ފޯޅަވަހީގެ މައްސަލައިގެ ސިޔާސަތު ބަދަލުވި ގޮތް ސާފުކޮށްދޭން ޖެހޭ: އެމްއާރުއެމް

ރައީސް މައުމޫނު އަބްދުލް ގައްޔޫމު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލު ކުރެއްވުން --- ފޮޓޯ: ޓްވިޓާ

ފޯޅަވައްސަކީ މޮރިޝަސްގެ ސިޔާދަތީ ބާރު އޮންނަ ތަނަކަށް ހަދަން ސަރުކާރުން ތާއިދު ކުރަން ނިންމި ސަބަބު ސާފުކޮށް ދިނުމަށް، ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ، މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރުއެމް) އިން މިއަދު ގޮވާލައިފިއެވެ.

ފޯޅަވަހީގެ މައްސަލައިގައި ސަރުކާރުން ނިންމާފައި ވަނީ، ފޯޅަވަހީގެ މައްޗަށް އޮތް މޮރިޝަސްގެ ސިޔާދަތީ ބާރާ ބެހޭ ގޮތުން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)އިން ނިންމާފައިވާ ނިންމުމަށް އދ.ގައި ތާއިދު ކުރުމަށެވެ. އެއާއެކު ރާއްޖޭގެ އިގްތިސާދީ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލުމުގެ ބިރު ވަނީ ހީވެފައެވެ.

https://sun.mv/169646

އެ މައްސަލައިގައި އެޓާނީ ޖެނެރަލްގެ އޮފީހުން ބުނީ އިނގިރޭސިވިލާތުން ފޯޅަވަހި މޮރިޝަސްއާ ހަވާލުކުރަންޖެހޭ ކަމަށް އައިސީޖޭއިން ނިންމާފައިވާ ނިންމުމަށް އދ. ގެ ޖެނެރަލް އެސެމްބްލީގައި ދޭ ވޯޓުގެ މައްސަލައާއި، ރާއްޖޭގެ ސަރަހައްދީ އިން ކަނޑައެޅުމާ ގުޅޭ ގޮތުން ޓްރައިބިއުނަލްގައި މިހާރު ކުރިއަށްދާ މައްސަލައަކީ ތަފާތު ދެ މައްސަލައެއް ކަމަށެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ، އެމްއާރުއެމްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރާއްޖެއަކީ ގައުމުތައް އަޅުވެތިރިކުރުމާ ދެކޮޅަށް އަބަދުވެސް ވޯޓް ދެމުން އައި ގައުމެއް ކަމަށާއި އެ ސިޔާސަތަކީ ހަމައެކަނި މިސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށެވެ.

މޮރިޝަސްއިން ބޭނުންވާގޮތަށް ފޯޅަވައްސަކީ މޮރިޝަސްގެ ބައެއްގެ ގޮތުގައި ހެދުމަށް ރާއްޖެއިން ކުރިން ދެކޮޅު ހަދަމުން ގެންދިޔަ ސަބަބަކީ އިނގިރޭސީންގެ އަތްދަށުން މޮރިޝަސް މިނިވަންވިއިރު ފޯޅަވައްސަކީ އެ ގައުމުގެ ބަޔަކަށް ނުވާތީ ކަމަށް ބަޔާނުގައި ބުންޏެވެ. އަދި ފޯޅަވަހި މޮރިޝަސްގެ ދަށަށް ހިނގައްޖެނަމަ ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ކުޑަވެ، ރާއްޖެއަށް ލިބެންވާ ގުދުރަތީ ވަސީލަތްތަކަށް އުނިކަން ލިބޭނެތީ އެއީވެސް ސަބަބެއް ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

"އެކަން އެގޮތަށް އޮތްއިރު، 2019ގައި މޮރިޝަސްގެ ސިޔާދަތު ފޯޅަވަހީގެ މައްޗަށް އޮތުމާ ދެކޮޅަށް ވޯޓު ދިނުމަށްފަހު، އެ ސިޔާސަތު ބަދަލުވި ސަބަބު ހާމަވެފައި ނެތުމުން، އޭގެ ތެރޭގައި ކަންތައްތަކެއް ވާނެ ކަމަށް ރައްޔިތުން ދެކޭތީ، ކަންހިނގައި ދިޔަގޮތް ހާމަކުރަން މުހިންމު ކަމަށް އެމްއާރުއެމްއިން ދެކެން،" ބަޔާނުގައިވެއެވެ.

