އައްޑޫ ސިޓީގެ ދެކުނުން އޮންނަ ޗާގޯސް އައިލެންޑްސް އަކީ މޮރީޝަސްގެ ބާރު ހިނގާ ތަނަކަށް ހަދަން ކުރަމުންދާ މަސައްކަތަށް ތާއީދު ކުރާ ގޮތަށް ދިވެހި ސަރުކާރުގެ ސިޔާސަތު ބަދަލުކުރުގައި އިންޑިއާގެ ނުފޫޒު އޮތް ކަމަށް ކުރީގެ އެޓާނީ ޖެނެރަލް ޑރ. މުޙައްމަދު މުނައްވަރު ތުހުމަތު ކުރައްވައިފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ. މުނައްވަރު ވިދާޅުވީ ޗާގޯސް ނުވަތަ ފޯޅަވަހި މޮރީޝަސްގެ ބާރުގެ ދަށަށް ދިޔުމުން އިންޑިއާ ކަނޑުގެ ފުރިހަމަ ކޮންޓްރޯލް އިންޑިއާއަށް ލިބުނީ ކަމަށެވެ.
އޭނާ ވިދާޅުވީ މޮރިޝަސްއަކީ އިންޑިއާ ވަރަށް ގާތް ގުޅުމެއް އޮންނަ ގައުމެއް ކަމަށެވެ. އަދި އެ ގައުމުގެ އާބާދީގެ ބޮޑުބަޔަކީ ވެސް އިންޑިއާ ނަސްލުގެ މީހުން ކަމަށް ޑރ. މުނައްވަރު ވިދާޅުވިއެވެ.
"އެހެންވީމަ މިވާގޮތަކީ މޮރީޝަސްއާއި އިންޑިއާ މި އޮންނަ ގާތް ގުޅުމުގެ ތެރެއިން މޮރީޝަސްއަށް ތަން ލިބުމަކީ އިންޑިއާ ބުރަވާނެ ގޮތް،" ޑރ. މުނައްވަރު ވިދާޅުވިއެވެ.
ފޯޅަވަހި މޮރިޝަސްގެ ބާރުގެ ދަށަށް ދިޔުމުން އިންޑިއާގެ ހުއްދަ ނުލިބި އިންޑިއާ ކަނޑުގެ އެއްފަރާތުން އަނެއް ފަރާތަށް ހުރަސް ނުކުރެވޭނެ ކަމަށެވެ.
އެ މައްސަލައިގައި ސަރުކާރުގެ ސިސަތު ބަދަލުވިގޮތާ މެދު އޭނާ ވަނީ ގިނަ ސުވާލުތަކެއް އުފައްދާފައެވެ.
"މައްސަލަ ހުށަހަޅައިގެން އަޅުގަނޑުމެން އިޖުރާއީ ނުކުތާއެއްގޮތަށް މި ދައްކަނީ. ވަލުދޮރާށިން މި ވަންނަނީ. މިއުޅެނީ ސިޔާދަތު ކަށަވަރު ކުރާށޭ. އޭގެ ކުޑަކުވަސްކޮޅެއް ފަހުން ސިޓީއެއް ބޮޑުވަޒީރަށް މި ފޮނުވަނީ. ކާކު ބުނެގެން. ފޮނުވަންޖެހޭ އެއްޗެއްތޯ. ކާކު ބުނީ ފޮނުވަންޖެހެއޭ. މި ސިޓީ މި ފޮނުވަނީ މާތްކަލާކޯ އަޅުގަނޑު ގަބޫލުކޮށްފީމޭ މިހާރު ތިއީ ކަލޭމެންގެ ތަނެކޭ. އިހައްދުވަހު ޒުވާބު ކުރީ އެއީ ތަނެއް ނޫނޭ ކިޔާފަ. މިހާރު މިއޮތީ ބުނެފަ. ކުއްލިއަކަށް ހުވަފެނެއް ފެނުނީ؟،" ޑރ. މުނައްވަރު ވިދާޅުވިއެވެ.

