އަސްކަރީގޮތުން ޔުކްރެއިން ބަލިވާތީ އެމެރިކާއިން ކަންބޮޑުވެއްޖެ

ޔުކްރެއިންއާއި ރަޝިއާ އާ ދެމެދު ހިނގަމުންދާ ހަނގުރާމަ

ވޮޝިންޓަން (20 ފެބްރުއަރީ 2024): ރަޝިއާއާއި ޔުކްރެއިންއާ ދެމެދު ހިނގަމުންދާ ހަނގުރާމައިގާ ރަޝިއާއިން ޔުކްރެއިންގެ އިތުރު ސިޓީއެއް ހިފުމުން އެމެރިކާއިން އެކަމާ މެދު ކަންބޮޑުވެއްޖެއެވެ.

އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސްއިން ބުނީ ޔުކްރެއިންގެ މި ސިޓީ ރަޝިއާގެ އަތްދަށަށް ދިޔުމަކީ ދެރަކަމެއް ކަމަށާއި މިއީ ޔުކްރެއިންގެ ހަތިޔާރުގެ ގާބިލުކަން ދަށްވުމުގެ ސަބަބުން ރަޝިއާއަށް ލިބުނު ކުރިއެރުމެއް ކަމުގައެވެ.

އެމެރިކާ ދެކޭގޮތުގައި ޔުކްރެއިންގެ ހަތިޔާރުގެ ގާބިލުކަން ދަށަށް ދިޔައީ ޔުކްރެއިނަށް ގިނަ އަދަދެއްގެ ހަތިޔާރު ފޯރުކޮށްދިނުމަށް ގޮވާލާ ބިލް އެމެރިކާގެ ކޮންގްރެސްގައި ތާށިވެފައި އޮތުމުންނެވެ. އެ ބިލް ފާސްކުރުމަށް ވޯޓު ދިނުމަށް އިދިކޮޅު ރިޕަބްލިކަން ޕާޓީގެ ބައެއް މެންބަރުން ވަނީ ދެކޮޅު ހަދާފައެވެ.

ރަޝިއާއިން އަލަށް ހިފި ޔުކްރެއިންގެ ސިޓީއަކީ "އަވްދީވްކާ"އެވެ. މިއީ ރަޝިއާ ހިފާފައިވާ ޔުކްރެއިންގެ ދޮނިޔެސްކް ސަރަހައްދުގައި މީގެ ކުރިން ރަޝިއާގެ އަތްދަށަށް ނުގޮސް އޮތް ސިޓީއެކެވެ. ނަމަވެސް ރަޝިއާގެ ހަމަލާތަކުގައި އެ ސިޓީ ވަނީ އެއްކޮށް ހަލާކުވެ ފުނޑުފުނޑުވެފައެވެ.

"އަވްދީވްކާ" ސިޓީގެ ރައްޔިތުންވަނީ ޔުކްރެއިންގެ އެކި ސަރަހައްދުތަކަށާއި ޔުކްރެއިނަށް ވާގިވެރިވާ ޔޫރަޕްގެ އެކި ގައުމުތަކަށް ރެފިއުޖީންގެ ގޮތުގައި ހިޖުރަކޮށް ވިއްސިވިހާލިވެފައެވެ.

ޔުކްރެއިނަށް އަސްކަރީ ގޮތުން އެންމެ ބޮޑަށް ވާގިވެރިވާ އެމެރިކާ ދެކޭގޮތުގައި "އަވްދީވްކާ" ހިފުމުގައި ރަޝިއާއަށް ކާމިޔާބު ލިބުނީ ޔުކްރެއިން އަށް އެކަށީގެންވާ ވަރަށް ހަތިޔާރު ފޯރުކޮށް ނުދެވޭތީ ޔުކްރެއިން ސިފައިންގެ ހަތިޔާރުގެ ގާބިލްކަން ދަށަށް ދިޔުމުގެ ސަބަބުންނެވެ.

އެމެރިކާގެ އިތުރުން ދެން ޔުކްރެއިނަށް ހަތިޔާރު ފޯރުކޮށްދެނީ ނޭޓޯގައި ހިމެނޭ ޔޫރަޕްގެ ގައުމުތަކުންނެވެ. މިކަމުގެ ސަބަބުން ޔުކްރެއިން ހަނގުރާމަވަނީ ދިގުލައިގެން ގޮސްފައެވެ. ޔުކްރެއިނުން ރަޝިއާއާ އެކު ސުލްހައިގެ މޭޒުދޮށަށް ގޮސް ދެ ގައުމު ވާހަކަ ދައްކައިގެން މައްސަލަ ހައްލުކުރަން އެމެރިކާއާއި ޔޫރަޕް ދެކޮޅު ހަދައެވެ.

އޭގެ ބަދަލުގައި އެމެރިކާއާއި އެމެރިކާގެ ވަށައިގެން އެނބުރޭ ޔޫރަޕްގެ ގައުމުތައް ބޭނުންވަނީ ޔުކްރެއިނަށް ހަތިޔާރު ދީގެން ޔުކްރެއިން ލައްވައި ރަޝިއާ އަސްކަރީ ގޮތުން ބަލިކުރުމަށެވެ.

ފާއިތުވި ދެ އަހަރު ތެރޭގައި އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުން ކެނޑިނޭޅި ޔުކްރެއިނަށް ހަތިޔާރާއި ޖާސޫސީ މައުލޫމާތާ އަދި ކުލީ ސިފައިން ފޯރުކޮށްދެމުން ގެންދިޔަ ނަމަވެސް ރަޝިއާ ވަނީ ޔުކްރެއިންގެ ބިމުގެ ގާތްގަނޑަކަށް 20 އިންސައްތަ ހިފާފައެވެ. ރަޝިއާ ހިފި ބިންތައް އަލުން އަނބުރައި ހޯދުމަށް މިދިޔަ އަހަރުގެ ޖޫންމަހު ޔުކްރެއިނުން ފެށި ރައްދު ހަމަލާތައް ވެސް ކާމިޔާބެއް ނޫނެވެ. އެ ހަމަލާތަކުގެ ސަބަބުން ރަޝިއާއިން ހިފާފައިވާ އެއްވެސް ސަރަހައްދެއް އަދި ސިޓީއެއް ޔުކްރެއިނަށް މިނިވަން ކުރެވިފައެއް ނުވެއެވެ.

އެމެރިކާއާއި އެމެރިކާގެ ވަށައިގެން އެނބުރޭ ނޭޓޯގެ ގައުމުތައް ބޭނުންވަނީ ޔުކްރެއިނަށް ހަތިޔާރާއި އަސްކަރީ އަދި އިގްތިސާދީ ވަސީލަތްތައް ފޯރުކޮށްދީގެން އަސްކަރީ ގޮތުން ރަޝިއާ ބަލިކުރުމެވެ. ނަމަވެސް ރަޝިއާއަކީ އެމެރިކާއަށް ވުރެ ވެސް ގިނައިން ހަތިޔާރު އުފައްދާ ގައުމަކަށްވެފައި ރަޝިއާއަކީ ދުނިޔޭގެ އެއްވަނަ ނިއުކްލިޔާ ބާރުކަމުން އަސްކަރީ ގޮތުން ރަޝިއާ ބަލިކުރުމަކީ އެމެރިކާއާއި ޔޫރަޕްގެ އެހީ ކިތަންމެ ވަރަކަށް ލިބުނު ނަމަވެސް ޔުކްރެއިނަށް ކުރެވޭނެ ކަމެއްނޫންކަމަށް އަސްކަރީ ތަޖުރިބާކާރުން ދެކެއެވެ.

comment ކޮމެންޓް