އަސްކަރީގޮތުން ރަޝިއާ ބަލިކުރުމަކީ ޔޫކްރެއިންއަށް ކުރެވޭނެކަމެއް ނޫންކަމަށް ބަލައި އެމެރިކާގެ ސިޔާސަތަށް ބަދަލުގެންނަނީ

ޔުކްރެއިންގެ ރައީސް ޒެލެންސްކީ

ވޮޝިންޓަން (7 ނޮވެމްބަރު 2022): ޔޫކްރެއިން ހަނގުރާމައާގުޅޭ ސިއްރު ވާހަކަތަކެއް އެމެރިކާއާއި ރަޝިއާއިން ދައްކައިފިކަމަށް އެމެރިކާގެ ނޫހެއްކަމަށްވާ "ވޯލްސްޓްރީޓް ޖާނަލް" އިން ހާމަކޮށްފިއެވެ.

ނަންހާމަކުރަން ނޭދޭ އެމެރިކާގެ މަސްއޫލުވެރިއަކާ ހަވާލާދީ އެ ނޫހުން ބުނާގޮތުން އެމެރިކާއާއި ރަޝިއާ އާ ދެމެދު ހިނގި ސިއްރު މަޝްވަރާތައް ބިނާވެފައިވަނީ ޔޫކްރެއިން ހަނގުރާމަ އެހެން ގައުމަކަށް ފުޅާވެދާނެތީއާއި ނޭނގުމެއްގެ ތެރެއިންވެސް ނިއުކްލިޔާ ހަތިޔާރެއް ނުވަތަ އެނޫންވެސް ފަނާކުރަނިވި ހަތިޔާރެއް ބޭނުންކުރުމުގެ ނުރައްކާ ކުޑަކުރުމާބެހޭގޮތުންނެވެ. ސިއްރު މަޝްވަރާތައް ހިނގިކަމަށްވަނީ އެމެރިކާގެ ގައުމީ ސަލާމަތާބެހޭ މުސްތަޝާރު ޖެކް ސްލީވަން އާއި ރަޝިއާގެ ރައީސް ވްލަޑިމީރު ޕޫޓިންގެ މުސްތަޝާރަކާ ދެމެދު ފޯނުގެ ޒަރީއާއިންނެވެ.

ޔޫކްރެއިން ހަނގުރާމައާގުޅޭ ސިއްރުވާހަކަތަކެއް އެމެރިކާއާއި ރަޝިއާއިން ދެއްކިކަމުގެ ޚަބަރު ފެތުރިފައިމިވަނީ ޔޫކްރެއިން ހަނގުރާމަ ނިމުމަކަށް ގެނައުމާބެހޭގޮތުން ރަޝިޔާއާ މަޝްވަރާ ކުރުމަށް އެމެރިކާއިން ޔޫކްރޭނަށް ބާރުއަޅަމުންދާ ކަމަށް، އެމެރިކާގެ ނޫހެއްކަމަށްވާ ވޮޝިންޓަން ޕޯސްޓުން ބުނެފައިވަނިކޮށެވެ.

ރަޝިޔާއާ މަޝްވަރާކޮށްގެން ހަނގުރާމަ ނިމުމަކަށް ގެނައުމަށާއި އަދި ރަޝިއާއާ މަޝްވަރާ ކުރުމަށް ޔޫކްރެއިންގެ ރައީސް ވްލަޑިމީރު ޒެލެންސްކީ ގެންގުޅުއްވާ ހަރުކަށި ޝަރުތުތައް ދޫކޮށްލުމަށް އެމެރިކާގެ މަސްއޫލުވެރިން އޭނާއަށް ބާރުއަޅުއްވަމުން ގެންދަވާ ކަމަށް ވޮޝިންޓަން ޕޯސްޓު ބުނެއެވެ. ރަޝިއާއާ މަޝްވަރާކުރުމަށް ޒެލެންސްކީ ހުށަހަޅުއްވާ ޝަރުތުތަކުގެ ތެރޭގައި ރަޝިއާގެ ރައީސް ޕޫޓިން މަގާމުން ދުރުވެވަޑައިގަތުން ހިމެނެއެވެ.

ސުލްހައާމެދު މިހާ ހަރުކަށި ޝަރުތެއް ގެންގުޅެން ޒެލެންސްކީއަށް ހިއްވަރުދިން ކަމުގެ ތުހުމަތު ކުރެވެނީ އެމެރިކާއާއި އިނގިރޭސިވިލާތުގެ މައްޗަށެވެ. ހަނގުރާމައިގެ ކުރީކޮޅު ޔޫކްރެއިން އިން ގެންދިޔައީ ރަޝިއާއާއެކު ސުލްހައިގެ ވާހަކަތައް ދައްކަމުންނެވެ.

އެވާހަކަތައް ހުއްޓާލުމަށް ޔޫކްރެއިންއިން ނިންމީ ރަޝިއާ ބަލިކުރެވޭވަރަށް ހަތިޔާރާއި ޖާސޫސީ މައުލޫމާތާއި އިގްތިސާދީ އެހީ ދޭނެކަމުގެ ގެރެންޓީ އެމެރިކާއާއި އިނގިރޭސިވިލާތުން ދިނުމާ ގުޅިގެންކަމަށް އެދުވަސްވަރުގެ ރިޕޯޓްތައް ބުނެފައިވެއެވެ.

ޔޫކްރެއިން ހަނގުރާމަ ނިމުމަކަށް ގެނައުމާބެހޭގޮތުން ރަޝިޔާއާ މަޝްވަރާ ކުރުމަށް އެމެރިކާ ޔޫކްރޭނަށް ބާރުއަޅާކަމަށް ވޮޝިންޓަން ޕޯސްޓުން ބުނެފައިވާއިރު މިއަދު އެމެރިކާގައި ފެށޭ އެމެރިކާގެ ކޮންގްރެސްގެ މިޑްޓާމް އިންތިޚާބު އިދިކޮޅު ރިޕަބްލިކަން ޕާޓީ ކާމިޔާބުކޮށްފިނަމަ ޔޫކްރެއިން އަށް އެހީވުމަށް އެންމެ ސެންޓެއްވެސް ޚަރަދުކުރުމުގެ ހުއްދަ ކޮންގްރެސްއިން ނުދޭނެކަމަށް އެޕާޓީގެ ބައެއް އިސްބޭފުޅުން ވަނީ ވިދާޅުވެފައެވެ. އެއީ އަސްކަރީގޮތުން ރަޝިއާ ބަލިކުރުމަކީ ޔޫކްރެއިން އަށް ކުރެވޭނެކަމެއް ނޫންކަމާއި އޭގެބަދަލުގައި އެމެރިކާގެ އެތެރޭގެކަންކަމަށް އިސްކަންދިނުމުގެ ސިޔާސަތެއް ރިޕަބްލިކަން ޕާޓީން ގެންގުޅޭތީއެވެ.

ބޭރުގެ ހަނގުރާމަތަކަށް ޚަރަދުކުރުމުގެ ހުއްދަ އެމެރިކާ ސަރުކާރަށް ދޭ ފަރާތަކީ ކޮންގްރެސް އެވެ. މިއަދު ފެށޭ އެމެރިކާގެ ކޮންގްރެސްގެ މިޑްޓާމް އިންތިޚާބުގައި އިދިކޮޅު ރިޕަބްލިކަން ޕާޓީންކޮންގްރެސްގެ އެއްގޭގެ އަޣްލަބިއްޔަތު ހޯދިނަމަވެސް ޔޫކްރެއިން ހަނގުރާމައަށް ޚަރަދު ކުރުމުގެ މައްސަލަ އެމެރިކާ ސަރުކާރަށް ކުރިމަތިވާނެއެވެ.

ރަޝިއާގެ ރައީސް ބަދަލުކޮށްގެން ނޫނީ ރަޝިއާއާ މަޝްވަރާކުރަން ޔޫކްރެއިންގެ ރައީސް ދެކޮޅު ހެއްދެވުމުގެ ސަބަބުން ޔޫކްރެއިން އަށް ދުނިޔޭގެ ހަމްދަރުދީ ގެއްލެމުންދާކަމަށް އެމެރިކާއަށް ގަބޫލުކުރެވޭކަމަށް އެމެރިކާގެ މަސްއޫލުވެރިންވަނީ ވިދާޅުވެފައެވެ. މިޝަރުތު ދޫކޮށްލުމަށްފަހު ރަޝިއާއާ މަޝްވަރާކުރުމަށް އެމެރިކާއިން ޔޫކްރެއިންއަށް ބާރުއެޅުމުގެ ބޭނުމަކީ ޔޫކްރެއިންއަށް ދުނިޔޭގެ ހަމްދަރުދީ ހޯދުމާއި ކޮންގްރެސްގެ އިންތިޚާބު އެމެރިކާގެ ރިޕަބްލިކަން ޕާޓީން ކާމިޔާބުކޮށްފި ހާލަތެއްގައި ކުރިމަތިވާނެ މައްސަލަތަކާ ކުރުމަތިލުމަށް ތައްޔާރުވުން ކަމަށް މުހައްލިލުން ވިދާޅުވެއެވެ.

އެމެރިކާގެ އެހެން ނޫހެއްކަމަށްވާ "ފޮރިން އެފެއާޒް" ގައިވާ ރިޕޯޓެއް ބުނާގޮތުން ހުޅަނގުން ކިތަންމެވަރަކަށް ހަތިޔާރާއި އިގްތިސާދީ އެހީ ދިނަސް އަސްކަރީ ގޮތުން ރަޝިއާ ބަލިކޮށް ރަޝިއާގެ މައްޗަށް ކާމިޔާބު ހޯދުމަކީ ޔޫކްރެއިންއަށް ކުރެވޭނެ ކަމެއްނޫނެވެ. އަނެއްކޮޅުން އެތައް ބިލިޔަންޑޮލަރަކުން ދިގުމުއްދަތަކަށް ޔޫކްރެއިންއަށް އެހީވުމަކީ ޚުދު އެމެރިކާގެ އިގްތިސާދަށްވެސް ކުރެވޭނެ ކަމަކަށް ނުވާނެއެވެ.

އެހެންކަމުން ޔޫކްރެއިން ހަނގުރާމަ ނިމޭނީ ރަޝިއާއާއި ޔޫކްރެއިން އާ ދެމެދު ވާހަކަ ދައްކައިގެން އެއްގައުމު އަނެއްގައުމަށް ދޫދީގެން ސުލްހައިގެ އެއްބަސްވުމެއްގެ ތެރެއިންކަން އެމެރިކާއަށްވެސް މިހާރުވަނީ ކަށަވަރުވެފައި ކަމަށާއި ޔޫކްރެއިން ހަނގުރާމައިގާ އެމެރިކާގެ ސިޔާސަތަށް އަންނަމުންދާ ބަދަލުތަކުގެ އަސްލަކީ އަސްކަރީ ގޮތުން ރަޝިއާ ބަލިކޮށްނުލެވޭނެކަން މިހާރު ޔަގީން ކުރެވޭތީ ކަމަށް "ފޮރިން އެފެއާޒް" މަޖައްލާ ބުނެއެވެ.

comment ކޮމެންޓް