ފޯޅަވަހި މައްސަލައާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ޑރ. މުނައްވަރު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --- ސަން ފޮޓޯ/ އިބްރާހީމް ޝަމްވީލް
ޑރ. މުނައްވަރަކީ ފޯޅަވަހި މައްސަލައިގައި ސަރުކާރަށް ލަފާދިނުމުގައި މީގެކުރިން އިސްކޮށް އުޅުއްވި ބޭފުޅެކެވެ. މެރިޓައިމް ދާއިރާ އިން މަތީ ތައުލީމު ހާސިލް ކުރައްވާފައިވާ ޑރ. މުނައްވަރަކީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާ ބެހޭ ގާނޫނު ޑްރާފްޓްކުރި ބޭފުޅާއެވެ.
މި މައްސަލައާ ގުޅިގެން އެޓާނީ ޖެނެރަލް އޮފީހުގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ހުސައިން ހަސަން ވިދާޅުވެފައި ވަނީ އިމުގެ މައްސަލައިގައި ރާއްޖޭގެ ސްޓޭންޑް ބަދަލު ނުވާ ކަމަށެވެ.
"އެއީ މޮރިޝަސްގެ ފަރާތުން ހުށަހެޅި މައްސަލައެއް. މި މައްސަލައިގެ ސްޑޭންޑެއް ބަދަލެއް ނުވޭ. ރާއްޖެއިން އެއްވެސް ތަނެއް ދޫކޮށްލާ ގޮތަކަށް ނޫން މި ތިބީކީ،" ހުސައިން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ދަ ލޯ އޮފް ދަ ސީ، މުއާހަދާގެ ދަށުން އެ މައްސަލަ މައުޟޫއީ ގޮތުން އިޓްލޮސްއިން ބަލައި، އެ މުއާހަދާގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތަށް، ފުށުއަރާ ކަނޑުގެ ސަރަހައްދުތަކުގެ އިންތައް ކަނޑައަޅާނެ ކަމަށެވެ.
"ބައިނަލްއަގްވާމީ އުސޫލުތަކަށް ރިއާޔަތްކުރާއިރު، ޢާންމު އުސޫލެއްގެ ގޮތުން މިފަދަ ބައުންޑަރީތައް ކަނޑައަޅަނީ އިކުއިޑިސްޓެންސްގެ ހަމަހަމަ އުސޫލަށް ބިނާކޮށްގެން،" ހުސައިން ވިދާޅުވިއެވެ.
ނަތީޖާއަކަށްވެގެންދާނީ، މުއާހަދާގައި ބަޔާންކޮށްފައިވާ ހަމަތަކާ އެއްގޮތަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުގެ އިންތައް ކަނޑައެޅި، ރާއްޖެއަށް އެ ސަރަހައްދުތަކުގެ މައްޗަށް ސިޔާދަތީ ހައްގުތައް ލިބިގެން ދިޔުން ކަމަށް ހުސައިން ވިދާޅުވިއެވެ.
ހުސައިން ވިދާޅުވީ ބަދަލުވީ ޗާގޯސްގެ މިނިވަންކަމާމެދު ރާއްޖޭގެ ނިންމުން ކަމަށެވެ. އެގޮތުން ޗާގޯސް އިސްތިއުމާރުކޮށްގެން ތިބި، ތިބުމާ ދެކޮޅަށް އދ. ގައި ރާއްޖެއިން ވޯޓު ދިނުމަށް ވަނީ ނިންމާފައެވެ.
"މޮރިޝަސްގެ ބޮޑުވަޒީރަށް ސިޓީފުޅެއް ފޮނުއްވާފައި، އެކަން ރައީސް ޞާލިހު ވަނީ ވިދާޅުވެފައި. އިޓްލޮސްގައި އޭޖީ ރިފްއަތު ފާހަގަ ކުރެއްވީ އެ ވާހަކަ. ޗާގޯސްއަކީ އެތަނުގެ އަސްލު ވަަޒަންވެރިންނަށް އަނބުރާ ލިބެންޖެހޭ ތަނެއްކަމަށް ރާއްޖެއިން ގަބޫލު ކުރޭ،" ހުސައިން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެ ސިޔާސަތު ބަދަލު ކުރީ އޭގެ ސަބަބުން ރާއްޖެއަށް ފައިދާވެގެންދާނެތީއެވެ.