ފޯޅަވަހީގެ މައްސަލައިގައި ސަރުކާރުގެ ސިޔާސަތު ކުއްލިއަކަށް ބަދަލު ކޮށްފައިވާއިރު، ކޯލިޝަންގައި ހިމެނޭ އެ ޕާޓީއަށް އެއްވެސް މައުލޫމާތެއް ދީފައި ނުވާ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.

https://sun.mv/169616

މި މައްސަލައަކީ ރާއްޖޭގެ އިގްތިސާދީ ސަރަހައްދާ ގުޅުންހުރި ކަމަކަށްވާއިރު މަސްވެރިކަމަށް ވެސް ނޭދެވޭ އަސަރެއް ކޮށްފާނެ ކަމަށް ބަޔާނުގައިވެއެވެ.

އަދި ސަރުކާރުން ސިޔާސަތު ބަދަލުކުރިއިރު ރައްޔިތުންގެ މަޖިލީހާއި ދިވެހި ފަންނީ މާހިރުންގެ ލަފާ ހޯދާފައި ނުވާތީ ހިތާމަ ކުރާ ކަމަށް ވެސް ބުންޏެވެ.

"އެހެންކަމުން، މިކަމުގެ ސައްހަ މައުލޫމާތު ވީ އެންމެ އަވަހަކަށް ރައްޔިތުންނާ ހިއްސާ ކޮށްދެއްވުމަށް ސަރުކާރަށް މި ޕާޓީން ގޮވާލަން. ރާއްޖޭގެ ސިޔާދަތީ ހައްގަކަށް އުނިކަމެއް ލިބިދާނެ އެއްވެސް ނިންމުމަކަށް އެމްއާރުއެމް އިން ތާއީދެއް ނުކުރާނެ،" ބަޔާނުގައިވެއެވެ.

ރާއްޖޭގައި 10 އަހަރު ވަންދެން އެޓާނީ ޖެނެރަލްކަން ކުރެއްވި، ޑރ. މުހައްމަދު މުނައްވަަރު ވެސް ވަނީ ފޯޅަވަހީގެ މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވެފައެވެ. ސަރުކާރުގެ ސިޔާސަތު ބަދަލު ކުރުމުގެ ފަހަތުގައި ވަނީ އިންޑިއާގެ ނުފޫޒު ކަމަށް ތުހުމަތު ކުރައްވައި އޭނާ ވަނީ މީގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ ސަރަހައްދުން ބައެއް ގެއްލުމުގެ ފުރުސަތު ބޮޑުކަމަށް ވިދާޅުވެފައެވެ.

ޑރ. މުނައްވަރަކީ ފޯޅަވަހި މައްސަލައިގައި ސަރުކާރަށް ލަފާދިނުމުގައި މީގެކުރިން އިސްކޮށް އުޅުއްވި ބޭފުޅެކެވެ. މެރިޓައިމް ދާއިރާ އިން މަތީ ތައުލީމު ހާސިލް ކުރައްވާފައިވާ ޑރ. މުނައްވަރަކީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާ ބެހޭ ގާނޫނު ޑްރާފްޓްކުރި ބޭފުޅާއެވެ.

މި މައްސަލައާ ގުޅިގެން އިދިކޮޅުން ވެސް ވަނީ ސަރުކާރަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައެވެ. އެގޮތުން މޮރިޝަސްއަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ވިއްކާލީ ކަމަށް ތުހުމަތު ކުރިއެވެ.

comment ކޮމެންޓް