން ގެއްލިފައިވާކަން ވެސްވަނީ އެނގިފައެވެ. އެތައް ދުވަހެއްގެ މަސައްކަތުން އެއްކުރި އެ ފައިސާ އަތުން ގެއްލެން ނެގީ މަދު ވަގުތުކޮޅެކެވެ.

ތުހުމަތުގެ އިނގިލި ބައެއް ބޭންކުތަކަށް

ފައިސާގެ މައްސަލަތަކަކީ އެ ކަމުގައި ބޭންކުގެ މާ ބޮޑު ދައުރެއް ނެތި ވެސް މެދުވެރިވެދާނެ ކަމެކެވެ. އެގޮތުން ޒާތީ މައުލޫމާތު ހިއްސާކޮށް، އެފަދަ މައުލޫމާތު ހެކުކުރެވޭފަދަ ގޮތަށް ފަރުމާކުރެވިފައި ހުންނަ ގޮތް ނޭނގޭ ލިންކުތަކަށް ވަނުމަކީ ވެސް ނުރައްކާތެރި ކަމެކެވެ.

އެހެންނަމަވެސް މަދުން ނަމަވެސް ބޭންކުތަކުގެ ތެރެއިން އެފަދަ ގިނަ ހާދިސާތަކެއްގައި ވައްކަމުގެ ދައުރު އަދާކުރާކަމުގެ ތުހުމަތު ބައެއް މީހުން ކުރެއެވެ.

އެގޮތުން ރ. މަޑުއްވަރީގައި އެއް ދުވަސްވަރެއްގައި ފައިސާ ފޭރުމުގެ ކަންކަން ކުރެވުނުއިރު އެފަދަ އިތުރު ހާދިސާއެއް ކުރިމަތިވި އެ ރަށު ހުސައިން އަލީ "ސަން" ކިޔައިދިން ގޮތުގައި އޭނާއަށް އޯޓީޕީ ނުވަތަ އެފަދަ އެއްވެސް ލިންކެއް ލިބިފައިނުވެއެވެ.

"އަޅުގަނޑުމެންގެ އެކައުންޓުތަކުގައި ހުންނަ ފައިސާ ބަޔަކު ދީގެން ގެންދާކަމަށް އަޅުގަނޑަށް ބޮޑަށް ގަބޫލުކުރެވެނީ. އަޅުގަނޑުގެ އެކައުންޓުގެ މައުލޫމާތު ސީދާ ބޭންކުން ދީގެން ނޫނީ ނުގެންދެވޭނެ،" އޭނާ ތުހުމަތުކުރެއެވެ.

އޭނާ ބުނި ގޮތުގައި އޭނާގެ އެކައުންޓެއްގައި ހުރި ފައިސާ ގެއްލުނީ ހުކުރު ދުވަހެއްގައެވެ. އަދި އެ ދުވަހަކީ އޭނާ މަސައްކަތު ނުދާ ދުވަހެއްކަމުން ގޭގައި މަޑުކުރާ ދުވަހެކެވެ. އޭނާގެ އެކައުންޓުން އެހެން އެކައުންޓަކަށް ޖަމާވީ 5،000 ޑޮލަރެވެ. އެ މައްސަލައިގައި ފުލުސް އޮފީހަށް ދިއުމުން ބޭންކުން ދިން ބަޔާނުގައި އެކި ފަހަރު ދެއްކި ވަހަކަ ދިމާނުވާކަމަށް އޭނާ ބުނެއެވެ.

"ފުލުހުންގެ އިދާރާއަށް ގޮސް ފުލުހުން މެދުވެރިކޮށް ގުޅީމާ އެ ބޭންކުން ދެން ނެގި ކުއްޖާ ބުނީ ފުލުހުންގެ ބަޔާނުގައި ޖަހަން ޖެހެޔޭ ކޮން އެކައުންޓަކުން ކޮން އެކައުންޓަކަށްތޯ. އެ ބޭންކުން ބުނީ އައިޝާ ހުސައިންގެ ނަމުގައިވާ ޖޮއިންޓް ވެންޗާ އެކައުންޓަކަށް އެބަހުއްޓޭ އެ 5،000 ޑޮލަރު ޓްރާންސްފާކޮށްފައި. އޭގެ މާނައަކީ އެ 5،000 ޑޮލަރު އެއިނީ ސޭވް ވެފައޭ، ހެކަރަކަށް ނުވަތަ އެ ނަގަން އުޅޭ ބަޔަކަށް ނުވަތަ ބޭންކުން ދޭން އުޅޭ ބަޔަކަށް ނުދެވެއޭ،" އަލީ ބުންޏެވެ.

ނަމަވެސް އޭނާ ބުނީ ހުކުރަށްފަހު ބަޔާން ދިން އިރު އެ ބޭންކުން އެއީ އޮޅުމެއްކަމަށް ބުނިކަމަށެވެ. އަދި ގިނަ ކަންތައްތަކާމެދު އޭނާ ސުވާލު އުފެއްދިއެވެ.

"އެ ބޭންކަށް މޮޅު އަސްލު. އެއީ ޑޮލަރު ގެންދަނީ ދިވެހި ފައިސާ އެކައުންޓަކަށްވީމާ ބޭންކަން އެ ޑޮލަރު ގަނެވޭނެ 15.42ގެ ރޭޓުން. ދެން އަޅުގަނޑު ދެންނެވީ ބޭންކުން 7،000ނުވަތަ 8،000 ޑޮލަރު އެެހެން އެކައުންޓަކަށް ޓްރާންސްފާވި އިރު ކީއްވެހޭ ބޭންކުން ގުޅައިފައި އަހައިނުލީ؟ އަޅުގަނޑުމެން އެކައުންޓަށް 20،000 ރުފިޔާ ޖަމާވާއިރަށް އެބަ ބުނޭ ކޮންތާކުން ޖަމާވި ކޮން ފައިސާއެއްތޯ،" އޭނާ ބުންޏެވެ.

