އެހީތެރިވާން އުޅެގެން އެތައް ބައެއްގެ އެކައުންޓް ފްރީޒް ވަނީ

ބީއެމްއެލްގެ އޭޓީއެމްއަކުން މީހަކު ފައިސާ ނަގަނީ --- ފޮޓޯ: ބީއެމްއެލް

އަސްހަދު އަލީއަށް ނުދަންނަ ނަމްބަރަކުން މީހަކު ގުޅައި ވަރަށް ގާތް ރައްޓެއްސަކަށް ވެގެން ވާހަކަ ދެއްކިއެވެ. ނަމަވެސް އަސްހަދު އަހާ އަހާ ވެސް އެކޮޅުން ގުޅި މީހާއަކީ ކާކުކަމެއް ކަމެއް ނުބުންޏެވެ. "މިހާރު ދެން އެނގޭ ކަމަށް ވެސް ނުހަދަނީ ދޯ" މިފަދަ ވާހަކަ ދައްކައި އޭނާ ހަމަޖައްސާލިއެވެ. ހާލު އަހުވާލު ބެލުމަށް ފަހު އޭނާ ފޯން ބޭއްވިއެވެ. ދެން ގުޅީ އެ ދުވަހުގެ ހަވީރުއެވެ.

ރައްޓެއްސަކަށް ވެގެން އެކޮޅުން ގުޅި މީހާ ފަހުން ގުޅިއިރު ހުރީ ވަރަށް ހާސްވެފައެވެ. ކަންބޮޑުވުމުގެ ރާގަކަށް އޭނާ އެދުނީ ކަމެއް ކޮށްދިނުމަށެވެ. މަންމަ ވަރަށް ބަލިވެ އެޑްމިޓް ކޮށްފައިވާ ކަމަށް ބުންޏެވެ. އަދި އޭނާ ރިސޯޓްގައި ހުރުމުގެ ސަބަބުން މަންމައަށް ފައިސާއެއް ހަވާލު ކޮށްދިނުމަށް އެހީތެރިވެ ދިނުމަށް އެދުނެވެ. އެގޮތުން އަސްހަދުގެ އެކައުންޓް ނަމްބަރު ދިނުމަށާއި އޭނާ އެ އެކައުންޓަށް ފައިސާ ޖަމާ ކުރުމުން އެ ފައިސާ އޭޓީއެމްއަކަށް ގޮސް ނަގައި އޭނާ ބުނާ މީހަކާ ހަވާލު ކޮށްދިނުމަށް އެދުނެވެ. ރައްޓެއްސަކު މިވަރުގެ ކަމަކަށް އެދުމުން އަވަހަށް އެކަން ކޮށްލަދޭން އަސްހަދު ބޭނުންވިއެވެ.

"އޭނާއަށް ވަގުތުން އަހަރެން އެކައުންޓް ނަމްބަރު ފޮނުވައިފިން. ފޮނުވިތާ ނުވާނެ ކުޑައިރު ކޮޅެއް ވެސް އެކޮޅުން ފައިސާ ޖަމާކޮށްފައި ސްލިޕް ވައިބާ ކޮށްފި. 15000 ރުފިޔާ. ދެން ހަމަ ވަގުތުން ގުޅައިފި. ގުޅާފަ ބުނީ އައިޖީއެމްއެޗް ކައިރިއަށް ގޮސް ނަމްބަރަކަށް ގުޅަން،" އަސްހަދު ކިޔައިދިނެވެ.

"ދެން ހަމަ އިރުއިރުކޮޅާ ގުޅާ. އަހަރެން އޭޓީއެމްއިން ފައިސާ ނަގައިގެން އައިޖީއެމްއެޗް ކެންޓީން ފަޅިއަށް ގޮސް ގުޅިތަނާ މީހަކު އަތުވެއްޖެ. ދެން މަ ލާރި ދީފައި ނައްޓާލީ."

