ސިއްކަގެ ދިފާއުގައި ނަޝީދު: އިއުތިރާފް ކުރުވީ އަނިޔާކޮށްގެން!

ރައީސް ޞާލިހާއި ރައީސް ނަޝީދުގެ އިތުރުން މެޑަމް ފަޒްނާ-- ފޮޓޯ: މަޖިލިސް

ނޮވެމްބަރު 3ގެ އުދުވާނީ ހަމަލާގައި ބައިވެރިވި ކަމަށް ސިއްކަ އަހްމަދު އިސްމާއީލް މަނިކު އެއްބަސްކުރުވީ އަނިޔާކޮށްގެން ކަމަށް، ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ސިއްކަ އިސްމާއީލަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަނބިކަނބަލުން ފަޒްނާ އަޙްމަދުގެ ބައްޕާފުޅެވެ. އަދި ސިއްކަ ކައިވެނިބައްލަވައިގެން އުޅުއްވަނީ ނަޝީދުގެ ބޮޑުދައިތާފުޅާއެވެ.

ނޮވެމްބަރު 3 މި ސަރުކާރުން ފާހަގަ ނުކުރާ ކަމަށް ވިދާޅުވެ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އިދިކޮޅުން އަންނަނީ ފާޅުވިދާޅުވަމުންނެވެ. އަދި ޔާމީން އިއްޔެ ވަނީ ނޮވެމްބަރު 3 އަކީ "ސިއްކަ ޑޭ" ކަމަށް ވިދާޅުވެ އިނގިރޭސި ޅެމަކުން ފާޑު ވިދާޅުވެފައެވެ.

ނަޝީދުގެ ރަސްމީ ޓްވިޓާ އެކައުންޓުން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އުދުވާނީ ހަމަލާއާ ގުޅުވައިގެން ސިއްކަގެ އަބުރަށް އަރައިގަތުން ބަލައި ނުގަނެވޭ ކަމަށެވެ.

"އޭނާއަށް އިންތިހާއަށް އަނިޔާކޮށް މަރުގެ ތުންފަތްމައްޗަށް ގެނެސް އޭނާ އަތުން ނެގި އިއުތިރާފްގެ ބަޔާނަކީ ބޮޑު އޮޅުވާލުމެއް،" ނަޝީދު ވިދާޅުވިއެވެ.

ނަވާރަ ދިވެހިން ޝަހީދުކޮށްލި، އުދުވާނީ ހަމަލާގައި ބައިވެރިވި ކަމަށް ސިއްކަ ތަހުގީގުގައި އިއުތިރާފް ވުމާއެކު 15 އަހަރުގެ ޖަލު ހުކުމެއް 1988 ވަނަ އަހަރު އިއްވިއެވެ. ނަމަވެސް ދެ އަހަރު ޖަލުގައި ބޭއްވުމަށް ފަހު އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވަނީ ސިއްކައަށް މާފް ދެއްވައިފައެވެ.

މީގެ ކުރިން ނޮވެމްބަރު 3 ފާހަގަ ކުރުމަށް ސަރުކާރުން ޖަލްސާތައް ބާއްވައެވެ. ނަމަވެސް މިހާރު އެކަމެއް ނުކުރެއެވެ. ނަމަވެސް ރައީސް ޞާލިޙް އިއްޔެ ވަނީ ރައީސް އޮފީހުގެ ވެބްސައިޓް މެދުވެރި ކުރައްވައި ޚިތާބެއް ނެރުއްވައިފައެވެ.

ނަސްރުގެ ދުވަސް ކުލަގަދަކޮށް ފާހަގަ ނުކުރާތީ ސޯޝަލް މީޑިއާގައި ވެސް އާއްމުން އަންނަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ. އަދި ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ އެމްއާރްއެމްއިން ވެސް ވަނީ އެ ދުވަސް ކުލަ ގަދަކޮށް ފާހަގަ ކުރަން ގޮވާލައިފައެވެ.

comment ކޮމެންޓް