މީގެ އިތުރުން އޭނާވަނީ އެ މައްސަލައާ ގުޅިގެން އެ ބޭންކަށް ސިޓީ ފޮނުވައިފައެވެ. ނަމަވެސް އަދިވެސް އެ ސިޓީއަށް ޖަވާބެއް ލިބިފައިނުވާކަމަށް އޭނާ ބުންޏެވެ.

ރާއްޖޭގެ ގިނަ ބަޔަކު ރާއްޖެއިން ބޭރުގެ ގިނަ ބޭންކުތަކާއި ރާއްޖޭގައި ހުންނަ ގިނަ ބޭންކުތަކުގައި އެކައުންޓުތައް ހުޅުވައިފައި ހުރެއެވެ. އަދި އެފަދަ ބައެއް މައްސަލަތައް އާންމުންގެ ފަރާތުން މަދުންނަމަވެސް ފެންމަތިވެއެވެ.

ގެއްލޭ ފައިސާ ހޯދަން އުނދަގޫ

ފައިސާ ފޭރުުމުގެ މަގްސަދުގައި ކުރާ ސްކޭމް ކޯލްތަކާއި މެއިލްތަކާއި ލިންކުތަކަށް ވަދެވުމުގެ ސަބަބުން އެކައުންޓުގެ މުހިންމު މައުލޫމާތުތައް ވައްކަން ކުރާ މީހުންނަށް ލިބެން މަގުފަހިވެއެވެ.

މިފަދަ ކަމެއް މެދުވެރިވުމުން ވަގުތުން މައްސަލަ ފުލުހުންނަށް ހުށަހަަޅައި، ބޭންކުގެ ސަމާލުކަމަށް ގެނައުމަކީ މުހިންމު ކަމެކެވެ.

ނަމަވެސް މިފަދަ ވައްކަންތަކުން ގެއްލޭ ފައިސާއަކީ އަލުން އަނބުރާ ހޯދަން އުނދަގޫ ފައިސާއެވެ.

އެގޮތުން އެއް އެކައުންޓުން އަނެއް އެކައުންޓަކަށް ނޭނގި، ނުވަތަ އޮޅުމަކުން ފައިސާ ޓްރާންސްފާކުރެވުނު ނަމަވެސް ބޭންކަށް އެ ފައިސާ އަލުން ހޯދޭނީ އޭގެ ބޭނުން ނުކުރާނަމައެވެ.

ރައްކާތެރިވުމުގެ ގޮތުން ކުރެވޭނީ ކޮން ކަމެއް؟

ބޭންކުގެ ނަމުގައި ފޮނުވާ މެސެޖުތަކުން ރައްކާތެރިވުމުގެ ގޮތުން ކުރެވެން ހުރި ކަންކަން ކުރުމަށް ޚާއްސަ ސަމާލުކަމެއް ދޭންޖެހެއެވެ. މި މައްސަަލައާމެދު ހޭލުންތެރިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް އަދި ވެސް ހޭނުލެވެއެވެ.

އެއްވެސް ބޭންކަކުން މެއިލް ފޮނުވައި އެއަށް ލޮގިންވެ އެކައުންޓު ވެރިފައިކުރާކަށް ނާނގާނެއެވެ. އަބަދުވެސް ބޭންކުތަކުން ދަނީ އާންމުން ހޭލުންތެރިކުރުމަށް އެކަން ހަނދާންކޮށްދެމުންނެވެ. އަދި އެފަދަ ލިންކުތަކާއި މެއިލްތައް ނުހުޅުވައި ވަގުތުން ޑިލީޓުކުރުމަކީ މުހިންމު ކަމެކެވެ.

ހަމައެއާއެކު ޒާތީ މައުލޫމާތު ހޯދަން މަސައްކަތްކުރާ އަދި ބޮޑެތި އިނާމުތައް ލިބޭނެކަމަށް ބުނެ ކުރާ ކޯލްތަކަށް ސަމާލުވާންޖެހެއެވެ. އާންމުކޮށް ފޭރޭ މީހުން ގުޅައި އުޅޭނީ މޯބައިލް ނަމްބަރުތަކުންނެވެ.

މިފަދަ ސައިބާ ކްރައިމްތަކުން ލިބޭ ގެއްލުން އަދިވެސް ހޭލުންތެރިކުރެވޭނީ އާންމުން ހޭލުންތެރިވެގެންނެވެ. ލައްކައަކަށްވުރެ ގިނަ ރުފިޔާ އެންމެ ފޯނު ކޯލަކުން ފޭރިގަނެވޭނީ އާންމު ރައްޔިތުން މީހާ ހޭލުންތެރިނުވާތީއެވެ. އާންމު ރައްޔިތުން ބޭންކުތަކުގައި ރައްކާކުރާ ފައިސާ ވަގުން މިގޮތަށް ފޭރޭތީ ރައްޔިތުން ބޭންކުތަކަށް ކުރާ އިތުބާރު ކުޑަވެއެވެ. ވައްކަންކޮށް ފޭރޭ މީހުންނަށް ހުރި މިފަދަ ފުރުސަތުތައް ބަންދުކުރުމަށް ބޭންކުތަކުން އިސް ނަގައިގެން ދައުލަތުގެ ކަމާބެހޭ އިދާރާތަކާއި ރައްޔިތުންނާ ގުޅިގެން ޚާއްސަ މަސައްކަތްތަކެއް ކުރަން މިއަދު ވަނީ މަޖުބޫރުވެފައެވެ.

comment ކޮމެންޓް