ދެ މީހަކު ފައިސާގެ މުއާމަލާތެއް ކުރަނީ: ނުދަންނަ މީހުންނާއެކު ފައިސާގެ މުއާމަލާތްތައް ކުރުން ހުއްޓާލަން ޖެހޭ-- ސަން ފައިލް ފޮޓޯ

މީހަކަށް ކަމެއް ކޮށްދެވުމުގެ ހިތްހަމަ ޖެހުމާއެކު އަސްހަދު ގެއަށް ދިޔައެވެ. އޭރު މިވަނީ ކިހާ ވަރެއްގެ ކަމެއް ކަމެއް އޭނާއަށް ކުޑަކޮށް ވެސް ނޭންގެއެވެ. އޭގެ އަނެއް ދުވަހު ކޮފީއަކަށް ގޮސް ބިލް ދައްކަން އުޅެއުޅެ އެކަމެއް ނުވިއެވެ. އޭނާ ހީކުރީ އިންޓަނެޓް ބެންކިންގައި މައްސަލައެއް އުޅެނީ ކަމަށެވެ. ބެންކް ދެކެ އަރައިގަތް ރުޅިން ވަގުތުން ބެންކަށް ގުޅިއެވެ. ހިދުމަތާ ބެހޭ ގޮތުން ޝަކުވާ ކުރުމަށެވެ. ނަމަވެސް ބެންކުން ލިބުނީ ހައިރާން ކުރުވަނިވި ޖަވާބެކެވެ. ބެންކް މެދުވެރިކޮށް ހިންގާފައިވާ ސްކޭމެއްގައި ބައިވެރިވެފައިވާތީ އެކައުންޓް ފްރީޒު ކުރި ވާހަކައެވެ.

"ބެންކުން ބުނީ ސްކޭމެއްގެ ލާރިއޯ އަހަރެންގެ އެކައުންޓަށް އެ ޖަމާވީ. އެ ފައިސާ އޯ އަހަރެން ނަގާފައި އެ ހަވާލު ކުރީ. މަ ހަމަ ޝޮކަށް ދިޔައީ. މީގެ ކުރިން އަޑުއިވެނީ ކާޑު ނަމްބަރާއި އިންޓަނެޓް ބެންކިން ޑީޓެއިލްސް ހޯދަން ގުޅާވާހަކަ ސްކޭމް ހިންގާ މީހުން. ހިޔެއް ނުކުރާނެ ދޯ ސްކޭމެއްގެ ބަޔަކު އަހަރެންނަށް ފައިސާ ޖަމާ ކޮށްފާނެ ކަމަކަށް. މީގެ ކުރިން މުޅިން އޮޅުވާލައިގެން ފައިސާ އަތުލާ ވާހަކަ އަޑުއަހާފައި އޮތީ. ޖަމާ ކުރާ ކަމެއް ނޭންގޭ،" އަސްހަދު ބުންޏެވެ.

އޭގެ ފަހުން މަހެއް ވީއެވެ. އޭނާގެ އެކައުންޓް އަދިވެސް ފްރީޒު ވުމުގެ ސަބަބުން ފައިސާގެ އެއްވެސް މުއާމަލާތެއް ނުކުރެވެއެވެ. ބޭންކުން އޭނާއަށް އެންގީ އެކައުންޓް ދޫކޮށްލެވޭނީ ސްކޭމުން ޖަމާކުރި އަދަދު އަނބުރާ ދެއްކުމުން ނުވަތަ އެ ސްކޭމް ހިންގުމުގައި އޭނާގެ ބައިވެރިވުމެއް ނެތް ކަމަށް ފުލުހުން މައްސަލަ ނިންމުމުން ކަމަށެވެ.

މިފަދަ އުޅެނީ އެންމެ މައްސަލައެއް ނުވަތަ ދެ މައްސަލައެއް ނޫނެވެ. ރައްޓެހިންނަށް ވެގެން ގުޅާ، ސްކޭމްތަކުގެ ފައިސާ ޖަމާކުރުމުން އެކަން ނޭންގި އެ ފައިސާ ނަގައި ހަވާލުކޮށްގެން އެތައް ބައެއްގެ އެކައުންޓް ފްރީޒް ކޮށްފައި އެބަހުއްޓެވެ. އަދިވެސް ދަނީ އެކަން ހިނގަމުންނެވެ. އެ މަޅީގައި ޖެހި ލަނޑު ލިބިފައިވާ ބައެއް މީހުން މި ނޫހާ ވެސް ވާހަކަ ދެއްކިއެވެ.

