ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މިދިޔަ އަންގާރަ ދުވަހު ނިޔާވި ގދ. ހޯޑެއްދޫ ސްވެން، އަބްދުﷲ ރަޝީދުގެ މައްސަލައާ ގުޅިގެން ޕޯސްޓްމޯޓަމް ހަދަން ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)އިން ނިންމާފައިވާ ނިންމުން ބަދަލު ކޮށްދިނުމަށް އެދި އާއިލާއިން ފުލުހުންނަށް ހުށަހަޅައިފިއެވެ.
އަބްދުﷲގެ އާއިލާގެ ވަކީލުންގެ ފަރާތުން ޕޮލިސް ކޮމިޝަނަރު މުޙައްމަދު ހަމީދަށް ފޮނުވާފައިވާ ސިޓީގައި ބުނީ އޭނާ މަރުވި ސަބަބު ފުލުހުން ހައްޔަރު ކުރި ހިސާބުން ފެށިގެން ވަރަށް ސާފު ކަމަށެވެ.
އެގޮތުން އާދަޔާ ޚިލާފަށް އޭނާގެ މޭގައި ރިއްސައި ތަދުވާކަމަށާއި ނޭވާ ހާސްވާ ކަމަށް އަދި ސިއްހީ ފަރުވާ ވީހާވެސް އަވަހަށް ދިނުމަށް ފުލުހުން ގާތު އެދުނު އެދުމުން އެކަން ހާމަ ވާ ކަމަށް ސިޓީގައިވެއެވެ. އަދި އޭނާއަށް ވާގޮތުން އެއީ ހާޓް އެޓޭކެއް ޖެހެން އުޅޭ މީހުންނަށް އާންމުކޮށް ދިމާވާ އަލާމާތެއްކަން އާންމު މީހެއްގެ ވިސްނުމުން ބެލުމުންވެސް އެނގެން އޮތްކަމަކީ ދެވަނަ ސަބަބު ކަމަށް ސިޓީގައިވެއެވެ.
"އޭނާ ހައްޔަރު ކޮށްފައިވާ ލޯންޗު ކައިރިޔަށް ދިޔަ އެދާއިރާގެ މަޖިލިސް މެމްބަރާއި ކައުންސިލުގެ ނައިބު ރައީސް އަދި ހެލްތު ސެންޓަރުގެ މެނޭޖަރު އެދުމުން ވެސް އޭނާ ނުގެންދެވި، އޭނާ މަރުވުމަށް ދިމާވި ސަބަބަކީ މެޔަށް ތަދުވެގެން ފަރުވާ ނުދެވުނު ކަމަށް ފެންނަން އޮތް ތިން ވަނަ ސަބަބު،" ސިޓީގައިވެއެވެ.
ސިޓިގައި ބުނީ އެ މައްސަލައިގެ ވަށައިގެންވާ ކަންކަމަށް ރިއާޔަތް ކުރާއިރު އަބްދުﷲ މަރުވި ސަބަބެއް ކަމަށް ހާމަވާން އޮތީ ހާޓް އެޓޭކެއް ޖެހިގެން ކަމަށް ފެންނަން އެބައޮތް ކަމަށެވެ. އަދި އޭނާގެ މެޔަށް ތަދެއް އަރައި އެހާލަތުގައި އޭނާ މަރުވަންދެން ބެހެއްޓި ބެހެއްޓުމަކީ އެންޓި ޓޯޗާ ގާނޫނުގެ ތެރެއިން ބެލިކަމުގައި ވާނަމަ އެތަނުގައި ތިބި ފުލުހުންގެ ފަރާތުން ކުރެވުނު ލާއިންސާނީ އަނިޔާގެ އަމަލެއް ކަމަށް ބެލުމުގެ ފުރުސަތު އެބައޮތް ކަމަށް ސިޓީގައިވެއެވެ.
މީގެ އިތުރުން އޭނާ ފަރުވާއަށް އެދުމުން ފަރުވާ ދެވުނު ނަމަ އޭނާގެ ފުރާނަ ސަލާމަތް ކުރުމުގެ ބޮޑު އިހުތިމާލެއް އޮތްކަމަށް ޒަމާނީ ޑޮކްޓަރީ ފަރުވާ ދިނުމުގެ ކަންކަމުގެ މައްޗަށް ރިޔާއަތްކޮށް އެނގެން އޮތް ކަމަށް ސިޓީގައިވެއެވެ.
އަބްދުﷲ އަށް ފަރުވާ ދިނުން މަނާކޮށް ލަސްކުރުމުގެ ސަބަބުން އޭނާ ހާޓް އެޓޭކެއް ޖެހިގެން މަރުވި ސަބަބަކީ ފަރުވާ މަނާކޮށް ފަރުވާ ދިނުން ލަސްކުރުމުގެ ސަބަބުން ހިނގި ކަމެއް ކަމަށް ބެލެވޭ ކަމަށް އެ ސިޓީގައިވެއެވެ.
