ވައުދުތައް ނުފުއްދާ ކަމަށް ބުނެ އެމްޑީޕީ ކައުންސިލަރަކު އެމްއެންފީއަށް

ގަމުގެ އެމްޑީޕީއަށް ނިސްބަތްވާ ކައުންސިލް މެމްބަރު، އައިޝަތު ލީޒާ --

ލ. ގަމާ ގުޅިފައިވާ އިންތިޚާބީ ވައުދުތައް ފުއްދުމަށް ސަރުކާރުން ނުކުޅެދިފައިވާކަމަށް ބުނެ ގަމުގެ އެމްޑީޕީއަށް ނިސްބަތްވާ ކައުންސިލް މެމްބަރު، އައިޝަތު ލީޒާ އެމްއެންޕީއަށް ސޮއިކޮށްފިއެވެ.

މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި އޭނާ ހިއްސާ ކޮށްފައިވާ ޕޯސްޓެއްގައި ވަނީ ދާއިރާގެ މަޖިލިސް މެންބަރުކަމާއި، ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ހުރިހާ ގޮނޑިތައް ރައްޔިތުން އެމްޑީޕީއަށް ދިނީ ވަރަށް ބޮޑު އުންމީދަކާ އެއްކޮށް ކަމަށެވެ. ނަމަވެސް، ގަމާ ގުޅިފައިވާ އިންތިހާބީ ވައުދުތައް ފުއްދުމުގައި ސަރުކާރު ވަނީ ނުކުޅެދިފައި ކަމަށް އޭނާ ބުންޏެވެ.

"ރިޔާސީ ވެރިކަމެއް ހިނގަމުން ދިޔައެއްކަމަކު، އިދާރީ ދާއިރާތައް ހިންގުމުގެ ބާރު ދިނުމަށް ރައްޔިތުން އިންތިހާބުކުރާ ކައުންސިލަރުންނަށް ވުރެ ބޮޑަށް ބަރުލަމާނުގެ ބާރުވެރިކަން ގަދަވެ، ލާމަރުކަޒީ ނިޒާމު ތަޣައްޔަރުވެއްޖެ،" ލީޒާ ސޯޝަލް މީޑިއާގައި ހިއްސާކޮއްފައިވެއެވެ.

މީގެ އިތުރުން އެ ޕޯސްޓުގައި ވަނީ، ގިނަ ބައެއްގެ މައްޗަށް އެކުލެވޭ އެމްޑީޕީ އަކީ މަދުބައެއްގެ ފަރުދީ މަންފާއަށްޓަކައި ބޭނުންކުރާ ހަތިޔާރަކަށް މިހާރު ބަދަލުވެފައި ވާކަމަށެވެ. އަދި އާންމު މެންބަރުންގެ ބައިވެރިވުމާއި ތަމްސީލުވުން މިހާރު އެމްޑީޕީން ކެނޑިފައިވާ ކަމަށް ލީޒާ ތުހުމަތު ކުރިއެވެ.

"ޕާޓީއަށްޓަކައި އެތަކެއް އަހަރުތަކެއް ވަންދެން އެތަކެއް ގުރުބާނީއެއްވީ ފަރާތްތައް އެކަހެރި ކުރުމަށް ފަހު، ފަރުދީ މަސްލަހަތު ހިމާޔަތްކުރުމުގެ ވަސީލަތަކަށް އެމްޑީޕީ ބަދަލުވެއްޖެ،" އެ ޕޯސްޓުގައި ވެއެވެ.

އެމްޑީޕީގެ ކައުންސިލް މެންބަރަކު އެ ޕާޓީން ވަކިވެފައި ވަނީ، އެ ޕާޓީގެ ތެރޭގައި ފިކުރު ތަފާތުވެ، ދެ ފެކްޝަނެއް އުފެދިފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން އެއް ފަޅީގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާއިދު ކުރައްވާ މެންބަރުން ތިއްބަވާ އިރު އަނެއް ފަޅީގައި ތިއްބަވަނީ ޕާޓީގެ ރައީސް މުޙައްމަދު ނަޝީދަށް ތާއިދު ކުރައްވާ މެންބަރުންނެވެ.

comment ކޮމެންޓް