މިއީ ސްކޭމްތައް މެދުވެރިކޮށްގެން ހޯދާ ފައިސާ ނެގުމަށް މިހާރު އެންމެ އާއްމުކޮށް އަމަލު ކުރާގޮތެވެ. ސްކޭމްތަކުން ފައިސާ އާއްމުކޮށް ހޯދަނީ ދެގޮތަކަށެވެ. އެއްގޮތަކީ މީހުންނަށް ގުޅައި އެ މީހުންގެ މެއިލްއާއި ކާޑުގެ އިތުރުން އޯޓީޕީ ކޯޑާއި އެހެން ވެސް ޒާތީ މައުލޫމާތުތައް ހޯދައިގެން އިންޓަނެޓް ބެންކިންއަށް ވަދެގެން ފައިސާތައް ފޭރުމެވެ. އަނެއް ގޮތަކީ ކޮންމެވެސް ޕްރޮމޯޝަނަކުން ހޮވިއްޖެ ކަމަށް ބުނުން ނުވަތަ ފްލެޓް ލިބިއްޖެ ކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ހޯދުމެވެ. އެ ގޮތްގޮތަށް ވަގުން ހޯދާ ފައިސާ އެ މީހުން ނެގުމަށް އެންމެ އާއްމުކޮށް ބޭނުން ކުރާ ގޮތަކީ އަސްހަދު އެ ބޭނުން ކުރިގޮތެވެ. އަނެއްބައި ފަހަރު ތަކެތި ވެސް ގަނެއެވެ.

"އެކި މީހުންގެ އެކައުންޓުން އޮޅުވާލައިގެން ހޯދާ ފައިސާ އެހެން މީހުންގެ އެކައުންޓަށް މި ޖަމާ ކުރަނީ. ޖަމާކޮށްފައި މިބުނަނީ ތިމަންނަގެ ކާޑު މުއްދަތު ހަމަ ވެފައި އޮތީމައޭ މިފައިސާ ނަގާ ދޭށޭ. އަސްލު އެހެން އެ މީހުން އެ ހަދާގޮތަކީ ހުރިހާ އޭޓީއެމްއެއްގައި ވެސް މި ހުންނަނީ ކެމެރާ ހަރުކޮށްފައި. އެހެންވެ އެ މީހުން ފައިސާ ނަގަން ގޮސްފިއްޔާ އެނގޭނެތާ ކޮން ބައެއްކަން. އެހެންވެ މީހުން ލައްވާ މި ނަގުވަނީ،" މިފަދަ ކޭސްތައް ތަހުގީގު ކުރާ ބޭފުޅަކު ވިދާޅުވިއެވެ.

މިފަދަ ކޭސްތައް އެންމެ އާއްމުކޮށް މާލޭގައި ހިންގާއިރު އަތޮޅުތެރެއިން ވެސް ބޮޑެތި ރަށްރަށުގައި އެކަން އެގޮތަށް ދަނީ ހިންގަމުންނެވެ. ސްކޭމް ޓާގެޓް ކުރާ މީހުންގެ ތެރޭގައި ވަކި އުމުރެއް އަދި ޖިންސެއް ނުބަލައެވެ. އެކި އުމުރުގެ ގިނަ ބަޔަކު މި މަޅީގައި އެބަޖައްސައެވެ.

"ވަރަށް އެޑިއުކޭޓެޑް މީހުން ވެސް އެބަތިބި ލަނޑު ލިބިފައި. ހުށަހެޅޭ ކޭސްތަކަށް ބަލާއިރު ފާހަގައެއް ނުކުރެވޭ ވަކި އުމުރުން ދުވަސްވީ މީހުންނަށް ކަމެއް ޓާގެޓް ކުރަނީއެއް،" ތަހުގީގު ކުރާ ބޭފުޅާ ވިދާޅުވިއެވެ.

މިކަމުން ސަލާމަތް ވެވޭނީ ކިހިނެއް؟

ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު ވިދާޅުވިގޮތުގައި މިފަދަ މައްސަލަތައް ބެންކަށް ވެސް ވަނީ ފާހަގަވެފައެވެ. އެފަދަ ކަންކަން ހުއްޓުވުމަށް ކުރަން ޖެހޭ އެންމެ މުހިންމު ކަމަކީ ކާކުކަން ކަށަވަރު ނުވާ މީހުންނާއެކު ފައިސާގެ އެއްވެސް މުއާމަލާތެއް ނުކުރުން ކަމަށް ސައީދު ވިދާޅުވިއެވެ.