"ގާނޫނުލް އުގޫބާތުގެ 12 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިހުމާލުގެ އަމަލަކުން އިންސާނަކު މަރުވެއްޖެ ކަމުގައިވާ ނަމަ އެ އަމަލު ކުރިމީހާ އެކުރަނީ ކުށެއް ކަމަށް ކަނޑައަޅާފައިވާތީ އެ ފަރުވާކުޑަ އަމަލު ކުރި ފުލުހުންގެ ތަހުގީގެއް ކުރެވިދާނެ ކަމަށް ގާނޫނީ ނަޒަރިއްޔާތަކުން ބެލުމުން އެނގެން އެބައޮތް،" ސިޓީގައި ބަޔާންކޮށްފައިވެއެވެ.
ސިޓީގައި ބުނީ އަބްދުﷲ މަރުވި ސަބަބު ހާމަކަން ބޮޑު ގޮތެއްގައި ހެކިންގެ ހެކިބަހުންނާއި ޑޮކްޓަރުގެ މަރު ސާބިތުކުރާ ފޯމުން އެނގެން އެބައޮތް ކަމަށެވެ.
އެންއައިސީއިން ރޭ ނެރުނު ބަޔާނެއްގައިވާ ގޮތުން ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ އަބްދުﷲ މަރުވި މައްސަލައިގައި ފުލުހުންގެ އެއްވެސް އިހުމާލެއް ވޭތޯ ބެލުމަށް އެންއައިސީއިން އިސްނަގައިގެން ޖިނާއީ ތަހުގީގެއް ދަނީ ކުރަމުންނެވެ.
އެ ތަހުގީގު ކުރިއަށްގެންދަން ހަމަޖެހިފައި ވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ފުލުހުންނާ އެކީގައި، ފުލުހުންނާ ގުޅިގެން ހިންގާ ތަހުގީގެއްގެ ގޮތުގައި ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.
އެ ބަޔާނުގައިވާ ގޮތުން އެ ތަހުގީގުގައި ލީޑިން އިންވެސްޓިގޭޓަރުގެ ދައުރު އަދާކުރާނީ އެންއައިސީއިންނެވެ. އަދި ފުލުހުންގެ މައިގަނޑު ދައުރަކަށް ވާނީ ތަހުގީގަށް އެހީތެރިވެ ދިނުމެވެ.
"މި މައްސަލާގައި އިންސާފަށް ވާސިލުވުމަށް މުހިންމު ކަމަކަށް ވާތީ ތަހުގީގުގެ ބޭނުމަށް ކަނޑައެޅިފައިވާ އިޖުރާއަތުގެ ދަށުން މަރުހޫމް އަބްދުﷲ ރަޝީދުގެ ޕޯސްޓްމޯޓަމް ހެދުމަށް ނިންމާފައިވާކަން ދެންނެވީމެވެ." އެ ބަޔާނުގައިވެއެވެ.
އެ މައްސަލައިގައި އިންޓެގްރިޓީ ކޮމިޝަނުން ނެރުނު ބަޔާނަށް ރައްދުދީ ސިޓީގައި ބުނީ ފުލުހުންގެ އިހުމާލު ފިޔަވާ އާދަޔާ ޚިލާފު އިތުރުކަމެެއް ނޫނީ އަބްދުﷲ މަރުވުމަށް ޝައްކު ކުރެވޭ އިތުރު ކްރައިމް ސީނެއް މައްސަލައިގައި ހިނގާފައި ނުވާ ކަމަށެެވެ.
ވުމާއެކު އޭނާގެ ޕޯސްޓްމޯޓަމް ހެދުމަށް އެ ކޮމިޝަނާއި ފުލުހުން ނިންމި ނިންމުމަށް އަބްދުﷲގެ އާއިލާގެ ފަރާތުން ދެކޮޅު ހަދާ ކަމަށް ބަޔާން ކޮށްފައިވެއެވެ. އެހެން ކަމުން އިންޓަގްރިޓީ ކޮމިޝަނުގެ ނިންމުން އަލުން މުރާޖައާ ކޮށް ހަށިގަނޑު އާއިލާއާ ހަވާލު ކޮށް، އޭނާގެ ކަށުކަމާކެމީގެ ކަންތައްތައް އަވަހަށް ނިންމުމަށް ފުލުހުންގެ ފަރާތުން އެއްބާރުލުން ދިނުމަށް އެދިފައިވެއެވެ.
އެ މައްސަލަ ފުލުހަށް ހުށަހަޅާފައިވާއިރު ސީޕީ ހަމީދު މިއަދު ވިދާޅުވީ އެއީ ވަރަށް ހިތާމަވެރިކަމެއް ކަމަށެވެ.
އަބްދުﷲ މަރުވިތާ ތިން ދުވަސް ފަހުން ހިތާމަފާޅުކުރައްވައި، މިއަދު ކުރެއްވި ޓްވީޓެއްގައި ސީޕީ ވިދާޅުވީ އެ މައްސަލައިގައި ފުލުހުންގެ އިހުމާލެއް އޮތްތޯބެލުމަށް ހިންގާ ތަހުގީގަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށެވެ.