މި ސަރުކާރުން ރާއްޖޭގެ ކަނޑުގެ ބޮޑު ބައެއް ވިއްކާލައިފި: ރައީސް ޔާމީން

ރައީސް ޔާމީން އަބްދުލްގައްޔާމުން ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ ރަށު ކެނދިކުޅުދޫގައި -- ފޮޓޯ/ ޕީޕީއެމް

މި ސަރުކާރުން ރާއްޖޭގެ ކަނޑުގެ ބައެއް ވިއްކާލާފައިވާކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ތުހުމަތު ކުރައްވައިފިއެވެ.

ރައީސް ޔާމީން މިއަދު ނ. އަތޮޅަށް ފެއްޓެވި ދަތުރުފުޅުގައި ކެނދިކުޅުދުއަށް ވަޑައިގެން ވިދާޅުވީ، ރާއްޖޭގެ ދެކުނަށް އޮންނަ ފޯޅަވައްސަކީ މޮރިޝަސްގެ ސިޔާދަތީ ބާރު އޮންނަ ތަނަކަށް ހަދަން ސަރުކާރުން ތާއިދު ކުރަން ނިންމުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށެވެ.

"މިއަދު ކޮން ސިއްރު އެގްރީމެންޓެއްގެ ވާހަކައެއްތޯ މި ދައްކަނީ. ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޮޑު ބައެއް އަޅުގަނޑު ދަންނަވާނީ ވިއްކާލާފައޭ އެއޮތީ. ލާރި ނެގި ބަޔަކު މިހާރު އޮންނާނީ ލާރި ނަގާފައި. އެގޮތަށް ގިނަ ބަޔަކު މިހާރު ގަބޫލުކުރަނީ. އެއީ ހިލޭ ކުރާވަރުކަމެއް ނޫން،" ރައީސް ޔާމީނު ވިދާޅުވިއެވެ.

މިމޭރުމުން ވާހަކަދައްކަވަމުން ރައީސް ޔާމިނު ވަނީ ވިއްކާލިކަމަށް ތުހުމަތު ކުރެވޭ ކަނޑުގެ ބޮޑުމިން ސިފަކޮށްދެއްވާފައެވެ.

"ކުރުކޮށް ބުނާނަމަ އެއީ ކެނދިކުޅުދޫގެ މިއޮތް އެންމެ ދިގު މަގުގެ 33 ގުނަ. ދިގުމިނާ އެއްވަރަށް ފުޅާ މިންވެސް ހުންނާނެ،" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ފޯޅަވަހި މައްސަލާގައި މޮރިޝަސްއަށް ތާއީދުކޮށް އެ ގައުމުގެ ބޮޑުވަޒީރަށް ސަރުކާރުން ފޮނުވި ސިޓީގެ ވާހަކަ ރައްޔިތުންނަށް އެނގެން ޖެހޭނެ ކަމަށެވެ.

ރައީސް ޔާމީނު ވިދާޅުވީ އެމަނިކުފާނުގެ ޓްރޭޑް މިނިސްޓަރުކަމުގައި ރާއްޖޭގެ އިގްތިސާދީ ކަނޑުގެ ސަރަހައްދުން ބޭރުގެ ފަރާތްތަކަށް ބޮޑު ކަންނެލީގެ މަސްވެރިކަން ކުރުމަށް ހުޅުވާލުމުން، ރާއްޖޭގެ ކަނޑު ބޭރު މީހުންނަށް ވިއްކާލިކަމަށް ބުނެ އެމްޑީޕީ އުފެއްދުމުގައި ކުރިން އުޅުނު ސިޔާސީ ވެރިން ވާހަކަދެއްކި ކަމަށެވެ.

އެ ސަރަހައްދަކީ އޭރު ދިވެހިން މަސްވެރިކަން ކުރަން ގޮސް އުޅުނު ސަރަހައްދެއް ނޫންކަން ފާހަގަކުރައްވަމުން ރައީސް ޔާމިނު ވިދާޅުވީ، އެމްޑީޕީން މީގެ ކުރިން ދެކޮޅު ހެދި އެތައް ކަމެއް މިހާރު އެ ޕާޓީން ކުރަމުންދާ ކަމަށެވެ.

ފޯޅަވަހީގެ މައްސަލައިގައި ސަރުކާރުން ނިންމާފައި ވަނީ، ފޯޅަވަހީގެ މައްޗަށް އޮތް މޮރިޝަސްގެ ސިޔާދަތީ ބާރާ ބެހޭ ގޮތުން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)އިން ނިންމާފައިވާ ނިންމުމަށް އދ.ގައި ތާއިދު ކުރުމަށެވެ.

އެ މައްސަލައިގައި އެޓާނީ ޖެނެރަލްގެ އޮފީހުން ބުނީ އިނގިރޭސިވިލާތުން ފޯޅަވަހި މޮރިޝަސްއާ ހަވާލުކުރަންޖެހޭ ކަމަށް އައިސީޖޭއިން ނިންމާފައިވާ ނިންމުމަށް އދ. ގެ ޖެނެރަލް އެސެމްބްލީގައި ދޭ ވޯޓުގެ މައްސަލައާއި، ރާއްޖޭގެ ސަރަހައްދީ އިން ކަނޑައެޅުމާ ގުޅޭ ގޮތުން ޓްރައިބިއުނަލްގައި މިހާރު ކުރިއަށްދާ މައްސަލައަކީ ތަފާތު ދެ މައްސަލައެއް ކަމަށެވެ.

މީގެ އިތުުރުން އދ.ގެ ޖެނެރަލް އެސެބްލީގައި ރާއްޖެއިން މޮރިޝަސްއާ އެއްކޮޅަށް ވޯޓު ލުމަކީ، ރާއްޖެއިން މޮރިޝަސްއާ ދެކޮޅަށް ޓްރައިބިއުނަލުގައި ވަކާލާތުކުރަމުން ގެންދާ މައްސަލަގައި ޖަވާބުދާރީ ވަމުން އައިސްފައިވާ އެއްވެސް ކަމަކަށް ނުވަތަ ސްޓޭންޑަށް އެއްވެސް ބަދަލެއް ގެންނާނެ ކަމެއް ނޫން ކަމަށް އެ އޮފީހުން ބުނެއެވެ.

ހަމައެއާއެކު ފޯޅަވަހީގެ މައްސަލައިގައި ކަމާބެހޭ ބައިނަލްއަގްވާމީ މުއާހަދާތަކާއި ގާނޫނީ އުސޫލުތަކާއި ނިންމުންތަކުގައިވާ ގޮތުގެ މަތިން ޓްރައިބިއުނަލްގައި ދިވެހިރާއްޖޭގެ މަސްލަހަތުތައް އެންމެ ފުރިހަމައަށް ދިފާއުކޮށްފައިވާނެ ކަމަށް އޭޖީ އޮފީހުން ވަނީ ބުނެފައެވެ.

comment ކޮމެންޓް