"ފައިސާގެ މުއާމަލާތްތައް ކުރުމުގައި އެންމެ މުހިންމުކަމަކީ މުއާމަލާތްކުރެވޭ ފަރާތް ދެނަގަތުން. އަދި އެކުރެވޭ މުއާމަލާތުގެ ސައްހަކަންވެސް ކަށަވަރުކުރުން. މި ގޮތަށް އަމަލުކުރެވޭނަމަ މިފަދަ މައްސަލައެއް ކުރިމަތިނުވާނެ." ސައީދު ވިދާޅުވިއެވެ.

" ކާކުކަން ނޭނގޭ ފަރާތްތަކާ އެކު ފައިސާގެ މުއާމަލާތްތައް ނުކުރުމަށް އަޅުގަނޑުމެން އިލްތިމާސްކުރަން. އެއީ ފައިސާ ފޮނުވުމަށްކަމުގައިވިޔަސް އަދި ފައިސާ ލިބިގަތުމަށް ކަމުގައިވިޔަސް. އެންމެހާ ފަރާތްތަކުން ވެސް އިތުރަށް ސަމާލުވެ، މިފަދަ ކޯލްތަކަށް ޖަވާބުދާރީ ނުވުމަށް އިލްތިމާސްކުރަން. ޒާތީ މައުލޫމާތާއި އެކައުންޓާ ބެހޭ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކާ ހިއްސާ ނުކުރުމަށް ވެސް މި ފުރުސަތުގައި ދަންނަވާލަން." ސައީދު އިތުރަށް ވިދާޅުވިއެވެ.

ދިވެހިރާއްޖޭގައި ހެދިފައިވާ ބޭންކިންގ ގާނޫނާއި ގަވައިދުތަކަށް ބަލާއިރުވެސް އެ މީހެއްގެ އެކައުންޓަށް ޖަމާވާން ޖެހޭނީ އެ މީހެއްގެ ފައިސާއެވެ. ނުވަތަ އެ މީހަކަށް ލިބޭ އާމްދަނީއެކެވެ.

އެއްގޮތް ފަޅާއަރަނިކޮށް އަނެއް ގޮތެއް ހަދައި ސްކޭމްތައް ވަރަށް ފުޅާކޮށް ކުރިއަށް ގެންދާއިރު އެކަން އަސްލު ކުރާ މީހުން ދެނެގަތުމަށް ކަމާބެހޭ ފަރާތްތަކަށް ވެސް ގޮންޖެހުންތައް ބޮޑެވެ. މިފަދަ ފޭރުންގެ އަމަލުތައް ހިންގަނީ ކޮންބައެއްކަން ފުލުހުން ވެސް ރަސްމީކޮށް ހާމައެއް ނުކުރެއެވެ.

ބެންކްތަކާއި ކަމާބެހޭ އިދާރާތަކާއި މީޑިއާތަކުން ކިތަންމެ ވަރަކަށް ހޭލުންތެރި ކުރިނަމަވެސް މިފަދަ ސްކޭމްތަކުގެ މަޅީގައި އެތައް ބަޔަކު ދަނީ ޖެހެމުންނެވެ. އުމުރު ދުވަހު ބުރަ މަސައްކަތުން ހޯދާފައި ހުރި ފައިސާތައް ގެއްލެމުން އެބަދެއެވެ. މިފަދަ ކަންކަން ހުއްޓުވޭނީ އަމިއްލައަށް ވެސް ހޭލުންތެރިވެގެންނެވެ. ދުނިޔޭގެ އެދުން ކިތަންމެ ބޮޑުވިނަމަވެސް ނުދަންނަ މީހަކު ގުޅާފައި ފްލެޓެއް ނުވަތަ އެހެން އެއްޗެއް ވެސް ލިބިއްޖެ ކަމަށް ހަމަ ބުނުމާއެކު ބެންކް ޑީޓެއިލްސްއާ އެފަދަ އެހެން މައުލޫމާތުތައް ދިނުން ހުއްޓާލަން ޖެހެއެވެ.

ހަމައެކަނި ސަމާލުވާންވީ އެކައުންޓާއި ކާޑުގެ މައުލޫމާތު ނުދިނުމަކަށް ނޫންކަން އަސްހަދުގެ ކޭސްއިން ވެސް އެނގެއެވެ. ނުދަންނަ މީހުންނާ ފައިސާގެ މުއާމަލާތްތައް ކުރުން ވެސް ހުއްޓާލަން ވީއެވެ. ނޫނީ ހެޔޮ ކަމެއް ކޮށްދޭން އުޅެގެން ލަނޑު ލިބޭނީއެވެ.

comment ކޮމެންޓް